13 ޖޫން 2018
މިއަދަކީ ދިވެހިރާއްޖެ އާއި ތުރުކީ ވިލާތް އަދި ބޮސްނިއާ ފަދަ ބައެއް އިސްލާމީ ޤައުމުތަކަށް ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވާތީ، މި ގައުމުތަކުގައި މި ރެއަކީ ފިތުރު އީދަށް ހަނދު ބަލާ ރެ އެވެ. ނަމަވެސް އަރަބި ގައުމުތަކާއި އިސްލާމީ ގިނަ ގައުމުތައް އީދަށް ހަނދު ބެލުން އޮންނާނީ މާދަމާ ރެ އެވެ. އެއީ އެ ގައުމުތައް ރޯދަ ހިފަން ފެށީ، ރާއްޖެ އަށް ވުރެ އެއް ދުވަސް ފަހުން، މެއި 17 ވީ ބުރާސްފަތި ދުވަހު ކަމަށް ވާތީ އެވެ.
މިއަދަކީ ދިވެހިރާއްޖެ އާއި ތުރުކީ ވިލާތް އަދި ބޮސްނިއާ ފަދަ ބައެއް އިސްލާމީ ޤައުމުތަކަށް ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވާތީ، މި ގައުމުތަކުގައި މި ރެއަކީ ފިތުރު އީދަށް ހަނދު ބަލާ ރެ އެވެ. ނަމަވެސް އަރަބި ގައުމުތަކާއި އިސްލާމީ ގިނަ ގައުމުތައް އީދަށް ހަނދު ބެލުން އޮންނާނީ މާދަމާ ރެ އެވެ. އެއީ އެ ގައުމުތައް ރޯދަ ހިފަން ފެށީ، ރާއްޖެ އަށް ވުރެ އެއް ދުވަސް ފަހުން، މެއި 17 ވީ ބުރާސްފަތި ދުވަހު ކަމަށް ވާތީ އެވެ.
ދެން އޮތީ މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެތޯ ނުހުންނާނެތޯ ކުރެވޭ ސުވާލަށް ފަލަކީ ހިސާބުތަކުން ދޭ ޖަވާބެވެ. އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ އެތައް މިނެޓެއް ކުރިން ހަނދު އޮއްސޭނެ އެވެ.
އެ ގޮތުން ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް، އިރު އޮއްސުމުގެ ގާތްގަނޑަކަށް 22 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ވެރި ރަށް މާލެ އަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 21 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި އެންމެ ދެކުނުން އައްޑު އަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތީގައި އޮތް އިންޑޮނީޝިޔާ އަށް 24 މިނެޓް ކުރިން އަދި މެލޭޝިޔާ އަށް 26 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ އުތުރުން ތުރުކީ ވިލާތަށް، މިއަދުގެ އިރު އޮއްސުމުގެ 28 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ދެކުނުން ކޮމޮރޯސް (ޖުޒުރުލް ޤަމަރު) އަށް މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 14 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ހުޅަނގުން މޮރޮކޯ އަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 17 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
ދެން އޮތީ މި ދެންނެވި ސަރަހައްދުތަކުގެ މެދުގައި ހުރި އިސްލާމީ ގައުމުތަކެވެ. އެއީ ޕާކިސްތާނާއި މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާގެ އުތުރު އައްސޭރީގައި އޮތް ގައުމުތަކެވެ. އެ ގޮތުން މައްކާ އަށް މިއަދުގެ އިރު އޮއްސުމުގެ 21 މިނެޓް ކުރިން، އަދި މަދީނާ އަށް މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 22 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. މިސްރުގެ ވެރިރަށް ގާހިރާ އަށް، އިރު އޮއްސުމުގެ ގާތްގަނޑަކަށް 22 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ޕާކިސްތާނުގެ އިސްލާމް އާބާދަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 33 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
މި ހިސާބުތަކަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމުގެ އެތައް މިނެޓެއް ކުރިން، ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތަކަށް ވެސް ހަނދު އޮއްސޭނެ އެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހުގައި ދުނިޔޭގެ އިސްލާމީ އެއްވެސް ގައުމަކަށް ހަނދެއް ނުފެންނާނެ އެވެ.
އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، ހިނގަމުންދާ ރަމަޟާން މަސް ފުރިހަމަވުމަށްޓަކައި އިރާއި ހަނދާއި ބިން މާރަހަ (ކޮންޖަންކްޝަން ނުވަތަ އިޤްތިރާން) ވާނީ، ރާއްޖޭ ގަޑިން މި ރޭ ދަންވަރު 12:43 (ޖީއެމްޓީ ގަޑިން، ޖޫން 13 ވަނަ ދުވަހުގެ 19:43)ގަ އެވެ. އެއީ މައްކާ ގަޑިން މި ރޭގެ 10:43ގަ އެވެ.
