Roadha Mihaaru
ބޮޑު އަޖައިބެއް، ބޮޑު ސާޖަރީއެއް، ބޮޑު ޗެލެންޖެއް!

ބޮޑު އަޖައިބެއް، ބޮޑު ސާޖަރީއެއް: ޑޮކްޓަރުންނަށް ވެސް ޗެލެންޖެއް!

28 ސެޕްޓެމްބަރ 2022

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަން ބިދޭސީ މަސައްކަތު މީހާގެ ފަރުވާގައި އުޅުއްވި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ބޮޑު ޓީމުން ވިދާޅުވީ އެ ބަލި މީހާގެ ނަސީބު ވަރަށް ރަނގަޅު ކަމަށެވެ. އެފަދަ ނުރައްކާތެރި ހާދިސާއެއްގައި، ފުރާނަ އަށް ނުރައްކާވެދާނެ އެއްވެސް ގުނަވަނަކަށް އަނިޔާއެއް ނުލިބި، އޭނާ ސަލާމަތްވުމަކީ "އާދަޔާ ހިލާފު" ބޮޑު ނަސީބެކެވެ. އަނެއް ގޮތަކުން އެއީ ވަރަށް ބޮޑު އަޖައިބެއް ވެސް މެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފަރުވާގައި މި ހޭދަވި، 11 ދުވަހަށް ފަހު އޭނާގެ ހާލު މިހާރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެ ހޮސްޕިޓަލުގެ 13 ސްޕެޝަލިސްޓް ޑޮކްޓަރުންގެ އިރުޝާދުގެ މަތިން، އޭނާގެ ފަރުވާގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ.

އެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް ތަފުސީލީ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު އޭޑީކޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި ވީޑިއޯއަކުން ފެންނަ ގޮތުގައި، 34 އަހަރުގެ އެ މީހާ އަށް އޭނާގެ އަމިއްލަ އިހުތިޔާރުގައި ހިނގައި، ހަރަކާތްކޮށް ވެސް ހެދެ އެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި، އެ ހޮސްޕިޓަލުގެ ބައެއް އިސްވެރިންނާއި ޑޮކްޓަރުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރުސީސީން މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ހަ ވަނަ ބުރިން ވެއްޓުނު އެ ދަގަނޑުބުރި، އެ މީހާގެ ހަށިގަނޑު އެއްކޮޅުން އަނެއްކޮޅަށް ފޫއަޅުވާލާފައި ދިޔައީ އެ އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް، މަތިން ބާރު އަޑެއް އިވިގެން ވައިގޮޅި އަށް އޭނާ ބޯދިއްކޮށްލި ތަނާ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ދަގަނޑުގެ ބޭރަށް އޮތް ބައި ބުރިކޮށްލުމަށް ފަހު އެވެ.

މިއަދު އެ ދަގަނޑުބުރި ނޫސްވެރިންނަށް ދައްކާލުމަށް ފަހު ޑޮކްޓަރުން ބުނީ، ތިން ފޫޓުގެ ދިގު ދަގަނޑު ބުރީގެ ދެ ފޫޓަށް ވުރެ ބޮޑު ބައި އޮތީ އޭނާގެ ހަށިގަނޑަށް ވަދެފައި ކަމަށެވެ.

ދަގަނޑުބުރި މަތަވީ އުކުޅުވަޅުގައި ޖެހިފައި

ފަރުވާދިނުމަށް އޭނާ އޭޑީކޭގެ އިމަޖެންސީ ބަޔަށް ގެންދިޔައިރު ވެސް ހޭ ހުއްޓެވެ. ވާހަކަ ވެސް ދައްކަ އެވެ. އެތަނުގައި ޕޭޝަންޓުގެ ޕްރައިމަރީ އެސަސްމަންޓެއް ހެދުމުގެ މަސައްކަތް ފަށައި، ސީޓީ ސްކޭނެއް ވެސް ހެދި އެވެ. އެ ހޮސްޕިޓަލުގައި އިމަޖެންސީ ފަރުވާ ދޭ ޑޮކްޓަރު އަހްމަދު ޒިޔާން ވިދާޅުވީ، އެ ސްކޭނުން އެނގުނު ގޮތުގައި، އޭނާގެ ފުއްޕާމެ އަށް ކޮންމެ ވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށެވެ.

