Roadha Mihaaru
ފަލަކީ ގޮތުން މާދަމާ އަކީ އީދު

ފަލަކީ ގޮތުން މާދަމާ އަކީ އީދު

24 ޖޫން 2017

މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން، އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހަށް ހަނދު ބެލުން އޮންނާނެ އެވެ. މިއަދުގެ އިރު އޮއްސުމަށް ފަހު ހަނދު ފެނިއްޖެ ކަން ސާބިތުވެއްޖެ ނަމަ، މާދަމާ އަކީ މި އަހަރު އުފާވެރި ފިތުރު އީދު ދުވަހެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން، އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހަށް ހަނދު ބެލުން އޮންނާނެ އެވެ. މިއަދުގެ އިރު އޮއްސުމަށް ފަހު ހަނދު ފެނިއްޖެ ކަން ސާބިތުވެއްޖެ ނަމަ، މާދަމާ އަކީ މި އަހަރު އުފާވެރި ފިތުރު އީދު ދުވަހެވެ.

ހިޖްރީ ކަލަންޑަރުގެ މަސްތައް ފެށުމުގައި ޝަރުއީ ގޮތުން އަމަލު ކުރުމަށް އޮންނަނީ މައިގަނޑު ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ ހިނގަމުންދާ ހަނދު މަހުން 29 ދުވަސް ހަމަވާ ދުވަހުގެ އިރު އޮއްސުމަށް ފަހު ހަނދު ސާބިތުވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހަކީ އައު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ. ދެ ވަނަ ގޮތަކީ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ސާބިތު ނުވެއްޖެ ނަމަ، ހިނގަމުންދާ މަހުން 30 ދުވަސް ގުނައި ހަމަ ކުރުމަށް ފަހު، އަނެއް މަސް ފެށުމެވެ.

އެހެންކަމުން، މިއަދުގެ އިރު އޮއްސުމަށް ފަހު ޝައްވާލް މަހަށް ހަނދު ފެނޭތޯ ބަލަނީ މިއަދަކީ ހިނގަމުން މިދާ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާތީ އެވެ. މިރޭ ހަނދު ނުފެނިއްޖެ ނަމަ، މާދަމާ ވާނީ މި ރޯދަ މަހުގެ 30 ވަނަ ދުވަހަށެވެ.

ދެން ބަލައިލާންވީ މިއަދު އިރު އޮއްސޭ އިރު ހަނދު ހުންނާނެ މިސްރާބާއި އުސްމިނަށެވެ. އަދި ހިނގަމުން މިދާ ރަމަޟާން މަސް ފުރިހަމަ ކުރުމަށްޓަކައި، މި ބިމުގެ ވަށައިގެން ހަނދު ޖަހަމުންދާ ބުރު، ފުރިހަމަވާނެ ވަގުތަށެވެ.

މި ބިމުގެ ވަށައިގެން ހަނދު ޖަހަމުންދާ ބުރު ފުރިހަމަ ވާނީ ޖީއެމްޓީ ގަޑިން، ޖޫން 24، 2017 (ހޮނިހިރު)ގެ 02:30ގަ އެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 7:30 އެވެ. އެއީ އިސްލާމީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ އިރުމަތީގައިވާ އިންޑޮނީޝިޔާ އަށް މިއަދު ހެނދުނު 9:30 އެވެ. އަދި އެންމެ ހުޅަނގުގައިވާ މަޣްރިބަށް ހޮނިހިރު ވިލޭރޭގެ މެންދަމު 2:30 އެވެ.

އެހެންވީމާ، އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން، ބިމުގެ ވަށައިގެން ހަނދު ޖަހަމުންދާ ބުރު ފުރިހަމަވެ އެވެ. އޭގެ މާނައަކީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން ހިނގަމުން މިދާ ހަނދު މަސް ފުރިހަމަވެ އެވެ.

އިސްލާމީ ޝަރުޢީ މިންގަނޑުން ބަލާއިރު، ހަނދު މަހެއް ފެށެނީ، ހިނގަމުން ދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، ހުޅެނވި ހަނދު ފެނިއްޖެ ނަމަ އެވެ. މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން، ދެން ބަލަންވީ މިއަދުގެ އިރު އޮއްސޭ އިރު ހަނދު ހުންނާނީ ކިހާ ހިސާބެއްގައިތޯ އެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތީގައިވާ އިންޑޮނީޝިޔާގެ ޖަކާޓާ އަށް، މިއަދުގެ އިރު އޮއްސުމަށް ފަހުގައި 18 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ އެވެ. އަދި އެންމެ ހުޅަނގުގައިވާ ސެނެގާލްގެ ޑަކާރް އަށް އިރު އޮއްސުމަށް ފަހުގައި 34 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ އެވެ.