ސައެންޓިފިކް ހަމަތަކުން ބަލާއިރު، ހަނދު މަހެއްގެ އެވްރެޖް ދިގުމިނަކީ 29 ދުވަހާއި 12 ގަޑިއިރާއި 44 މިނެޓާއި 2.801 ސިކުންތެވެ. މާނައަކީ ކޮންމެ ހަނދު މަހެއްގައި ވެސް މަދުވެގެން 24 ގަޑިއިރުގެ 29 ދުވަސް ހަމަވާން ޖެހޭނެ އެވެ. 29 ދުވަހަށް ވުރެ މަދެއް ނުވާނެ އެވެ. އެހެންކަމުން ހަނދު، މި ބިމުގެ ވަށައިގެން ބުރު ޖަހަން ފެށި ހިސާބަށް އެނބުރި އައިސް ބުރެއް ފުރިހަމަ ކުރާނީ (ހަނދު މަހެއް ފުރިހަމަވާނީ)، 24 ގަޑިއިރުގެ 29 ދުވަސް ހަމަވުމަށް ފަހުގަ އެވެ.
ފަލަކީ ގޮތުން ޝަޢުބާން މަސް ނިމުނީ، މެއި 15 ވަނަ ދުވަހު ކަމަށް ވިޔަސް، އެ ދުވަހުގެ އިރު އޮއްސުމަށް ފަހު، ހަމަލޮލަށް ހަނދު ފެނިފައި ނުވާތީ، މެއި 16 ވަނަ ދުވަހަކީ ޝައުބާން މަހުގެ 30 ދުވަސް ކަމަށް ބަލައި އިސްލާމީ ގިނަ ގައުމުތަކުން ރޯދަ ހިފަން ފެށީ މެއި 17 ވަނަ ދުވަހު އެވެ.
ނަމަވެސް މެއި 15 ވަނަ ދުވަހު، އިސްލާމީ ގިނަ ގައުމުތަކަށް އިރު އޮއްސުމުގެ އެތައް ގަޑިއިރެއް ކުރިން، ޝައުބާން މަސް ފުރިހަމަވި ކަން ކަށަވަރުވަނީ، އެ ދުވަހުގެ އިރު އޮއްސުމުގެ އެތައް ގަޑިއިރެއް ކުރިން ކޮންޖަންކްޝަން ވެފައިވާތީ އެވެ. އަަދި ތަފާތު ސަބަބުތަކާ ހުރެ، ހަމަ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އެ ދުވަހުގެ އިރު އޮއްސުނު ފަހުން އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެންމަތީގައި ހުއްޓެވެ.
މެއި 15 ވަނަ ދުވަހު އިރާއި ހަނދާއި ބިން ކޮންޖަންކްޝަންވީ ރާއްޖޭ ގަޑިން އެ ދުވަހުގެ ހަވީރު 16:47 ގަ އެވެ. އެ ދުވަހުގެ އެ ވަގުތުން ފެށިގެން މިއަދުގެ އިރު އޮއްސޭއިރަށް 29 ދުވަސް ފުރިހަމަވީ އެވެ. ނަމަވެސް ރާއްޖެ އަށް މިއަދުގެ އިރު އޮއްސޭއިރު، ހަނދު މަހެއްގެ އެވްރެޖް މުއްދަތު (29 ދުވަހާއި 12 ގަޑިއިރާއި 44 މިނެޓާއި 2.801 ސިކުންތު) ފުރިހަމަ ނުވެ، ގަޑިއިރުތަކަކާއި މިނެޓްކޮޅެއް ބާކީ އޮންނާނެ އެވެ.
ރާއްޖެ އަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން ކޮންޖަންކްޝަން ނުވަނީ އެ ސަބަބާ ހުރެ އެވެ. ހަނދު، މި ބިމުގެ ވަށައިގެން، މެއި 15 ވަނަ ދުވަހުގެ 16:47 ގައި ޖަހަން ފެށި ބުރު މިއަދުގެ އިރު އޮއްސުމުގެ ކުރިން ފުރިހަމަ ނުވާތީ އެވެ. އެ ބުރު ފުރިހަމަވާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:43ގަ އެވެ. ކޮންޖަންކްޝަން ވުމަކީ އެއީ އެވެ.