"ފުރަތަމަ އެސަސްމަންޓުން ވެސް އަޅުގަނޑުމެންނަށް ސަސްޕެކްޓް ކުރެވުނު އޭނާގެ ފުއްޕާމެ އަށް ކޮންމެ ވެސް ވަރެއްގެ ގެއްލުމެއްވެފައި ހުރިކަން. އެއީ އޭނާގެ ހަށިގަނޑުގެ އޮކްސިޖަން ލެވަލް ދަށްވެފައި ހުރުމާއި، އަދި އޭނާ ބަނޑަށް ތަދުވާ ވާހަކަ ބުނުމުން ސަސްޕެކްޓް ކުރެވުނު، ބަނޑާ ހަމަ އަށް ދަގަނޑު ވެދެފައިވާ ކަމަށް،" ޒިޔާން ވިދާޅުވި އެވެ.

އިންޑިއާ މީހާގެ ގަޔަށް ހެރުނު ދަގަނޑު ދައްކާލަނީ: ތިން ފޫޓުގެ މި ދަގަނޑުގެ ދެ ފޫޓަށް ވުރެ ބޮޑު ބައި އޮތީ ހަށިގަނޑު އެތެރޭގައި -- ފޮޓޯ: މިހާރު

އިންޑިއާ މީހާގެ ގަޔަށް ހެރުނު ދަގަނޑު ދައްކާލަނީ: ތިން ފޫޓުގެ މި ދަގަނޑުގެ ދެ ފޫޓަށް ވުރެ ބޮޑު ބައި އޮތީ ހަށިގަނޑު އެތެރޭގައި -- ފޮޓޯ: މިހާރު

ސީޓީ ސްކޭނަށް ފަހު، ޕޭޝަންޓް އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސް އޮޕަރޭޝަން ފެށި އެވެ. އެއީ އޭނާ ހޮސްޕިޓަލަށް ގެންދިޔަތާ 20 ވަރަކަށް މިނެޓުގެ ތެރޭގަ އެވެ.

ޕޭޝަންޓުގެ ގަޔަށް އެ ދަނޑު ވަދެފައި އޮތް ގޮތުގެ ސްކޭން އަދި ތްރީޑީ ފޮޓޯތަކެއް ވެސް މިއަދު ދެއްކި އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ނޭފަތުގެ މަތިން ހަށިގަނޑަށް ވަތް އެ ދަގަނޑު، މަތީތަލަ ފޫއަޅުވާލާފައި ކަރަށް ވަދެ، ފުރަތަމަ ގޮސް ޖެހެނީ މައިބަދައިގަ އެވެ. މައިބަދައިގައި ޖެހިފައި، ތިން ބަދަ ފުނޑުވެ އެވެ. އޭގެ ފަހުން ފުއްޕާމެ އަށް ވަދެ، ފުއްޕާމެ އާއި ބަނޑާ ދެމެދުގައި އޮންނަ މަސްގަނޑު ފޫއަޅުވާލައި ބަނޑުގެ އެތެރެއަށް ވަދެ، ފުރަމޭ އަށް ވެސް ގެއްލުންވެ އެވެ. އަދި ބަނޑުގެ މަސްގަނޑު ތެރެއަށް ވަދެގެން ގޮސް، އެ ދަނގަޑު ބުރި ހުއްޓެނީ އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހިފަ އެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި، އެ މީހާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި އޮތްގޮތް ފެންނަ ގޮތުގެ ސްކޭނަކާއި ތުރީޑީ ފޮޓޯއެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭޑީކޭގެ ސާޖަން ޑރ. އަހްމަދު ނިޝާން ވިދާޅުވި ގޮތުގައި، ޕޭޝަންޓުގެ ހަށިގަނޑުގެ އެހާ ފުނަށް ދަގަނޑު ވަނީ ވަރަށް މައި ގުނަވަންތަކެއް ތެރެއިންނާއި އަދި ބައެއް ނާޒުކު ގުނަވަންތަކުގެ ކައިރިން ހުރަސްކޮށްފައި ކަމަށެވެ.

