27 ޖުލައި 2018
މި ރެއަކީ އަނެއްކާ ވެސް އުޑުމަތީގެ ހިތްގައިމު މަންޒަރުތަކެއް އަޅުގަނޑުމެންނާ ބައްދަލު ކުރާނެ ރެއެކެވެ. އޭގެ ތެރެއިން ވެސް އެންމެ ފުރަތަމަ ފާހަގަ ކޮށްލެވެނީ މި ރޭ ހިފާ ފުރިހަމަ ހަނދު ކޭތަ އެވެ. ފުރިހަމަ ކޭތައަކަށް ވުމުގެ އިތުރުން، 21 ވަނަ ގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދު ކޭތަ ވެސްމެ އެވެ. ހަމަ އެއާ އެކު ފުރިހަމަ އަށް ކޭތަ ހިފާފައި ހުންނަ އިރު، ހަނދު ފެންނާނީ މަޑު ރަތް ކުލައެއްގަ އެވެ. މަޝްހޫރު ނަމުން ނަމަ މިރޭ ކޭތަ ހިފާފައި ހުންނަ ވަގުތު ފެންނާނީ "ބްލަޑް މޫން" އެކެވެ.
މި ރެއަކީ އަނެއްކާ ވެސް އުޑުމަތީގެ ހިތްގައިމު މަންޒަރުތަކެއް އަޅުގަނޑުމެންނާ ބައްދަލު ކުރާނެ ރެއެކެވެ. އޭގެ ތެރެއިން ވެސް އެންމެ ފުރަތަމަ ފާހަގަ ކޮށްލެވެނީ މި ރޭ ހިފާ ފުރިހަމަ ހަނދު ކޭތަ އެވެ. ފުރިހަމަ ކޭތައަކަށް ވުމުގެ އިތުރުން، 21 ވަނަ ގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދު ކޭތަ ވެސްމެ އެވެ. ހަމަ އެއާ އެކު ފުރިހަމަ އަށް ކޭތަ ހިފާފައި ހުންނަ އިރު، ހަނދު ފެންނާނީ މަޑު ރަތް ކުލައެއްގަ އެވެ. މަޝްހޫރު ނަމުން ނަމަ މިރޭ ކޭތަ ހިފާފައި ހުންނަ ވަގުތު ފެންނާނީ "ބްލަޑް މޫން" އެކެވެ.
މި ރޭގެ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިރޭ 10:14ގަ އެވެ. އެ ވަގުތު ހަނދަށް އެޅެން ފަށާނީ ވަރަށް ފަނޑު ހިޔަންޏެކެވެ. މި ބިމުގެ ފަނޑު ހިޔަނި ހަނދަށް އެޅެން ފަށާއިރު، ބައެއް ހާލަތްތަކުގައި އެކަން ހަމަލޮލަށް ފާހަގަ ނުކުރެވި ހިނގައިދާނެ އެވެ. ނަމަވެސް ފަނޑު ހިޔަނީގެ ތެރެއަށް ހަނދު ވަންނަމުންދާ ވަރަކަށް، ހަނދުގެ އަލިކަން މަޑުވަމުން ފަނޑުވަމުން ދާ ކަން ނުވަތަ ފުސްވަމުން ދާ ކަން ފާހަގަ ކުރެވޭނެ އެވެ.
(ކޭތަ ހިފާ އިރު ހަނދަށް އެޅޭ ދެ ބާވަތެއްގެ ހިޔަންޏެއް ހުރެ އެވެ. އެއީ، ސައެންޓިފިކް ބަހުރުވަ އިން ކިޔައި އުޅޭ ޕެނަމްބްރާ (ފަނޑު ހިޔަނި) އާއި އަމްބްރާ (އަނދިރި ހިޔަނި) އެވެ.