ދެން އޮތީ މުސްލިމުންގެ ދެ ހަރަމްފުޅުގެ ބިމަށް މިއަދަކީ ކޮން ދުވަހެއްތޯ ބަލައިލުމެވެ. ސައޫދީ އަރަބިއްޔާ އިން ރޯދަ މަސް ފެށީ މެއި މަހުގެ 17 ވަނަ ދުވަސް ކަމަށްވާތީ އެ ގައުމަށާއި އެ ގައުމާ އެކު ރޯދަ ހިފަން ފެށި ހުރިހާ ގައުމަކަށް ވެސް މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ. ވީމާ، އެއިން އެއްވެސް ގައުމެއްގައި، މިރޭ އީދަށް ހަނދު ބެލުމެއް ނޯންނާނެ އެވެ.
އެހެން ނަމަވެސް، ފަލަކީ ގޮތުން ބަލާއިރު، މިއަދަކީ ރަމަޟާން މަހުގެ 28 ދުވަސް ނޫން ކަމާއި 29 ވަނަ ދުވަސް ކަމަށް އެ ގައުމުގެ ފަލަކީ އިދާރާތަކުން މިހާރު ވެސް ބުނެ އެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމަށްވާ، އުއްމުލް ޤުރާ ކަލަންޑަރު ބުނާ ގޮތުން، އެ ގައުމަށް ވެސް މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެން އެ ވަނީ ކީއްވެ ހެއްޔެވެ؟
އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި ސައޫދީ އަރަބިއްޔާ އަށް ޝައުބާން މަސް ފުރިހަމަވީ (ކޮންޖަންކްޝަން ވީ) ސައޫދީ ގަޑިން، މެއި 15 ވަނަ ދުވަހުގެ 14:47 ގަ އެވެ. އެ ދުވަހުގެ އެ ވަގުތުން ފެށިގެން ސައޫދީ އަށް މިއަދުގެ އިރު އޮއްސުމާ ހަމައަށް 29 ދުވަސް ފުރިހަމަވީ އެވެ. ނަމަވެސް، ރާއްޖެއެކޭ އެއްފަދައިން، މައްކާ އާއި އިސްލާމީ ހުރިހާ ގައުމަކަށް ވެސް މިއަދުގެ އިރު އޮއްސޭއިރު، ހަނދު މަހެއްގެ އެވްރެޖް މުއްދަތުގެ ތެރެއިން ގަޑިއިރުތަކަކާއި މިނެޓްކޮޅެއް ބާކީ އޮންނާނެ އެވެ.
މިއަދަކީ ސައޫދީ އަށް ރަމަޟާން މަހުގެ 29 ދުވަސް ކަން އެނގޭ އަނެއް ކަމަކީ، ހަނދު މި ބިމުގެ ވަށައިގެން، މެއި 15 ވަނަ ދުވަހު މައްކާ ގަޑިން 14:47 ގައި ޖަހަން ފެށި ބުރު މައްކާ ގަޑިން މިރޭ 10:43ގައި ފުރިހަމަ (ކޮންޖަންކްޝަން ނުވަތަ އިޤްތިރާން) ވާތީ އެވެ.
ޒަމާނީ ސައެންސްގެ ދުނިޔޭގައި އިންސާނުން އަލިފުބާ އަޅަން ފަށާނޭ ދުވަހެއް ޚިޔާލަށް ވެސް ނާންނަ ޒަމާނެއްގައި، މީގެ 15 ގަރުނު ކުރިން، މި އުންމަތުގެ މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާ ގޮތުގައި، ހަނދު މަހެއްގައި އަންނާނީ 29 ދުވަހާއި 30 ދުވަހެވެ. މުޅި އަރަބި ދުނިޔެ ޖަހާލަތުގެ އަނދިރި ކަމުގައި އޮތް ޒަމާނެއްގައި، ލިޔަން ކިޔަން ދެނެވަޑައިނުގަންނަވާ، ނަބީބޭކަލަކަށް މައްސަރުގެ ދުވަސްތަކުގެ އަދަދު އެނގިވަޑައިގަތީ ކިހިނެއް ހެއްޔެވެ؟
އެއްވެސް އޮޅުމެއް ނެތް ގޮތުގައި، އެ ހަގީގަތްތައް އެކަލޭގެފާނަށް އުނގަންނަވައިދެއްވީ، ފަލަކުތަކެއްގައި އިރު ހަނދާއި ތަރިތައް ދަތުރު ކުރާނޭ ގޮތް ލައްވައި، އެތަކެތީގެ ދައުރުވުމަށް ބަލައިގެން އަހަރުގެ މަސްތަކާއި ދުވަސްތައް ގުނައި އަދަދު ކުރުމަށް އިންސާނީ ދަރިފަސްކޮޅަށް އެންގެވި ﷲ ސުބްހާނަހޫ ވަތައާލާ އެވެ. (ޔޫނުސް ސޫރަތުގެ 5 ވަނަ އާޔަތް)
އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވިތާ އެތައް ގަރުނެއް ފަހުން، އިންސާނުންނަށް ﷲ ދެއްވި އިލްމުގެ ޒަރީއާ އިން ވެސް ކަށަވަރުވެފައިވަނީ، ހަނދު މަހެއްގައި އޮންނާނީ 29 ދުވަހާއި 30 ދުވަސް ކަމެވެ. އެއީ ހަނދު، މި ބިމުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރާނީ 29 ދުވަހާއި އިތުރު ގަޑިއިރުތަކަކުންނެވެ. އެހެންވުމުން ގިނަ މައްސަރުތަކުގައި 29 ދުވަސް އަދި މަދު މަސްތަކެއްގައި 30 ދުވަހެވެ.