"އެހެންވެ، އެއީ ވަރަށް ސީރިއަސް އިންޖުއަރީއެއް ކަމަށް ބަލައި، ވަގުތުން އޮޕަރޭޝަން ފެށީ،" ގަޑިއިރަކަށް ދެމިގެން ދިޔަ ޕްރެސްގައި ނިޝާން ވިދާޅުވި އެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ހޮސްޕިޓަލުގެ ސާޖަން ޑރ. އަހްމަދު ނިޝާން ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔައިރު ވެސް ޕޭޝަންޓުގެ އަނގައިން ވަރަށް ބޮޑަށް ލޭ ފައިބާ، އޮކްސިޖަން ލެވަލް ދަށްވެފައި ހުރުމުން، އޮކްސިޖަން ހޮޅި ގުޅުމުގެ މަސައްކަތް ފެށި ކަމަށް، އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު ދުސޫމާ އަބްދުއްރައްޒާގު ވިދާޅުވި އެވެ. އަދި އެކަން ކާމިޔާބުވި ކަމަށް ވިދާޅުވި އެވެ.

"އެ ވަގުތު [ތިއޭޓަރަށް ގެންދިޔައިރު] ވެސް ވަރަށް ގިނައިން ލޭ ފައިބަމުން ދަތީވެ، ބްލަޑް ވޮލިއުމް ހަމަކުރަން ކަރުގެ މައި ހޮޅިއަކަށް ހޮޅިއެއް ލައްވައިފައި ލޭ ދޭން ފެށީ،" ދުސޫމާ ވިދާޅުވި އެވެ.

8 ގަޑިއިރުގެ އޮޕަރޭޝަން، އައިސީޔޫގައި 2 ދުވަސް

އެ އޮޕަރޭޝަންގައި ހޭދަވި 8-9 ގަޑިއިރު ޕޭޝަންޓް އޮތީ ހޭނައްތައިފަ އެވެ. އަދި އައިސީޔޫގައި ބޭއްވި ދެ ދުވަހު ވެސް ތަދު ކަނޑުވާ ބޭހާއި ޕެރެލައިޒްކުރާ ބޭސް ދީ އޭނާ އޮތީ ނިންދަވައިފަ އެވެ. އަދި ނޭވާލުމަށް ހުރީ މެޝިން ގުޅައިފަ އެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު ދުސޫމާ އަބްދުއްރައްޒާގު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ އޮޕަރޭޝަންގައި މަސައްކަތް ކުރެއްވި، ހިތާއި ލޭނާރުގެ ޑޮކްޓަރު ކައުޝަލް ކިޝޯރް ތިވާރީ ވިދާޅުވި ގޮތުގައި އެ ޕޭޝަންޓަކީ ވަރަށް ނަސީބުގަދަ މީހެއް ކަމަށް ޑޮކްޓަރުން ސިފަކުރެއްވީ، އެ ދަގަނޑު އޭނާގެ މެއަށް ވަދެގެން ދިޔައިރު، ކައިރީގައި މައި ބޮޑެތި ލޭ ހޮޅިތަކާއި ޕުއްޕާމެއާ އަދި އަނިޔާއެއް ލިބިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ބައިވަރު ގުނަވަންތައް ވެސް ހުއްޓައި، މައިގަނޑު ގޮތެއްގައި ފުއްޕާމެ އަށް އެކަނި ގެއްލުންވެފައި ހުރުމުން ކަމަށެވެ.