އިސްލާމީ ދުނިޔޭގެ ގާތްގަނޑަކަށް މެދުގައި އޮތް މައްކާ އަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި 23 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ އެވެ. އަދި މަދީނާ އަށް 21 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ އެވެ. އުތުރުން ތުރުކީ ވިލާތުގެ އިސްތަންބޫލަށް މިއަދުގެ އިރު އޮއްސުމަށް ފަހު، 16 މިނެޓް ވަންދެން ހަނދު، ފެންމަތީގައި ހުންނާނެ އެވެ. މިސްރަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 20 މިނެޓް ފަހުންނެވެ.

ރާއްޖޭގެ އެންމެ އުތުރުން ތުރާކުނަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 21 މިނެޓް ފަހުންނެވެ. އަދި މާލެ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 22 މިނެޓް ފަހުންނެވެ. އެންމެ ދެކުނުން އައްޑު އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 23 މިނެޓް ފަހުންނެވެ.

އިސްލާމީ ބައެއް ގައުމުތަކަށް މިއަދުގެ އިރާއި ހަނދު އޮއްސޭ ވަގުތުގެ ތަފާތު އަންގައިދޭ ތާވަލެއް.

އިސްލާމީ ބައެއް ގައުމުތަކަށް މިއަދުގެ އިރާއި ހަނދު އޮއްސޭ ވަގުތުގެ ތަފާތު އަންގައިދޭ ތާވަލެއް.

މި ހިސާބުތަކަށް ބަލާއިރު، އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް މިއަދު އިރު އޮއްސޭއިރު ވެސް ހަނދު ނުއޮއްސި ފެންމަތީގައި ހުންނާނެ އެވެ. އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ގާތްގަނޑަކަށް 10-34 މިނެޓް ފަހުންނެވެ.

މި ހުރިހާ ހިސާބުތަކެއްގެ ޚުލާސާ އަކީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުންނާނެ އެވެ. ދެން އޮތީ ހަނދު ފެންނާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސެވެ. އިރު އޮއްސުމަށް ފަހުގައި، ހަނދު ފެންމަތީގައި ހުރި ކަމުގައި ވިޔަސް، ލޮލަށް ހަނދު ފެނުމާއި ނުފެނުމަކީ އެތައް ކަމަކާ ގުޅިފައިވާ ކަމެކެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ ޖައްވުގެ ހާލަތެވެ. އިރާއި ހަނދު ހުރި މިސްރާބުގެ ވިލާ ބޯވެއްޖެ ނަމަ ނުވަތަ އުޑުމަތި ނުސާފު ނަމަ، ކިތަންމެ ގިނަ އިރަކު ހަނދު ފެންމަތީގައި ހުއްޓަސް ލޮލަށް ހަނދު ނުފެނިދާނެ އެވެ. ނުވަތަ އިރު އޮއްސޭ ދިމާލުގައި ސިނާއީ އެހެން އަލިތަކެއް ހުރި ކަމުގައި ވިޔަސް ހަނދު ނުފެނިދާނެ އެވެ.

ދެ ވަނަ ކަމަކީ އިރު އޮއްސޭ ވަގުތު، ހަނދާއި އިރާ ދެމެދުގައި ހުންނަ ދުރުމިނާއި، ހުޅަނގު ފަރާތު އުދަރެހާ އިރު ނިވައިވާ އިރު ހަނދު ހުންނަ އުސްމިނެވެ. އިރާއި ހަނދާ ދެމެދުގައި ހުންނަ ދުރުމިން ކުޑަވި ވަރަކަށް ހަނދު ފެނުމުގެ ފުރުސަތު ކުޑަވެގެންދެ އެވެ. އަދި އިރު އޮއްސޭ އިރު ހަނދު ހުންނަ އުސްމިން ތިރިވި ވަރަކަށް ވެސް ހަނދު ފެނުމުގެ ފުރުސަތު ކުޑަވެ އެވެ.