ވީމާ، ކީރިތި ރަސޫލާގެ ސުންނަތުގައިވާ ގޮތުންނާއި، އިލްމީ ހަމަތަކުން ބަލާއިރު ވެސް ހަނދު މަހެއްގައި، އެންމެ މަދުވެގެން ވެސް 24 ގަޑިއިރުގެ 29 ދުވަސް ފުރިހަމަ ވާންޖެހޭނެ އެވެ. 28 ދުވަހަށް ފަހު އަނެއް މަސް ފެށިގެން ނުވާނެ އެވެ.
އިލްމީ ގޮތުން ބަލާއިރު، ހަނދު، މި ބިމުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރަނީ 29 ދުވަހުންނެވެ. ބުރެއް ފުރިހަމަވާ ވަގުތައް މި ކިޔަނީ ކޮންޖަންކްޝަން ވުމެވެ. މިފަހަރު ކޮންޖަންކްޝަން ވަނީ ސައޫދީ އަށް ރަމަޟާން މަހުގެ 28 ވަނަ ދުވަހުގެ ރޭ (މިރޭ) ސައޫދީ ގަޑިން 10:43ގަ އެވެ. ރަމަޟާން މަސް ފުރިހަމަވެ، ޝައްވާލް މަސް ފެށުމަށްޓަކައި ކޮންޖަންކްޝަން ވަނީ ރަމަޟާން މަހުގެ 28 ވަނަ ދުވަސް ފުރިހަމަވެ، 29 ވަނަ ދުވަސް ފުރިހަމަ ވުމުގެ ކުރިން ކަމަށް ވާނަމަ އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟
އޭގެ ޖަވާބު ވަރަށް ކުރުވެފައި ވަރަށް ސާފެވެ. މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެއް ނޫނެވެ. މިއަދު ސައޫދީ އަށް ވެސް އެ އޮއްސުނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ހަނދެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރުގައި ވެސް މިއަދަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށް ކަނޑައަޅާފައި އެ ވަނީ މި ދެންނެވި ފަލަކީ އިލްމުގެ ހަގީގަތްތަކުގެ މައްޗަށް ބުރަވެ އެވެ. އެއީ ހިސާބު ހެއްދެވުމުގައި އެ ގައުމުގެ ފަލަކީ އިލްމުގެ މާހިރުންނަށް އެރި އޮޅުމަކުން ނޫނެވެ.
ހަނދު ސާބިތު ކުރުމުގައި ސައޫދީ އަރަބިއްޔާގައި އަމަލު ކުރަމުން އަންނަ އުސޫލަކީ، ހަނދު ފެނުމުން ރޯދަ ހިފުމަށް، ކީރިތި މާތް ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ހަދީސްގައިވާ ގޮތަށް، ލޮލަށް ހަނދު ފެނިއްޖެ ކަމަށް ބަޔަކު ހެކިބަސް ދިނުމުން، ޖެހިގެން އަންނަ ދުވަހަކީ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅުމެވެ. ހަނދު ފެނުމަކީ، އިންސާނާގެ ހަމަލޮލަށް ހަނދު ފެނުން ކަމަށް އެ ބޭފުޅުން ބުރަވާ އިރު، ކަށަވަރު އިލްމުގެ ޒަރީއާއިން އެނގޭ އެނގުމާއި ދެނެގަތުން ވެސް، އިސްލާމީ ޝަރީއާގެ މައިގަނޑު ދެ މަސްދަރުގައި، ފެނުމުގެ މާނައިގައި ބޭނުން ކުރެ އެވެ.
މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ހުކުރަށް
މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ ބުދަ ދުވަސް
މިރޭ އީދަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް
ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް
ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ދޫކޮށްނުލާ!
ރާއްޖެއަށް ވެސް މާދަމާއަކީ އީދު ދުވަސް
ސައުދީއަށް ޝައްވާލް މަހުގެ ހަނދު ފެނިއްޖެ
މާދަމާ އީދަށް ވާނެ ކަމާ މެދު ސުވާލެއް ނެތް
ދެ އަހަރަށްފަހު ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