ކޭތަ ހިފަން ފަށާ ވަގުތު (މި ރޭ 10:14) އިން ފެށިގެން 70 މިނެޓް ފަހުން، މި ރޭގެ 11:24ގައި މި ބިމުގެ އަނދިރި ހިޔަނި ހަނދަށް އެޅެން ފަށާނެ އެވެ. މި ހިޔަނި މުޅި ހަނދަށް ފެތުރި ފުރިހަމަ ހަނދު ކޭތައަކަށް ބަދަލު ވާނީ، ރާއްޖޭ ގަޑިން މި ރޭ މެންދަމު 12:30ގަ އެވެ. އެއް ގަޑިއިރާއި 43 މިނެޓްގެ ފުރިހަމަ ހަނދު ކޭތައެއް ދައްކައިލުމަށް ފަހު، އަނދިރި ހިޔަނީގެ ތެރެއިން ހަނދު ނުކުންނަން ފަށާނީ މި ރޭގެ މެންދަމުން އަލިވެ 2:13ގަ އެވެ. އަދި މި ރޭގެ މެންދަމުން އަލިވެ 3:19 ގައި އަނދިރި ހިޔަނި އެކުގައި ހަނދުން ނެއްޓޭނެ އެވެ.
އަނދިރި ހިިޔަނި ހަނދުން ފިލި ކަމުގައި ވިޔަސް، ހަނދު އަދިވެސް ހުންނާނީ ފަނޑު ހިޔަނީގެ ތެރޭގައި ކަމަށްވާތީ ކޭތަ ހިފައި ނިމުނީކީ ނޫނެވެ. އަނދިރި ހިޔަނީގެ ތެރެއިން ހަނދު ނެއްޓި ފަސް ވަރަކަށް މިނެޓް ވަންދެން ފަނޑު ހިޔަނީގެ ތެރޭގައި ހުރުމަށް ފަހު، އެ ފަނޑު ހިޔަނީގެ ތެރެއިން ހަނދުން ނެއްޓެން ފަށާނީ މި ރޭގެ މެންދަމުން އަލިވެ 3:23ގަ އެވެ. އެއީ ކޭތަ ވީއްލަން ފަށާ ވަގުތެވެ. ބިމުގެ ފަނޑު ހިޔަނީގެ ތެރެއިން ހަނދު އެކުގައި ނެއްޓި، އެކުގައި ކޭތަ ވީއްލާނީ، މި ރޭގެ މެންދަމުން އަލިވެ 4:28ގަ އެވެ.
އެހެންކަމުން މި ރޭ ހިފާ ކޭތައިގައި ޖުމްލަ ހަ ގަޑިއިރާއި 14 މިނެޓް ހޭދަވާނެ އެވެ. އަދި ފުރިހަމަ ކޭތައެއްގެ ގޮތުގައި އެއް ގަޑިއިރާއި 43 މިނެޓް ހޭދަވާނެ އެވެ. މިހާ ދިގު މުއްދަތަކަށް ކޭތައިގެ ވަގުތު ދެމިގެން ދާއިރު މިއީ، މި ގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދު ކޭތަ އެވެ. އެންމެ ފަހުން އެންމެ ދިގު ހަނދު ކޭތައެއް ހިފީ މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ރެޔެވެ. ނަމަވެސް މި ރޭގެ ކޭތަ، ޖެނުއަރީ މަހުގެ ކޭތަ އަށް ވުރެ ވެސް 26 މިނެޓް ދިގުވާނެ އެވެ.
އޭޝިޔާ އާއި ޔޫރަޕާއި އެފްރިކާގެ އިތުރުން ދެކުނު އެމެރިކާގެ ހުރިހާ ގައުމުތަކަށް ވެސް މި ރޭގެ ހަނދު ކޭތައިގެ ކޮންމެވެސް މިންވަރެއް ފެންނާނެ އެވެ. ނަމަވެސް އެމެރިކާ އާއި ކެނެޑާ އަދި ގްރީންލޭންޑަށް މިރޭގެ ރީތި ފުރިހަމަ ހަނދު ކޭތައިގެ އެއްވެސް ނަސީބެއް ނެތެވެ. ސަބަބަކީ އެ ސަރަހައްދަށް މިއަދުގެ އިރު އޮއްސި ހަނދު އަރާ އިރު، ކޭތަ ހުންނާނީ ވީއްލައިފަ އެވެ.
