Roadha Mihaaru
ސެރީނާ އާއި ނައިކީ ގުޅިގެން ކަލެކްޝަނެއް

ސެރީނާ އާއި ނައިކީ ގުޅިގެން ކަލެކްޝަނެއް

19 އޯގަސްޓް 2021

އެމެރިކާގެ މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އާއި ނައިކީ ގުޅިގެން އަންހެނުންނަށް ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އާއި ނައިކީ ގުޅިގެން އަންހެނުންނަށް ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 1 އިން ފެށިގެން ވިއްކަން ހަމަޖެހިފައިވާ ކަލެކްޝަނަށް ދީފައިވާ ނަމަކީ ސެލީނާ ވިލިއަމްސް ޑިޒައިން ކްރޫ (އެސްޑަބްލިއުޑީސީ) އެވެ. މި ކަލެކްޝަނުގައި އަންހެނުންގެ ކުޅިވަރު ހެދުމާއި ބޫޓާއި އެކި ކަހަލަ އެކްސެސަރީޒްގެ އިތުރުން ސްޓްރީޓްވެއާ ވެސް ހިމެނޭނެ އެވެ. އަގުތައް އުޅޭނީ 20-230 ޑޮލަރާ ދެމެދުގަ އެވެ.

ކަލެކްޝަނުގައި ހިމެނޭ އައިޓަމްތަކުގެ ޑިޒައިން ޓީމްގައި ހިމެނެނީ އަރަމުން އަންނަ ޒުވާން ޑިޒައިނަރުން ކަމަށްވާ ނައިކީ އާއި ސެރީނާ ބުންޏެވެ.

ނައިކީން ބުނި ގޮތުގައި އެސްޑަބްލިއުޑީސީ ކަލެކްޝަންގައި ހިމެނޭ ބައެއް އައިޓަމްތަކަކީ ސީދާ ސެރީނާ އާއި 1990 ގެ ގެ ޑިޒައިންތައް އިންސްޕިރޭޝަނަކަށް ބަލައިގެން ފަރުމާކޮށްފައިވާ އެއްޗިއްސެވެ.

"ކޮންމެ އުފެއްދުމަކީ ވެސް ސީދާ ސެރީނާގެ ހިޔާލާއި މަޝްވަރާ ވެސް ލިބިގެން ވަރަށް ޑީޓެއިލްޑްކޮށް ގެނެސްދޭނެ އުފެއްދުމެއް،" ނައިކީން ބުންޏެވެ.

އެންމެ ކާމިޔާބު އަންހެނުން ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސެރީނާ، 39، ބުނީ އަންހެން އެތުލީޓުންނަށް ހާއްސަކޮށްގެން އުފެއްދުންތަކެއް ގެނެސްދިނުމާއި އޭނާ ކަހަލަ ކަޅު ނަސްލުގެ މީހެއް މެދުވެރިކޮށް މިފަދަ މަސައްކަތެއް ގެނެސްދިނުމަކީ އަންހެނުން ބޭރުވެރިކޮށް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ވެސް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"ވަރަށް ހުނަރުވެރި މިސްމީހުން އަހަރެމެންގެ ތެރޭގައި އެބަތިބި. މިކަހަލަ މަސައްކަތްތައް މެދުވެރިކޮށް ކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ ވެސް ފުރުސަތުތައް ހުރިކަމާއި އެ ފުރުސަތުތަކުގެ ބޭނުން ހިފަން އެންމެންނަށް ވެސް ހިތްވަރި ދިނުން،" ސެރީނާ ބުންޏެވެ. "މީހާގެ ނަސްލަކުން ކުލައަކުން ތަފާތުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ނައްތާލަން ޖެހޭ ކަމެއް."

ނައިކީގެ ގްލޯބަލް ޑައިވަސިޓީ އެންޑް އިންކްލޫޝަންގެ ވައިސް ޕްރެޒިޑެންޓް ޖާވިޒް ސޭމް ވިދާޅުވި ގޮތުގައި އެސްޑަބްލިއުޑީސީގެ ކަލެކްޝަން މަގުސަދަކީ ވެސް ޑައިވަސިފިކޭޝަނަށް މަސައްކަތްކުރުން ކަމަށެވެ. އަދި މިކަމުގައި ސެރީނާއާ ގުޅިގެން މަސައްކަތްކުރެވުމަކީ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.