Roadha Mihaaru

ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސަށް ވަގުތީ ގޮތުން ދީފި

ހުޅުމާލެ ޖަލާއި އިންވެގެން އޮތް ބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ވަގުތީ ގޮތުން ދީފި އެވެ.

ކަރެކްޝަންސަށް ވަގުތީ ގޮތުން ހުޅުމާލޭން ބިމެއް ދީފި
އިފްރާޒް އަލީ
އިފްރާޒް އަލީ

16 އެޕްރީލް 2025

ހުޅުމާލެ ޖަލާއި އިންވެގެން އޮތް ބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ވަގުތީ ގޮތުން ދީފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސެންޓްރަލް ޖަލު އަޅާ ނިމި، ހުރިހާ ޖަލެއް އެތަނަށް ބަދަލުކުރެވެންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ކަރެކްޝަންސްއާ އެކު މަޝްވަރާކޮށް، މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

އެއީ ހުޅުމާލެ ޖަލާއި ހުޅުމާލެ ސަހަރާއާ ދެމެދުގައި އޮތް ބިމެވެ.

އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރާ ހަރަދު ކުޑަކުރުމާ އެކު، ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އިހުސާން އޭރު ވިދާޅުވި ގޮތުގައި، އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުންނެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިޔަސް، ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާ އެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.