Roadha Mihaaru
ނާޒިމްގެ ސިއްހީ ހާލަތާ މެދު އާއިލާ އިން ކަންބޮޑުވެއްޖެ

ނާޒިމްގެ އޮޕަރޭޝަން ގަދަކަމުން ކުރުވަން އުޅޭ ކަމަށް ތުހުމަތުކޮށްފި

11 އޯގަސްޓް 2018

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އޮޕަރޭޝަނެއް، ކަރެކްޝަނަލް ސާވިސް އިން ގަދަކަމުން ކުރުވަން އުޅޭ ކަަމަށް ބުނެ އޭނާގެ ސިއްހީ ހާލަތާ މެދު އާއިލާ އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އޮޕަރޭޝަނެއް، ކަރެކްޝަނަލް ސާވިސް އިން ގަދަކަމުން ކުރުވަން އުޅޭ ކަަމަށް ބުނެ އޭނާގެ ސިއްހީ ހާލަތާ މެދު އާއިލާ އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމް ކޮށްފައިވާ ނާޒިމް ބަންދުގައި ހުންނަވާތާ ތިން އަހަރާއި ހަ މަސް ފުރުން ފާހަގަކުރުމަށް، މ. ކުނޫޒުގައި އޭނާގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ، ނާޒިމްގެ އޮޕަރޭޝަން ވަރަށް މުހިއްމު ކަމަށާއި އެކަމަކު އެކަން ކުރަން އާއިލާއިން ބޭނުންވަނީ ޑޮކްޓަރުން އެދޭ ގޮތަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކޮށްފިނަމަ، ބޭބެގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އާއިލާއިން ބުނި ނަމަވެސް އެއީ ކޮން ކަހަލަ އޮޕަރޭޝަނެއް ކަމެއް ނުބުނެ އެވެ.

އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި ކަރެކްޝަނަލް ސާވިސް އިން ދަނީ، އާއިލާގެ ހުއްދައާ ނުލައި، ގަދަކަމުން ނާޒިމްގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުންނެވެ. އެކަމަކު ފުރާނަ ނެތް މަސްގަނޑެއް އަނެއްކާ ވެސް ޖަލުން ނެރެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި، ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ވިދާޅުވީ އޮޕަރޭޝަނަށް ފަހު ނާޒިމް ހުންނަވަން ޖެހޭނީ އެކަށީގެންވާ މާހައުލެއްގައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެކަމަކު ޖަލުގެ މާހައުލަކީ، ބޮޑު އޮޕަރޭޝަނަކަށް ފަހު މީހަކު ބާއްވަން އެކަށީގެންވާ މާހައުލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އޭނާގެ އަނބިކަނބަލުން (ކ) އަފާފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

ނާޒިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އޭނާގެ އަނބިކަނބަލުން (ކ) އަފާފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

"އެ މީހުން (ކަރެކްޝަނަލް ސާވިސް އިން) ބޭނުން ވަނީ އޮޕަރޭޝަން ކުރުމަށް ފަހު ވަގުތުން ޖަލަށް ގެންދަން. އެކަމަކު އެގޮތަށް އަޅުގަނޑުމެން ބޭނުން ނުވާތީ އޮޕަރޭޝަން ކުރުމަށް ހުއްދަ ނުދެވިގެން މިއުޅެނީ،" އަފާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުވަހުން ދުވަހަށް ނާޒިމްގެ ސިއްހީ ހާލުކޮޅު ދަށަށް ދާއިރު، ވަރަށް އަވަހަށް ހަދަން ޖެހޭ ޓެސްޓުތައް ވެސް އެބަހުއްޓެވެ. އެކަމަކު އެއީ ރާއްޖޭގައި ހެދެން ހުރި ޓެސްޓުތަކެއް ނޫން ކަމަށާއި އިތުރު ފަރުވާއަށް ނާޒިިމް ބޭރަށް ގެންދިޔުމަށް ކަރެކްޝަނަލް އިން ދެކޮޅު ހަދަމުން އަންނަ ކަމަށް އަފާފް ވިދާޅުވި އެވެ.

ނާޒިމްގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ މިހާރު ވެސް ކޮންމެ ދުވަހަކުހެން، ޑޮކްޓަރަށް ދެއްކުމަށް ނާޒިމް މާލެ ގެންނަ ކަމަށާއި އެކަމަކު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާއާ ހިއްސާ ނުކުރާ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުގެ އާއިލާއިން ވަނީ، އޭނާގެ ސިއްހަތާ މެދު ކަމާބެހޭ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ނާޒިމަށް އެކަށީގެންވާ ބޭސް ފަރުވާކޮށްދިނުމަށް، ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އާއިލާއިން ވަނީ އެދިފަ އެވެ.

ޖަލުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ނާޒިިމްއާ ބައްދަލުކުރެއްވުން އޭނާގެ ވަކީލުންނަށް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. ވަކީލުން ބުނިގޮތުގައި ފުލުހުން އެ ހުއްދަ ނުދެނީ، ނާޒިމްގެ އެއްވެސް މައްސަލައެއްގެ ޝަރީއަތެއް މި ވަގުތު ކޯޓުގައި ކުރިއަށް ނުދާތީ، ވަކީލުންގެ ބޭނުމެއް ނެތް ކަމަށް ބުނެ އެވެ.

ފިސްތޯލައިގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ހުކުމް އިއްވާފައިވީ ނަމަވެސް، އެ ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ނާޒިމަށް ތުހުމަތުކުރާ ފިސްތޯލައާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެ ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވީ ނަމަވެސް، އޭނާ އަށް އިންސާފު ހޯދައިދޭން އެއްވެސް މުއައްސަސާއަކުން މިހާތަނަށް މަސައްކަތްކޮށްފައެއް ނުވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.