Roadha Mihaaru
ސެރީނާގެ މައްސަލައިގައި ފެޑެރާގެ ތަފާތު ހިޔާލެއް

ސެރީނާގެ މައްސަލައިގައި ފެޑެރާގެ ތަފާތު ހިޔާލެއް

05 ނޮވެމްބަރ 2018

ޕެރިސް (ނޮވެމްބަރު 5) - ސެޕްޓެމްބަރު މަހު އޮތް ޔޫއެސް އޯޕަން ފައިނަލުގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އާއި އެ މެޗުގެ އަމްޕަޔަރު ކާލޮސް ރާމޮސްއާ ޖެހުނު މައްސަަލައިގައި ސެރީނާ ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިއާ ރޮޖާ ފެޑެރާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ނޮވެމްބަރު 5) - ސެޕްޓެމްބަރު މަހު އޮތް ޔޫއެސް އޯޕަން ފައިނަލުގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އާއި އެ މެޗުގެ އަމްޕަޔަރު ކާލޮސް ރާމޮސްއާ ޖެހުނު މައްސަަލައިގައި ސެރީނާ ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިއާ ރޮޖާ ފެޑެރާ ބުނެފި އެވެ.

ޔޫއެސް އޯޕަން ފައިނަލުގައި ޖަޕާނުގެ ނައޯމީ އޮސާކާއާ ދެކޮޅަށް ކުޅުނު މެޗުގައި މައްސަލަ ޖެހުނީ ދެ ވަނަ ސެޓުގައި ސެރީނާގެ ކޯޗު ޕެޓްރިކް މޫރަޓޮގްލޫ މެޗުގެ މެދުތެރެއިން އިޝާރާތުން ސެރީނާ އަށް ކިޔައިދޭ މަންޒަރު ފެނުމުން އަމްޕަޔަރު ރާމޯސް އެކަމާ ފިޔަވަޅު އެޅުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ސެރީނާ ވަނީ އޭނާ މަކަރު ނަހަދާނެ ކަމަށް ބުނެ، އޭނާ ކުޅެން ގެންގުޅުނު ރެކެޓް ބިންމައްޗަށް އެއްލާލައިފަ އެވެ. އެއާ އެކު އަމްޕަޔަރު ރާމޯސް ވަނީ ސެރީނާ އަށް އިތުރު ފިޔަވަޅު އަޅައިފަ އެވެ؛

އަދި އެ ގޭމް ނިމުނު ފަހުން ސެރީނާ ވަނީ އަމްޕަޔަރު ރާމޯސް އަކީ ދޮގުހަދައި ވައްކަން ކުރާ މީހެއް ކަމަށް ބުނެފަ އެވެ. އެއާ އެކު އަމްޕަޔަރު ރާމޯސް ޖެހިގެން އައި ގޭމް ނައޯމީ އަށް ލިބުނު ކަމަށް ނިންމި އެވެ. އޭގެ ފަހުން ސެރީނާ އަށް ހަމަޖެހިނުލެވުނުއިރު، ނައޯމީ މެޗުން މޮޅުވި އެވެ. އެ މެޗަށް ފަހު ސެރީނާ ވަނީ އަމްޕަޔަރު ރާމޯސްއާ ސަލާމްކުރަން ވެސް ދެކޮޅު ހަދައިފަ އެވެ.

އެ މެޗަށް ފަހު ސެރީނާ ބުނީ އެއް ގޭމް އެއްކޮށް އޭނާ އަތުން ނެގީ ނުހައްގުން ކަމަށާއި އަމްޕަޔަރާ ހަޑިހުތުރު ބަހުން ފިރިހެން ކުޅުންތެރިން ވާހަކަ ދެއްކިއަސް އެއް ގޭމް އެއްކޮށް ނުނަގާ ކަމަށެވެ.

ޔޫއެސް އޯޕަން ފައިނަލުގައި ސެރީނާ (ކ) އާއި އަމްޕަޔަރު ރާމޯސް ވާހަކަދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ޔޫއެސް އޯޕަން ފައިނަލުގައި ސެރީނާ (ކ) އާއި އަމްޕަޔަރު ރާމޯސް ވާހަކަދައްކަނީ. -- ފޮޓޯ: އޭއެފްޕީ

"ސެރީނާ އަށް އޮތް އެ ހިސާބުން ވެސް އެކަން ދޫކޮށްލާފައި މެޗައިގެން ކުރިއަށް ދެވެން. އެ ކަންތައް އެއަށް ވުރެ ރަނގަޅަށް ހައްލު ކުރެވޭނެ. އޭނަ ކަންތައް ކުރީ މާ ގޯސްކޮށް. އިހުތިރާމްކުޑަކޮށް،" ޕެރިސް މާސްޓާސް ސެމީ ފައިނަލުގައި ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް އަތުން ބަލިވި މެޗަށް ފަހު ފެޑެރާ ބުންޏެވެ.

"އެ ކަންތައް އެހާ ބޮޑުކަމަކަށް ނަހަދާ އަމްޕަޔަރަށް ވެސް އޮތް އެހެން ނިންމުންތަކެއް ނިންމޭނެ ފުރުސަތު. އެކަމަކު މާ ގޯސްކޮށް ކަންތައް ދިޔައީ. މިއީ ޓެނިހުގައި ކުރިއަށް އޮތްތަނުގައި ގިނަ ފިލާވަޅުތަކެއް ނެގޭނެ މެޗެއް."

އެ މެޗުގައި ސެރީނާގެ ހަރަކާތްތައް ހުރި ގޮތުން އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ވަނީ ސެރީނާ 13،100 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

މި ފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ސެރީނާ ބޭނުންކުރި އާ ޖޯޒީ ކަމަށްވާ ކެޓްސޫޓް އަންނަ އަހަރު ނުލެވޭ ގޮތަށް އެ މުބާރާތް އިންތިޒާމްކުރާ ފަރާތުން ވަނީ ގަވާއިދެއް އެކުލަވާލަން ނިންމައިފަ އެވެ. ސެރީނާ އޭރު ވަނީ އެ ކެޓްސޫޓް ލައިގެން ހުންނައިރު ކުރެވެނީ "ސުޕަ ހީރޯ" އެއް ފަދަ އިހުސާސެއް ކަމަށް ބުނެފަ އެވެ. އަދި އެ ޖޯޒީ ބޭނުންކުރީ ދަރިއަކު ހޯދުމަށް ފަހު ކުޅުމަށް އެނބުރި އައިސް ފަސޭހައެއްގެ ގޮތުގައި ކަމަށެވެ.

ފެޑެރާ ބުނީ ޖޯޒީ ކަންތަކުގައި މީގެ ކުރިން ވަނީ މާ ގޯސް ކަންތައްތަކެއް ހިނގާފައި ކަމަށާއި ޖޯޒީ ކޯޑެއް އެކުލަވާލައި އެކަމަށް ހަރުކަށި އުސޫލުތަކެއް ގެންގުޅުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.