"އެކަމަކު ޕުއްޕާމެ އަށް ލިބިފައި ހުރި ގެއްލުމަކީ ކުޑަ އަނިޔާއެއް ކަމަކަށް އަޅުގަނޑުމެން މެޑިކަލީ ނުބަލަން. އެހެން މި ދެންނެވީ ކަނާތް ފަރާތުގެ ފުއްޕާމޭ ފަޅައިގެން ގޮސް، ޕުއްޕާމެއާއި މޭ ކަށިގަނޑާ ދޭތެރެއަށް ގާތްގަނޑަކަށް 600 އެމްއެލްގެ ލޭ އެޅިފައި އަދި ފުއްޕާމެއިން ލީކުވެގެން ނިކުތް ވައިކޮޅު ޕުއްޕާމެ އާއި މޭ ކަށިގަނޑާ ދޭތެރެއަށް ޖަމާވެ، އޭގެ ސަބަބުން ފުއްޕާމޭ އިތުރަށް ފުފެން ޖާގަނުދީ ހިފެހެއްޓިފައޭ ހުރީ،" އޭނާ ވިދާޅުވި އެވެ.

"އެއީ ސަބަބެއް ކަމަށް މި ވަނީ އިމަޖެންސީ ރޫމަށް ގެންދިޔައިރާއި ތިއޭޓަރަށް ގެންދިޔައިރު ވެސް އޭނާގެ އޮކްސިޖަން ލެވަލް ދަށް ކަމަށް ވާތީ."

ދަގަނޑު ނެގުން: އެންމެ ޗެލެންޖިން ހިސާބު

ޑރ. ނިޝާން ވިދާޅުވީ، ނޭފަތުން ފަށައިގެން އުކުޅުވަޅާ ހަމަ އަށް ވަތް އެ ދަގަނޑު ނެގުމުގެ އޮޕަރޭޝަން ފެށީ ލޭގެ ޕްރެޝަރާއި ވިންދާއި އަދި އޮކްސިޖަން ލެވަލް މެއިންޓެއިން ކުރެވުމުން ކަމަށެވެ. ދެން މަސައްކަތް ފެށުނީ އެ ދަގަނޑު ނެގުމަށެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި، އެ މީހާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި އޮތްގޮތް ފެންނަ ގޮތުގެ ސްކޭނެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދަގަނޑު ވަދެގެން އައިސް މީނީ ބަނޑުގެ ކޮޅާ ހިސާބަށް. އެހެންވެ، އޭތި އެ ހިސާބުން ހޯދައިފައި މަޑުމަޑުން މި ގެންދަން ޖެހެނީ. އެއީ ދަގަނޑު ބެންޑުވެފައި އިން ނަމަ އިތުރު ގުނަވަންތަކުގައި އަޅައިގަނެފާނެތީ ދަގަނޑު ބުރިކުރަން ޖެހިއްޖެ ނަމަ އެކަން ކުރަން ވެސް އަޅުގަނޑުމެން ރެޑީވިން،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު މި ކަހަލަ ވަޔާއެއް (ދަގަނޑުބުރި) އަޅުގަނޑުމެން ދުވަހަކު ވެސް ހޭންޑަލްއެއް ނުކުރަން."

އެ ދަގަނޑު ނެގުމަށް ބަނޑުގެ މަތިން ތިރިއަށް ކަފާލައި ބެލިއިރު، ފާހަގަކުރެވުނީ ފުރަމޭގެ ހަލާކުވެފައި އިން ސަރަހައްދެވެ. އެކަމަކު ދަގަނޑުގެ ކޮޅު ފުރަމޭގައި ނުޖެހެ އެވެ. ދަގަނޑުގެ ކޮޅު އޮތީ ބަނޑުގެ މަސްގަނޑުގެ ތެރޭގަ އެވެ. އެހެންވެ، ޑޮކްޓަރުން ދަގަނޑުގެ ކޮޅާ ހިސާބަށް އަތް ލައްވައި "ސްޓޭބަލައިޒްޑް މޯޝަންއެއްގައި" ދަގަނޑުގެ ދެކޮޅުގައި ތިއްބަވައިގެން މަޑުމަޑުން އެ ދަގަނޑު ނެގި އެވެ.

