Roadha Mihaaru
އުރީދޫން އިންޓަނެޓް ސޭފްޓީ ކެމްޕޭނެއް ފަށައިފި

އުރީދޫން އިންޓަނެޓް ސޭފްޓީ ކެމްޕޭނެއް ފަށައިފި

09 ފެބުރުއަރީ 2021

އިންޓަނެޓް ސޭފްޓީ ދުވަހާއި ގުޅުވައިގެން ކޮމިއުނިކޭޝަން މިނިސްޓްރީއާއި ގުޅިގެން އުރީދޫން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޓަނެޓް ސޭފްޓީ ދުވަހާއި ގުޅުވައިގެން ކޮމިއުނިކޭޝަން މިނިސްޓްރީއާއި ގުޅިގެން އުރީދޫން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބާ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި ސްކޫލު ކުދިންނާއި މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮށް މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެންދާނެ އެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމް ކޮށްދިނުމެވެ.

އުރީދޫން ބުނީ މިފެށި ކެމްޕެއިން އާ އެކު ޒިންމާދާރުކަންމާއި އެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. މިއާއެކު އަމާން މާހައުލެއްގައި، އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައުއަށް އިތުރު އެހީތެރިކަން އުރީދޫން ފޯރުކޮށްދޭނެ އެވެ.

މި ކެމްޕެއިންއާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އިންޓަނެޓް މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްގީއަށް މަގުފަހިކޮށްދޭ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާ ކަމަށެވެ. ހުރިހާ ބާވަތެއްގެ މައުލޫމާތާއި ކޮންޓެންޓް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭ ވަސީލަތަކަށް އިންޓަނެޓްވީއިރު ފަރުވާތެރިކަމާއި ޒިންމާދާރުކަންމަތީ ބޭނުން ނުކުރެވިއްޖެނަމަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށް ވެގެންދާނެ ކަމަށެވެ.

"އެހެންކަމުން އުމުރުން ދުވަސްވީ މިހުންނަށާއި، މައިންބަފައިން އަދި ސްކޫލްކުދިންނަށް ރައްކާތެރިކަމާއި އެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ، އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. ހުރިހާ ބާވަތެއްގެ މައުލޫމާތެއް އިނގިލިކުރިތަކާއި ހަމައަށް އިންޓަނެޓް މެދުވެރިކޮށް ގެނެސްދީފައިވާއިރު، ނުރަނގަޅު އެތައް ކަމަކަށް ވެސް އިންޓަނެޓުން މަގުފަހިކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

" އެގޮތުން އޮންލައިން ގްރޫމިން ސައިބާ ބުލީއިންގގެ އިތުރުން އަބުރާއި މުދަލަށް ގެއްލުން ލިބޭފަދަ ކަންކަން ހިންގުމުގައި އިންޓަނެޓް ބޭނުންކުރާ މީހުން އުޅޭ،" އޭނާ ވިދާޅުވި އެވެ.