ފުރިހަމަ ހަނދު ކޭތައެއް ހިފާ ގޮތް ދައްކައިދޭ ކުރެހުމެއް. --މިހާރު ގްރެފިކްސް: އަހްމަދު އަބްދުﷲ ސައީދު
މި ރޭ ހިފާ ކޭތަ ފުރިހަމަ ކޭތައަކަށް ބަދަލުވެ އުޑުމަތީގެ އަލިކަން ފަނޑުވެގެން ދާ އިރު، އެހެން ބައެއް އަލިގަދަ ތަރިތައް އުޑުމަތީ ބަބުޅަން ފަށާނެ އެވެ. އެ ގޮތުން ހަނދުގެ ވާތް ފަރާތުން ކުޑަ ތަންކޮޅެއް ތިރީގައި ފިސާރި އަލި ގަދަކޮށް މަޑު ރަތް ކުލައެއްގައި ޕްލެނެޓް މާސް ފެންނަން ހުންނާނެ އެވެ. އަދި އެ އަށް ވުރެ ތަންކޮޅެއް ތިރިން ހަނދަށް ވުރެ ކަނާތް ފަރާތުގައި، ސެޓާން ވެސް ދިއްލިފައި ހުންނާނެ އެވެ. އަދި އެ އަށް ވުރެ ކަނާތް ފަރާތުގައި އުދަރެހާ ވަރަށް ކައިރީގައި ޖުޕިޓާ ވެސް ހުންނާނެ އެވެ.
މި ދުވަސްކޮޅަކީ، މި ބިމުގައި އުޅޭ މީހުންނަށް ހަމަލޮލަށް ފެންނަ ޕްލެނެޓްތައް ވަރަށް ރީތިކޮށް ފެންނާނެ ދުވަސްކޮޅެކެވެ. އެ ގޮތުން ޕްލެނެޓް މާސް، ހަނދާ ވަރަށް ކައިރިން އުޑުމަތީގައި ފެންނަން ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި މި ރެއަށް ފަހު ވެސް މާސް ދަތުރު ކުރަމުން ދާނީ ހަނދާ މާ ދުރަކު ނޫނެވެ. އަދި މި އަހަރުގެ ތެރޭގައި މާސް އެންމެ އަލި ގަދަކޮށް އެންމެ ބޮޑުކޮށް ފެންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރެޔެވެ. އެއީ މި އަހަރުގެ ތެރޭގައި މި ބިމާ އެންމެ ކައިރި އަށް މާސް ޖެހިލާނެ ރެޔެވެ.
ހަނދު ކޭތަ ހިފަނީ، އިރާއި ބިމާއި ހަނދު، ހުރިހާ ގޮތަކުން ވެސް އެއް ސީދަލަކަށް ނުވަތަ ރަހަ އަށް ވާ ގޮތަށް ފަޒާގެ ތެރޭގައި އެތުރޭ ހާލަތު މެދުވެރިވުމުންނެވެ. މި ހާލަތުގައި މެދުގައި ހުންނާނީ މި ބިމެވެ. ހަނދު ކޭތަ ހިފާފައި ހުންނަ ވަގުތު، އިރު ހުންނާނީ ހަނދާ ސީދާވާ ގޮތަށް ބިމުގެ ނިވަލުގަ އެވެ. އެހެންކަމުން އެ ވަގުތު ހަނދަށް ހުންނާނީ މި ބިމުގެ ހިޔަނި އެޅިފަ އެވެ. ސަބަބަކީ އެ ވަގުތު މި ބިން ހުންނާނީ އިރާއި ހަނދާ ސީދާ ދެމެދަށް ހުރަސް ވެފައި ކަމަށްވާތީ އެވެ.
"ބްލަޑް މޫން"ގެ ނަމުން މަޝްހޫރުވެފައިވާ ފުރިހަމަ ހަނދު ކޭތަ ފެންނާނެ ގޮތް: އުޑުމަތި ސާފު ނަމަ ރާއްޖެ އަށް ވެސް މިރޭގެ ހަނދު ކޭތަ ފެންނާނީ މި ކުލައިގައި.
ފުރިހަމަ ހަނދު ކޭތަ ހިފާއިރު، އެންމެ ޝައުގުވެރި ކުރުވާ ކަމަކީ، ހަނދަށް އެ އަންނަ ރަތް ކުލަ ނުވަތަ ކަޑި ކުލަ އެވެ. ސައެންސްގެ ބަހުރުވައިގައި ނަމަ އެއީ ބްލަޑް މޫން އެވެ. އެހެންކަމުން މިހާރު ހިތުގައި އުފެދޭނެ ސުވާލަކީ، ފުރިހަމަ ކޭތައެއް ހިފާއިރު، ހަނދުގެ ކުލަ ރަތަށް ބަދަލުވަނީ ކީއްވެ ހެއްޔެވެ؟
އެ ހާލަތު ގުޅިފައި ވަނީ ހަނދަށް އަލި އެޅޭ ގޮތާ އެވެ. އިރުން ފޮނުވާ އަލި ހަނދާ ދިމާލަށް ދަތުރުކުރާ އިރު، އެ ދެމެދަށް މި ބިން ހުރަސްވެފައި ހުރުމުން، މި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް އިރުގެ ދޯދިތައް ވަންނަ އިރު، އޭގެ ތެރޭގައި ހުންނަ ނޫކުލައިގެ ދޯދިތައް، މި ބިމުގެ ވައިގެ ފަށަލައިގައި ޖެހި ހަނދާ ދުރަށް ލެނބިގެންދެ އެވެ.
