Roadha Mihaaru
އުރީދޫ ކަލަ ރަން ނޮވެމްބަރު 23 ގައި ބާއްވަނީ

އުރީދޫ ކަލަ ރަން ނޮވެމްބަރު 23 ގައި ބާއްވަނީ

11 ސެޕްޓެމްބަރ 2018

އުރީދޫގެ ފޯރި ގަދަ "ކަލަ ރަން" އަންނަ ނޮވެމްބަރު 23ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އުރީދޫގެ ފޯރި ގަދަ "ކަލަ ރަން" އަންނަ ނޮވެމްބަރު 23ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ މިދިޔަ އަހަރު ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވި ދުވުން، މިއަހަރު ކުރިޔަށް ގެންދާނީ އިތުރު ފޯރި އާއި ތަފާތު ސަޕްރައިޒްތަކާ އެކު ކަމަށެވެ. އެ ކުންފުނިން އެ ދުވުން އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ.

"އުރީދޫ ކަލަ ރަން ފެށިގެންދިޔައީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ދުވުމަކީ ވަރަށް ފައިދާހުރި އަދި އެހާމެ އުފާވެރިކަން ގެނުވައިދޭ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއެކު. މިދިޔަ އަހަރުގެ ކުލަގަދަ އަދި އެހާމެ އުފާވެރިކަމުން ފުރިފައިވާ ކަލަ ރަން އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބޭފުޅުން ބައިވެރިވި ދުވުމަށްވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ހިތްވަރެއް. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ، މިއަހަރުގެ ކަލަ ރަން އަކީ ކުރިއަށް ވުރެ ވެސް ފޯރިގަދަ، އަދި ތަފާތު ދުވުމަކަށް ހެދުމަށް،" އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ކަލަ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ފަދަ މަޖާ އިވެންޓެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

މިދިޔަ އަހަރު ބޭއްވި އުރީދޫ ކަލަ ރަންގައި މީހުން ކުލަ ޖަހަނީ. މިއަހަރުގެ ދުވުން އަންނަ ނޮވެމްބަރު 23ގައި ބާއްވަން ވަނީ ހަމަޖައްސާފައި. ފޮޓޯ: އުރީދޫ

މިދިޔަ އަހަރު ބޭއްވި އުރީދޫ ކަލަ ރަންގައި މީހުން ކުލަ ޖަހަނީ. މިއަހަރުގެ ދުވުން އަންނަ ނޮވެމްބަރު 23ގައި ބާއްވަން ވަނީ ހަމަޖައްސާފައި. ފޮޓޯ: އުރީދޫ

"އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރެ އެވެ. އަދި ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ ހުނަރުވެރި މިޔުޒިކީ ފަންނާނުންގެ މިއުޒިކް އަޑުއިވިގެންދާނެ އެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށް ވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެ އެވެ." އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ ކަލަ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށް، ދުވުން ނިމުމުން އެންމެ އެންޓަޓެއިނިން ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ފަރާތްތައް ހޮވައި އިނާމުތައް ހޮވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ކަލަ ރަންގެ ރަޖިސްޓްރޭޝަން މަހުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް އުރީދޫ ކަލަ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، އެ ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް އުރީދޫ ކަލަ ރަން ގައި ބައިވެރިވުމަށް އުރީދޫ އިން ދައުވަތު އަރުވަމެވެ." އެ ކުންފުނިން ބުންޏެވެ.