Roadha Mihaaru
ބީބާގެ އަނބިމީހާއޭ ކިޔަސް މައްސަލައެއް ނެތް: ހޭއިލީ

ބީބާގެ އަނބިމީހާއޭ ކިޔަސް މައްސަލައެއް ނެތް: ހޭއިލީ

20 ސެޕްޓެމްބަރ 2021

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ ކައިވެނިކުރި ފަހުން، ބީބާގެ އަނބިމީހާއޭ ބުނެ މީހުން މުހާތަބު ކުރާތީ އެއީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށް މޮޑެލް ހޭއިލީ ބޯލްޑްވިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާ ކައިވެނިކުރި ފަހުން، ބީބާގެ އަނބިމީހާއޭ ބުނެ މީހުން މުހާތަބު ކުރާތީ އެއީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށް މޮޑެލް ހޭއިލީ ބޯލްޑްވިން ބުނެފި އެވެ.

ފެޝަން މޮޑެލްއެއްގެ އިތުރުން އާންމުންގެ ތެރޭގައި އެކި ދާއިރާތަކުން އާންމުންގެ ސަމާލުކަން ލިބުނު ހޭއިލީ 24 އާއި ބީބާ ކައިވެނިކުރީ 2018 ގަ އެވެ. ހުކުރު ދުވަހު "4ޑީ ވިތު ޑެމީ ލިވާޓޯ" ގައި ޝޯގައި ވާހަކަ ދައްކަމުން ހޭއިލީ ބުނީ މިހާރު ގިނަ ބަޔަކު އޭނާ ދަންނަނީ "ބީބާގެ އަންހެނުން" ގެ ގޮތުގައި ކަމަށެވެ. އެކަމަކު ކައިވެނީގެ ކުރިންނާއި މިހާރު ވެސް އޭނާ އަކީ އަމިއްލަ އަށް ވަރަށް ފުދިގެން އުޅޭ މުޅިން އަމިއްލަވަންތަ މީހެއް ކަމަށެވެ.

"މާ މަޝްހޫރު މީހަކާ ކައިވެނިކުރީމަ ބައެއް ފަހަރު އެ މީހެއްގެ އަމިއްލަ އައިޑެންޑިޓީ ގެއްލުންވޭ. އަހަރެންގެ ހަޔާތުގައި ވެސް އެކަން ނެތެކޭ ބުނާ ހިތެއް ނެތް. އެކަމަކު އަހަންނަށް އެއްވެސް މައްސަލައެއް ނޫން ބީބާގެ އަނބިމީހާއޭ ކިޔާފައި މުހާތަބުކުރިޔަސް،" ބެލޭ ޑާންސް އިން ވެސް ކުރިން އާންމުންގެ ލޯބި ހޯދި ހޭއިލީ ބުންޏެވެ.

އޭނާ ބުނީ ބީބާ ކަހަލަ މަޝްހޫރު މީހެއްގެ އަންބަކަށް ވިޔަސް "އަމިއްލަ ލައިފެއް، އަމިއްލަ ފައިސާ ވެސް އެބަހުރި" ކަމަށެވެ. އެހެންވެ ކޮންމެހެން ކައިވެންޏާ އެކީ މުޅިން އެހެން މީހަކަށް ބަރޯސާނުވާ ކަމަށް ބުންޏެވެ.

"ބައެއް ފަހަރު ދިމާކޮށްލުމުގެ ގޮތުން ވެސް އަހަންނާ ދިމާއަށް ބައެއް މީހުން ކިޔާނެ ބީބާގެ އަންހެނުންނޭ. އެފަދަ މީހުންނަށް އަހަރެން ބުނަން އޮތް ވާހަކަ އަކީ އެކަން އަހަންނަކަށް މައްސަލައަކަށް ނުވެއޭ،" ހެއިލީ ބުންޏެވެ. "އަހަންނަކީ ހަމަ އަސްލު ވެސް ބީބާގެ އަންހެނުން. އޭގައި ކޮބާ ދޮގެއް؟ ދެން މީސްމީހުން އުޅޭނެ ކިޔާފަނުކިޔާނެ އެއްޗެއް ނޭނގިގެން."

އޭނާ ކިޔައިދިން ގޮތުގައި ބީބާއާ ކައިވެނިކުރުމަކުން އަމިއްލަ ހަޔާތަށް މާ ބޮޑު ބަދަލެއް ވެސް ނާދެ އެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ވެސް ހަމަ އެ ގޮތުގައި އޮންނަ ކަމަށާއިު އެ މީހުންނާ ކުރިން ވެސް ބައްދަލުކޮށް އުޅޭ ގޮތަށް ބައްދަލުކޮށް ވެސް ހަދަ އެވެ.

"ދެން އަހަންނަށް ހަމަ ބުނަން ކެރިދާނެ އަހަރެންގެ އަމިއްލަ ކެރިއަރެއް ވެސް އެބައޮތޭ. އެކަމުގައި ނެތް ފިރިމީހާގެ އެއްވެސް ނުފޫޒެއް. ބީބާ އަކީ އަބަދު ވެސް ވަރަށް ސަޕޯޓިވް ފިރިއެއް،" ހޭއިލީ ބުންޏެވެ. "އެކަމަކު ދެރަވާ ތަންކޮޅަކީ އަހަރެންގެ އަމިއްލަ އައިޑެންޓިޓީއެއް ނެތްކަން ދޭހަވާ ގޮތަށް ބައެއް މީހުންގެ ވާހަކަތައް ހުންނާތީ."