"ދަގަނޑު ނެރުނުއިރު މޭޖާ އެއްވެސް ބްލީޑެއް ނެތް. ކޮންމެވެސް ވަރަކަށް ބަޑު ތެރެއަށް ބްލީޑްވެފައި ހުރި. އެ ބްލަޑް އަޅުގަނޑުމެން ސާފުކޮށްފައި، ދެން ލިވާއިން އާންމު ގޮތެއްގައި ބްލީޑް ނުވާ ކަމަށް ވަންޏާ ލިވާ ރިޕެއާއެއް ނުކުރާނެ. އެއީ ލިވާ ރިޕެއާ ކުރަން ނަގާ ކޮންމެ ބައިޓަކުން ވެސް ބްލީޑްވުމުގެ ފުރުސަތު އޮންނާތީ،" ނިޝާން ވިދާޅުވި އެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި، އެ މީހާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި އޮތްގޮތް ޑޮކްޓަރަކު ދައްކަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ނަސީބު ހަމަ ވަރަށް ރަނގަޅު ޕޭޝަންޓުގެ. އެހެންވީމަ އަޅުގަނޑުމެންނަށް ނުޖެހުނު ލިވާ ރިފެއާ ކުރާކަށް ވެސް އަދި މި ދަގަނޑު ވަދެގެން ދިޔައިރު ގޮހޮރުގެ އެއްވެސް ސަރަހައްދަކަށް ގެއްލުމެއް ވެފައެއް ނެތް."

އެކަމަކު، ބަނޑު ތެރެއަށް ޖަމާވި ލޭތައް ސާފުކުރުމަށް ފަހު، ފަހުން ވެސް ލޭ އަތުވެއްޖެ ހާލަތެއްގައި، އެ ލޭތައް ބޭރުކުރެވޭނެ ގޮތް ހެދުމުގެ ގޮތުން ބަނޑަށް ހޮޅިއެއް ލެއްވި އެވެ.

ބައެއް ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެ ދަގަނޑުގަނޑު އުކުޅުވަޅުގެ ކަށިގަނޑު ޖެހި މަތަނުވި ނަމަ، އޭނާގެ ފަޔަށް ވެސް ގެއްލުންވެ، ފުރާނަ ނުރައްކާވާ ހާލަތަށް ދިޔައީސް ކަމަށެވެ. އަދި ޑައިފްރަމް ލިބުނު ގެއްލުން ކުޑަވުމުން ފުއްޕާމެ އާއި ނޭވާލުމުގެ ނިޒާމަށް އޮތް ނުރައްކާ ކުޑަވުމުން ވެސް އެއީ ނަސީބެއް ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ރިކަވަރީގެ ފަރުވާ

ހަށިގަނޑަށް ކާ އެއްޗެހި ފޮނުވާ ހޮޅި އަށް ވެސް ގެއްލުމެއް ވެފައި ނުވާތީ އާއި ގޮހޮރަށް ވެސް އަނިޔާއެއްވެފައި ނުވާތީ ކެއިން ބުއިމަށް އޭނާ އަށް އުނދަގުލެއް ނުވާނެ އެވެ. އެކަމަކު، އެ އޮޕަރޭޝަން ކުރިއިރު، އޭނާ އަށް ކާންދިނުމަށް ހޮޅިއެއް ލެއްވި އެވެ.

ދަގަނޑު ނެގުމަށް ފަހު، ނޭފަތާއި މަތީތައްޔާއި އަދި ނޭފަތުގެ ކަށިގަނޑަށް ލިބިފައި ހުރި ގެއްލުންތައް ރިޕެއާކުރުމުގެ މަސައްކަތް ޑޮކްޓަރުން ކުރެއްވި އެވެ. މައިބަދަ އަށް ލިބިފައި ހުރި ގެއްލުންތައް ފަސޭހަ ކުރުމަށް ވެސް ހާއްސަ އޮޕަރޭޝަނެއް ކުރެއްވި އެވެ. އަދި ފިޒިއޯތެރަޕީ އާއި ރިކަވަރީގެ އެހެނިހެން ފަރުވާތައް ވެސް އޭނާ އަށް އަންނަނީ ދެމުންނެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި، އޭނާގެ ކަރުން މަތީގެ ސްކޭނެއް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ވަރަށް ނަސީބުގަދަ، އެވަރު އަނިޔާއެއް، ކަނދުރާގެ ކުރިމަތިން އައިސް މައިބަދަ އަށް ވަތްއިރު، އެއްވެސް މައި ނާރަކަށް ގެއްލުމެއް ނުލިބޭ،" އެ ހޮސްޕިޓަލުގެ ނާރުގެ ޑޮކްޓަރު އަލީ ނިޔާފް ވިދާޅުވި އެވެ.

