Roadha Mihaaru
އުރީދޫން "އިސްރަށްވެހިޕްލޭން" ޕެކޭޖެއް ތައާރަފްކޮށްފި

އިސްރަށްވެހިންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫން ތައާރަފު ކޮށްފި

17 މެއި 2022

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން "އިސްރަށްވެހިޕްލޭން" ގެ ނަމުގައި 30 ޕަސެންޓްގެ ޑިސްކައުންޓާއި ހިލޭ ޑާޓާގައި ވައިބާ ބޭނުން ކުރެވޭނެ ޕޯސްޓް ޕެއިޑް ޕެކޭޖެއް އުރީދޫން މިއަދު ތައާރަފް ކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން "އިސްރަށްވެހިޕްލޭން" ގެ ނަމުގައި 30 ޕަސެންޓްގެ ޑިސްކައުންޓާއި ހިލޭ ޑާޓާގައި ވައިބާ ބޭނުން ކުރެވޭނެ ޕޯސްޓް ޕެއިޑް ޕެކޭޖެއް އުރީދޫން މިއަދު ތައާރަފް ކޮށްފި އެވެ.

ދުނިޔޭގެ މުވާސަލަތާ ބެހޭ ދުވަހާ ގުޅުވައިގެން ތައާރަފްކުރި މި ޕެކޭޖުގެ ބޭނުމަކީ ދުވަހުގެ ޝިއާރުގައި ވާ ގޮތަށް އިސްރަށްވެހިންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމަށް ހިތްވަރު ދިނުމާއި ފާގަތި، ދުޅަހެޔޮ ދިރިއުޅުމެއް އެ މީހުންނަށް މަގުފަހިކޮށްދިނުން ކަމަށް އުރީދޫން ބުނެ އެވެ.

މި ޕެކޭޖް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ. އެ ހަފުލާގައި އޭނާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގައި ބައިވެރިވާން އެ ޕެކޭޖުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އިންޓަނެޓަކީ މިހާރު އަސާސީ ބޭނުންތަކަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި ޓެކްނޮލޮޖީ އަށް ބަރޯސާވެފައި ވަނީ ހަމައެކަނި މުވާސަލާތު ކުރުމަށް ނޫން ކަމަށެވެ.

ތަފާތު މައުލޫމާތު ހޯދުމާއި އިގްތިސާދު ކުރިއެމާއި ފުރިހަމަކަމާއެކު ސިއްހީ ހިދުމަތް ދިނުމުގައި ވެސް ޓެކްނޮލޮޖީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތަކުގެ މަންފާ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަށަވަރު ކުރަން ޖެހޭނެކަން ފާހަގަކުރައްވައި ހާލިދު ވިދާޅުވީ، މިހާރަށް ވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް، އާ ފުރުސަތުތަކާ ގުޅައިލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިސްރަށްވެހިންގެ ދިރިއުޅުން މުއްސަނދި ކުރުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ޕެކޭޖް ހާއްސަ ކޮށްފައި ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. އަދި ޕެކޭޖާއެކު ލިބޭ 30 ޕަސެންޓްގެ ޑިސްކައުންޓާއި ވައިބާ އަށް ހާއްސަ ހިލޭ ޑާޓާގެ ހިދުމަތުގެ އިތުރުން ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ ގޯލްޑް މެމްބަ ޝިޕާ އެކު ރާއްޖެއާއި ރާއްޖެ އިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފާތައް ވެސް ލިބޭނެ އެވެ.

އިސްރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ހޯދައި ދިނުމުގެ ގޮތުން އުރީދޫން ރާއްޖޭގެ އެކި ރަށްރަށުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މި އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ 2018 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ސިލްސިލާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ ކަމެކެވެ.