ހަމަ އެއާ އެކު އޭގެ ތެރޭގައި ހުންނަ ރަތް ކުލައިގެ ދޯދިތައް ހަނދާ ދިމާލަށް ލެނބިގެން ނުވަތަ މެޅިގެން (ރިފްރެކްޝަން) ގޮސް ހަނދުގެ ބިންގަނޑުގައި ޖެހި، އެ އަލިކަން އެނބުރި މި ދުނިޔެއާ ދިމާލަށް އާދެ އެވެ. ހަނދުވަރުގެ އަލިކަން މި ބިމަށް ފޯރާ ފަދައިންނެވެ. މި ބިމުގެ ހިޔަނިން ހަނދު އެކުގައި ފޮރުވިފައި (ފުރިހަމަ ހަނދު ކޭތަ ހިފާފައި) ހުންނަ އިރު، ރަތް ކުލައިގައި ހަނދު ފެންނަނީ މި ސަބަބާ ހުރެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހިފި ފުރިހަމަ ހަނދު ކޭތަ
ނަމަވެސް ފުރިހަމަ ހަނދު ކޭތައެއް ހިފާ ކޮންމެ ފަހަރަކު ރަތް ކުލައިގައި ހަނދު ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރަތް ކުލައިގައި ހަނދު ފެނުން ބިނާވެފައިވަނީ މި ބިމުގެ ވައިގެ ފަށަލައިގެ އެ ވަގުތުގެ ހާލަތުގެ މައްޗަށެވެ. މިސާލަކަށް ފުރިހަމަ ހަނދު ކޭތަ ހިފާފައި ހުންނަ ވަގުތަކީ، ރާއްޖެ ސަރަހައްދުގެ ވައިގެ ފަށަލައިގެ ތެރޭގައި އާދަޔާ ޚިލާފަށް ދުމާއި ހިރަފުހާއި ޖައްވީ ފުސްކަން ހުރި ވަގުތެއް ނަމަ، ފުރިހަމަ ކޭތައެއް ހިފާފައި ހުއްޓަސް ރަތް ކުލައިގައި ހަނދު ނުފެނިދާނެ އެވެ.
މިއާ ޚިލާފަށް ފުރިހަމަ ހަނދު ކޭތަ ހިފާ ވަގުތު ޖައްވުގެ ސާފުކަން ބޮޑުވި ވަރަކަށް ހަނދު ފެންނަލެއް ރީތިވެފައި ހަނދުގެ ރަތް ކުލަ ވެސް ގަދަވާނެ އެވެ.
މި ރޭގެ އުޑުމަތި ސާފުވެފައި މާ ގިނައިން ވިލާ ނެތިއްޔާ، މި ރޭ ހިފާ ފުރިހަމަ ހަނދު ކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންނާނެ އެވެ.
ހުރިހާ ރަށެއްގައި ވެސް ކޭތަނަމާދު ކުރުން މިރޭ އޮންނާނެ
މިރޭ ރޯދައަށް ހަނދު ފެނިދާނެ؟
2030 ގައި ރޯދަމަސް ދެ ފަހަރަށް!
މިރޭ ދަންވަރު ހަނދުކޭތައެއް
"ބްލަޑް މޫން" އަހަރެމެންނަކަށް ނުފެންނާނެ
މިރޭ ރާއްޖެ އަށް ހަނދުކޭތައެއް ހިފާނެ
ފަލަކީ ގޮތުން މާދަމާ އަކީ އީދު
ރަމަޟާން މުބާރިކް: މާދަމާ ރޯދަ
ފަލަކީ ގޮތުން މާދަމާ އަކީ މުލަރޯދަ ދުވަސް
މި އަހަރުގެ އެންމެ ބޮޑު އަދި އަލިގަދަ ހަނދު