ޑޮކްޓަރުން ވިދާޅުވި ގޮތުގައި، ޕޭޝަންޓަށް ލިބުނު ގެއްލުން ކުޑަވީ އެ މީހާ ސައިޓުން ހޮސްޕިޓަލަށް ގެންދިޔައިރު، އެ ދަގަނޑުބުރި ނަގަން މަސައްކަތްކޮށްފައި ނުވާތީ ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާއެއް ހިނގައި، އެ ކަހަލަ ހާލަތެއްގައި އަމަލުކުރާނެ ގޮތް އާންމުންނަށް ނޭނގި އޮވެއްޖެ ނަމަ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކަށް އާންމުން ހޭލުންތެރިކުރުވުން ވަރަށް މުހިންމު ކަމަށެވެ.

"މައިބަދަ އަށް އެހާ ބޮޑު ގެއްލުމެއް ވެފައި ހުއްޓާ މީހާ އުފުލާއިރު ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ. މީހާ ހަމަ ހުރި ގޮތަށް އުފުލާލުމަކީ މަނާ ކަމަކަށް ވާނީ. ގިނަ މީހުންތަކެއް އެއްވެގެން، އެއްވަރަކަށް ހިފެހެއްޓިގެން އެއްތަނުން އަނެއް ތަނަކަށް މޫވްކުރަން ވާނީ،" އަލީ ނިޔާފް ވިދާޅުވި އެވެ.

"އެހެން ނޫނީ ކުޑަ އަނިޔާއެއް މި ވަނީ ބޮޑު އަނިޔާއަކަށް، ޓްރާސްޕޮޓޭޝަންގެ ތެރޭގައި."

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި ވީޑިއޯގައި އެ މީހާ މިއަދު ހެނދުނު ހަރަކާތްކުރަނީ: އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ޕްރެސްގައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ފާހަގަކުރެއްވީ، އެ ޕޭޝަންޓްގެ ފަރުވާ ކާމިޔާބުވީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމާއި ނަރުހުންނާއި އަދި ސަޕޯޓް ސްޓާފުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

"މި ވަގުތު ޕޭޝަންޓް ދާއިމަށް ފަރުވާކުރަން ޖެހޭ ވަރުގެ ބޮޑު ކަމެއް ނެތް. އެކަމަކު އަދިވެސް ބައެއް ކަންތަކަށް އަޅުގަނޑުމެން މަޑުމަޑުން ރިޒޯލްވާނެ ކަމަށް ބަލަމުން އަންނަ ދެ ކަމެއް އެބަހުރި، ޑައިފްރަމްއާ ގުޅޭ ކަމަކާއި ވޯކަލްކޯޑާ ގުޅޭ ކަމަކާ،" އޭނާ ވިދާޅުވި އެވެ.

ޕޭޝަންޓް އޭނާގެ އަމިއްލަ ހިޔާލުތައް ބަހުގެ ޒަރިއްޔާއިން ކިޔައިދޭ ކަމަށާއި ވަރަށް ސާފުކޮށް ވިސްނައި، އޭނާގެ ކުރީގެ ހަނދާންތަކާއި އަލަށް ހިނގާ ކަންތައްތަކުގެ ހަނދާންތައް ވެސް ހުންނަ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި އޭނާގެ ސިކުނޑި އާއި އެހެން ގުނަވަންތައް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި މިހާރު ހަރަކާތްކޮށް، ކާއެއްޗެއްހި ކައި ވެސް ހެދޭ ކަމަށެވެ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އާންމު ދިރިއުޅުމަށް އޭނާ އަށް އަނބުރާ ދެވޭނެ ކަމަށެވެ.