Roadha Mihaaru
އޭޑީކޭހޮސްޕިޓަލްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ޑޮކްޓަރުންނަށް އޭޑީކޭ ހޮސްޕިޓަލްގެ ސްކޮލަޝިޕް ހުޅުވާލައިފި

28 އޯގަސްޓް 2018

އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ހާއްސަކޮށްގެން ދެމުން އަންނަ ސްކޮލަޝިޕަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރުންނަށް ހާއްސަކޮށްގެން ދެމުން އަންނަ ސްކޮލަޝިޕަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ ތިން ދާއިރާއަކުން ސްޕެޝަލައިޒް ވުމަށް އަދި ދެ ދާއިރާއަކުން ސުޕަ ސްޕެޝަލައިޒްވުމުގެ ފުރުސަތަށް އެދި އަންނަ މަހުގެ 26ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.

ސްޕެޝަލައިޒްވުމަށް ކަނޑައަޅާފައިވާ ދާއިރާތައް

1) ރޭޑިއޮލޮޖީ

2) ހެމަޓޮލޮޖީ

3) ރޫމަޓޮލޮޖީ

ސުޕަ ސްޕެޝަލައިޒްވާން ކަނޑައަޅާފައިވާ ދާއިރާތައް

4) ޔޫރޯސާޖަރީ

5) ގޭސްޓްރޯއެންޓްރޯލޮޖީ

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ހުރިހާ ޑޮކްޓަރުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ޑޮކްޓަރުންގެ ތަމްރީނުތައް ނިމުމުން އެ ހޮސްޕިޓަލުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.

"އެ ސްކޮލަޝިޕަށް ޝަރުތުހަމަވާ ހުރިހާ ޑޮކްޓަރުންނަށް ކުރިމަތިލެވޭނެ. ވަކި އޭޑީކޭގައި މަސައްކަތް ކުރާ ޑޮކްޓަރުން އެކަންޏެއް ނޫން. އަދި ސްކޮލަޝިޕްގައި ކިޔަވާ ނިމިގެން އަންނައިރު މި ހޮސްޕިޓަލުން ވަޒީފާ ހަމަޖެހިގެންދާނެ. އެހެން ޑޮކްޓަރުންނެކޭ އެއްގޮތަށް، މުސާރައާ އެެހެނިހެން އެލަވަންސްތައް ލިބިގެންދާނެ،" އަފްއާލް ވިދާޅުވި އެވެ.

މިއީ އޭޑީކޭ އިން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާ ތިން ވަނަ އަހަރެވެ. އެ ސްކޮލަޝިޕްގައި މިހާރު ވެސް ހަތް ޑޮކްޓަރުން ކިޔަވަމުން އަންނައިރު ހަތަރު ޑޮކްޓަރަކު ވަނީ ކިޔެވުން ފުރިހަމަކޮށް މަސައްކަތާ ގުޅިފަ އެވެ.