Roadha Mihaaru
ރިންގް ރޯޑު ހެދި ގޮތުން ވެސް ބޮޑު ޖޫރިމަނާއެއް!

ރިންގް ރޯޑު ހެދީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް، އަނެއްކާވެސް ހައުސިން ޖޫރިމަނާ!

18 އޮކްޓޯބަރ 2018

ތާރު އަޅައިގެން، މާލޭ ބޮޑު ތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު ނުވަތަ ރިންގު ރޯޑުގެ މަސައްކަތާއި ފުވައްމުލަކުގެ ރިންގު ރޯޑުގެ މަސައްކަތް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރިއަށް ގެންގޮސްފައިވާތީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ އަނެއްކާވެސް ޖޫރިމަނާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތާރު އަޅައިގެން، މާލޭ ބޮޑު ތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު ނުވަތަ ރިންގު ރޯޑުގެ މަސައްކަތާއި ފުވައްމުލަކުގެ ރިންގު ރޯޑުގެ މަސައްކަތް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރިއަށް ގެންގޮސްފައިވާތީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ އަނެއްކާވެސް ޖޫރިމަނާކޮށްފި އެވެ.

މާލޭގެ ބިމުން ގަވާއިދާ ޚިލާފަށް ފެން ނެގި މައްސަލައިގައި 100،000ރ. އިން ޖޫރިމަނާކުރި ހައުސިން މިނިސްޓްރީ މިފަހަރު ޖޫރިމަނާ މިކުރީ، ގާތްގަނޑަކަށް 300،000ރ. އިންނެވެ.

އެންމެ ބޮޑު އަދަދަކުން މިފަހަރު ޖޫރިމަނާކުރީ، މާލޭގެ ދެކުނު ފަރާތާއި އުތުރު ފަރާތުގައި ހުރި ރުއްތަކާއި ގަސްތައް ކަނޑާލި މައްސަލައިގަ އެވެ. ސިނަމާލެ ބްރިޖާ ގުޅޭ މަގުތައް ހަދައި އެ މަގުތަކުގައި ޕާކްކުރާނެ ތަންތަން ލާން، ގިނަ އަދަދެއްގެ ގަސްތައް ހައުސިން މިނިސްޓްރީން ކަނޑާލީ ހުއްދަ ހޯދުމެއް ނެތި، ގަވާއިދާ ޚިލާފަށް ކަމަށް އީޕީއޭ އިން ބުންޏެވެ. މި މައްސަލައިގެ ޖޫރިމަނާގެ ގޮތުގައި 191،250 ރުފިޔާ ހައުސިން މިނިސްޓްރީން ދައްކަން ޖެހެ އެވެ.

އީޕީއޭ އިން ބުނިގޮތުގައި ބޮޑުތަކުރުފާނު މަގުގެ ވަށައިގެން ތާރު އަޅައި ރިންގު ރޯޑުގެ ނަމުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔައީ އީއައިއޭ ނުވެސް ހަދަ އެވެ. އަދި އެ މަޝްރޫއުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރާ ގުޅޭ ލިޔުން ހޯދަން އެ އެޖެންސީ ހުށައަޅާފައި ނުވާ ކަމަށް ކަމަށް ބުންޏެވެ.

އީއައިއޭއާ ނުލައި ރިންގު ރޯޑު ހެދި މައްސަލައިގައި، ޖޫރިމަނާކުރީ 20،000 ރުފިޔާ އިންނެވެ.

ފުވައްމުލަކު ރިންގު ރޯޑު ހަދާފައި ވަނީ ވެސް، އީޕީއޭ އިން ބުނިގޮތުގައި، އީއައިއޭއާ ޚިލާފަށެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓްރީ ޖޫރިމަނާކުރީ 60،000 ރުފިޔާ އިންނެވެ.

މި ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން އީޕީއޭ އިން ވަނީ އަންގައިފަ އެވެ.