Roadha Mihaaru
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް

ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް

30 މެއި 2024

ޓްވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ޓްވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

އުރީދުއާ އެ އެވޯޑު ހަވާލުކުރީ ސިންގަޕޫރުގައި ބޭއްވި ހަފުލާއެއްގަ އެވެ. އެ އެވޯޑަށް ނޮމިނޭޓް ވެފައި ވަނީ އުރީދޫ މޯލްޑިވްސްގެ އިތުރުން ދިރާގާއި ބުރޫނާއީގެ ޑީއެސްޓީ އެވެ.

އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އެ އެވޯޑު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ މި ކާމިޔާބީ އަށް މަގުފަހި ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޓީމުގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މި ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އީޖާދީ، ފެންވަރު ރަގަޅު ހިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް އާއި ސިންގްޓެލް އާއި ސްޓާހަބާއި ރަކުޓެން މޮބައިލް ޖަޕާނާއި ރިލަޔަންސް ޖިއޯ އާއި އިންޑޯސެޓް އުރީދޫ ހަޗިސަން އާއި ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެ އެވެ.

ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް އިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަން ކޮށްފަ އެވެ.

އުރީދޫގެ އިތުރުން އެ އެވޯޑް ހަފްލާގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ކުންފުނިތަކުގެ ތެރޭގައި އެސްކޭޓީ އާއި ރިލަޔަންސް ޖިއޯ އާއި ޕީސީސީޑަބްލިއު އާއި ޓެލްސްޓްރާ އާއި އޮޕްޓަސް އާއި ބާރްތީ އެއާޓެލް ހިމެނެ އެވެ.