ފަހުން މި ދެންނެވި ދެ ހާލަތުގައި ހަނދު ފެނުމުގެ ފުރުސަތު ކުޑަވަނީ، އެ ދެ ހާލަތުގައި ވެސް ހަނދު ހުންނާނީ އިރުގެ ދަޅަގަނޑުގެ ތެރޭގައި ކަމަށް ވާތީ އެވެ. އެހެންކަމުން، އިރުގެ ގަދަފަދަ ދަޅަގަނޑުގެ ތެރޭގައި، ރޮދިފަށެއްހާ ހިމަކޮށް، ނިޔަރޮއްޖެއްގެ ސިފައިގައި ހުންނަ ހަނދު، ހަމަލޮލަށް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި ދުވަސްކޮޅު ހަނދާއި އިރު ދަތުރު ކުރަމުން ދަނީ ދާދި އެކުއެކީގައި ވަރަށް ކައިރި ކައިރިންނެވެ. މިއަދު މާލެ އަށް އިރު އޮއްސޭނީ ހުޅަނގު-ހުޅަނގުއުތުރުން 293 ދަރަޖައަށެވެ. އަދި ހަނދު އޮއްސޭނީ، ހުޅަނގު-ހުޅަނގުއުތުރުން 289 ދަރަޖައަށެވެ. އެހެންކަމުން އިރު އޮއްސޭ ވަގުތު ހަނދު ހުންނާނީ އިރަށް ވުރެ ހަތަރު ދަރަޖަ ދެކުނުގަ އެވެ.

މިއަދު މާލެ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 22 މިނެޓް ފަހުންނެވެ. އެހެންކަމުން އިރު އޮއްސޭ ވަގުތު ހަނދު ހުންނާނީ ކަނޑުގެ ސަތަހަ އަށް ވުރެ 5.5 ދަރަޖަ އުހުގަ އެވެ. އަދި ހުޅަނގު-ހުޅަނގުއުތުރުން 289 ދަރަޖައިގަ އެވެ.

ރާއްޖެ އަށް މިއަދުގެ އިރު އޮއްސޭނީ، އައު ހަނދުގެ އުމުރުން 10 ގަޑިއިރަށް ވުރެ ގިނައިރު ވާ ފަހުންނެވެ. އަދި އިރު އޮއްސޭ އިރު ވެސް، ހަނދު ނުއޮއްސި 5.5 ދަރަޖަ އުހުގައި ހުންނާނެ އެވެ.

ހިނގަމުންދާ ހަނދު މަހުގެ 29 ވަނަ ދުވަހަށް ފަހު، ޝަރުއީ ހަމަތަކުގެ މަތިން އައު މަހެއް ފެށެނީ، ހަނދު ފެނުމުންނެވެ. އެއީ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ އަންނަނިވި ބަސްފުޅުގައިވާ ގޮތުންނެވެ؛ "ރަމަޟާން މަހަށް ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފަން ފަށާށެވެ. އަދި ޝައްވާލް މަހަށް ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފުން ހުއްޓައިލާށެވެ. އަދި އުޑުމަތީ ވިލާ ބޯވެގެން ހަނދު ނުފެނިއްޖެ ނަމަ، ޝައުބާން މަހުން 30 ދުވަސް ހަމަކޮށް ރޯދަ ހިފަން ފަށާށެވެ." (ބުޚާރީ އާއި މުސްލިމް)

މިއަދުގެ އިރު އޮއްސޭ ވަގުތު ހަނދު ފެންމަތީގައި ހުރި ކަމުގައި ވިޔަސް، އިރާއި ހަނދާ ދެމެދު ހުރި ކައިރި ކަމަށް ބަލާއިރު، ކުރިން ދެންނެވި ސަބަބުތަކުން ސަބަބެއް މެދުވެރިވެގެން، ލޮލަށް ހަނދު ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ގޮތުގައި، އިސްލާމީ ހުރިހާ ގައުމުތަކަށް މިއަދުގެ އިރު އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ އެވެ. އެހެންކަމުން މާދަމާ އަކީ ފަލަކީ ގޮތުން ބަލާއިރު މި އަހަރުގެ ފިތުރު އީދު ދުވަހެވެ.

އަރަބި އިސްލާމީ ހުރިހާ ގައުމަކަށް ވެސް މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވުމުން، އެ ހުރިހާ ގައުމެއްގައި ވެސް މިރޭ އީދަށް ހަނދު ބެލުން އޮންނާނެ އެވެ. މިރޭ އީދަށް ހަނދު ފެނޭތޯ ބެލުމަށް އާންމުން ނުކުތުމަށް ސައޫދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އާންމު ދައުވަތެއް ނެރެފަ އެވެ. ސައޫދީގެ ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިރޭ އީދަށް ހަނދު ފެނުމުގެ ފުރުސަތު އެ ގައުމަށް އެބަ އޮތެވެ.