Roadha Mihaaru
އުރީދޫގެ ހިދުމަތް ދޭ މަރުކަޒެއް ހުޅުމާލޭގައި ހުޅުވައިފި

އުރީދޫގެ ހިދުމަތް ދޭ މަރުކަޒެއް ހުޅުމާލޭގައި ހުޅުވައިފި

27 އެޕްރީލް 2017

އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި ކަސްޓަމަރުންނަށް ހިދުމަތް ދޭނެ މަރުކަޒެއް މިރޭ ހުޅުވައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި ކަސްޓަމަރުންނަށް ހިދުމަތް ދޭނެ މަރުކަޒެއް މިރޭ ހުޅުވައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ އުރީދޫން ހުޅުމާލޭގެ ނިރޮޅުމަގުގައި ހަދާފައިވާ "އުރީދޫ އެކްސްޕިރިއަންސް ސެންޓަރު" ހުޅުވައިދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން އެވެ.

އެ ކުންފުނިން ދޭ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ހަދާފައިވާ ޝޯރޫމް ހުޅުވައިދެއްވުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ނަޖީބު ވިދާޅުވީ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭން ކަމަށެވެ.

"އަގުގެ ގޮތުން ވެސް އެންމެ ރަނގަޅު ހިދުމަތެއް ދިނުމަށް. އަދި އަބަދުވެސް ދުނިޔޭގެ ފެންވަރު ހިދުމަތެއް ކަސްޓަމަރުންނަށް ދިނުމަށް މަސައްކަތްކުރަނީ،" އޭނާ ވިދާޅުވި އެވެ.

ނަޖީބު ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ބާރަށް އާބާދުވަމުން އަންނަ ސިޓީއެއް ކަމަށާއި އެހެންވެ ހުޅުމާލެއަކީ ޓެކްނޮލޮޖީގެ ހަބަކަށް ހަދަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އަލަށް ހުޅުވި ސެންޓަރުން ކަސްޓަމަރުން ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް. އަދި އުރީދޫން މަސައްކަތްކުރަނީ ހުޅުމާލެއަކީ ރާއްޖޭގައި ޓެކްނޮލޮޖީގެ ހަބަކަށް ހަދަން،" އޭނާ ވިދާޅުވި އެވެ.

"މިއީ ހުޅުމާލޭގައި އެކަންތައްތައް ތައާރަފްކުރުމަށް ކުރާ އާ ދަތުރުގެ ފެށުން. އަޅުގަނޑުމެން އެކަމަށް މިދަނީ މެދުނުކެނޑި މަސައްކަތްކުރަމުން."

ތަފާތު ގިނަ ވަސީލަތްތަކާ އެކު އުރީދޫގެ މައި މަރުކަޒު ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގައި ހެދުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ކުންފުނިން ހަދާ 12 ބުރީގެ އޮފީސް އިމާރާތުގެ މަސައްކަތް އަންނަ މަހު ފަށައި 15 ވަރަކަށް މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ.