02 އޯގަސްޓް 2016
ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެ އެތައް ބަޔަކު އެތިބީ ފޮނި އުއްމީދުގަ އެވެ. މި މަހު 15 ގައި ފުރަން ގިނަ ބަޔަކު ފޮށިތަންމަތި ބަނދެފި އެވެ. ޖަހަން ޖެހޭ ވެކްސިންތަކާއި ފުރިހަމަ ކުރަން ޖެހޭ ތަމްރީންތައް ވެސް ބައެއް ކުންފުނިތަކުން ނިންމައިފި ކަމަށްވެ އެވެ. އެކަމަކު ފުރަން ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ރާއްޖެ އިން 1،000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމުގެ ބިރު މިވަނީ އުފެދިފަ އެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެ އެތައް ބަޔަކު އެތިބީ ފޮނި އުއްމީދުގަ އެވެ. މި މަހު 15 ގައި ފުރަން ގިނަ ބަޔަކު ފޮށިތަންމަތި ބަނދެފި އެވެ. ޖަހަން ޖެހޭ ވެކްސިންތަކާއި ފުރިހަމަ ކުރަން ޖެހޭ ތަމްރީންތައް ވެސް ބައެއް ކުންފުނިތަކުން ނިންމައިފި ކަމަށްވެ އެވެ. އެކަމަކު ފުރަން ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ރާއްޖެ އިން 1،000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމުގެ ބިރު މިވަނީ އުފެދިފަ އެވެ.
ރާއްޖެ އަށް ކަނޑައެޅި 2،000 ކޯޓާގެ ތެރެއިން 1،000 ކޯޓާ ސައުދީ ސަރުކާރުން ބާތިލްކުރިކަން މިހާރު ވަނީ އެނގިފަ އެވެ. އިސްލާމިކް މިނިސްޓްރީގެ "އިހުމާލުން" ދިމާވި މި މައްސަލަ ކިތަންމެ ސިއްރުކުރަން އުޅުނަސް އެތައް ބައެއްގެ ހިތުގައި މިހާރު ވެސް ވަނީ ޝަކުވާ އުފެދިފަ އެވެ.
ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެ އަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. އެކަމަކު ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާ އާ އެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެ އަށް ދެމުން އަންނަތާ ތިން އަހަރު ވެއްޖެ އެވެ.
މެއި، 4، 2016 ގައި ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ރާއްޖެ އަށް 2،000 ކޯޓާ ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. އެކަމަކު އެ ކޯޓާ މިހާރު ބާތިލްކުރި ކަން ސައޫދީ އެމްބަސީގެ ސިޓީއަކުން ސަރުކާރަށް އަންގާފައިވެ އެވެ.
"އަސްލު އެ ސިޓީއަކީ ވެސް މުޅިން ސައްހަ ސިޓީއެއް ނޫން ކަމަށް ވަނީ. އެއީ ރަސްގެފާނު އިތުރު ކޮށްދެއްވާ ހައްޖު ކޯޓާގެ ވާހަކަ މީގެ ކުރިން ވެސް ސަރުކާރަށް އަންގަނީކީ ސައޫދީ އެމްބަސީއަކުން ނޫން. އެއީ ސައޫދީގެ ހައްޖު ވުޒާރާ އިން އަންގާ އެންގުމެއް. އެހެންވެގެން ކަމަށް ވަނީ އެ ސިޓީ ބާތިލު ކުރީ. ކުރިން ދީފައި އޮތް 1000 ކޯޓާއެއް ބާތިލު ކުރީކީ ނޫން،" ކަމުގެ މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު "މިހާރު" އަށް ކިޔައިދިނެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ދަނީ --ފޮޓޯ:އޭޕީ
ސައޫދީ ސަރުކާރުން ހުއްދަ ދޭ އަދަދު ކަށަވަރުވުމުން، ރާއްޖެ އިން ހައްޖަށް ދާ މީހުންގެ މައުލޫމާތު ސައޫދީ ހައްޖު ޑޭޓާ ބޭސް އަށް އަޅަން ކޮންމެ އަހަރަކު ވެސް ޔޫޒާ ނޭމަކާއި ޕާސްވޯޑެއް ދެ އެވެ. އެ ޑޭޓާ ބޭސް އަށް މައުލޫމާތު އެޅޭނީ، އެ ގައުމަކަށް ހުއްދަ ދީފައިވާ އަދަދަކަށެވެ.
އެނގިފައިވާ ގޮތުގައި މި އަހަރު ރާއްޖެ އަށް ސައޫދީ ހައްޖު ޑޭޓާ ބޭސްގެ ލޮގިން ދީފައިވާ އިރު، ރާއްޖޭގެ ހައްޖުވެރިންގެ އަދަދެއް ކަމަށް ސައޫދީ ސަރުކާރުން މިހާތަނަށް ކަނޑައަޅާފައިވަނީ 1،000 ޖާގަ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފައިވެ އެވެ. މިހާރު ކަށަވަރުވެފައިވާ 1،000 ކޯޓާ ބަހާލުމުން ކޮންމެ ކުންފުންޏަކަށް ލިބޭނީ 80 (ފަސް ކުންފުންޏަށް ޖުމްލަ 400) ޖާގަ އެވެ. ހައްޖު ކޯޕަރޭޝަނަށް ލިބެނީ 600 މީހުންގެ ޖާގަ އެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަމިއްލަ ކޮންމެ ކުންފުންޏަކުން 200 މީހުން އަދި ހައްޖު ކޯޕަރޭޝަނަށް 1000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ. އެހެންކަމުން އެ އަދަދަށް ހައްޖު ކޯޕަރޭޝަނާއި ކުންފުނިތަކުން ވަނީ މީހުން ހަމަކޮށް ފައިސާ ވެސް ނަގައިފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު އުމްރާއަށް ދިޔަ ބަޔަކު އަޅުކަމުގައި. - ފޮޓޯ: ހައްޖު ކޯޕަރޭޝަން
މި މައްސަލާގައި އިސްލާމިކް މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދެއްކި އެވެ. އެ މިނިސްޓްރީގެ އެކި ފެންވަރުގެ ބޭފުޅުންނަށް ފޯނުން ގުޅައިގެންނާއި ލިއުމުން ސުވާލުތައް ފޮނުވުމުން ވެސް މިނިސްޓްރީން ބުނީ "ހައްޖާއި އުމްރާ އަދި ހައްޖު ކޯޕަރޭޝަންގެ މަަސައްކަތްތަކާ ގުޅޭ ގޮތުން މި ވަގުތު ވަކިވަކި މީޑިއާތަކަށް މައުލޫމާތު ހިއްސާކުރުމުގެ ވިސްނުމެއް ނުގެންގުޅޭ" ކަމަށެވެ.
މި މައްސަލާގައި މިނިސްޓްރީން ވާހަކަ ނުދެއްކި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖެ އަށް ކަނޑައެޅި އަދަދަށް ކޯޓާ ނުލިބުމުގައި އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އިހުމާލެއް އެބަ އޮތެވެ.
ހައްޖު ކޯޓާގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި 2،000 ކޯޓާ ހަމަޖައްސާނެ ކަމަށް ބުނެފައި އޮއްވާ ރާއްޖެ އަށް ދޭނީ 1،000 ކޯޓާ ކަމަށް ނިންމައި ސައޫދީން އެއްބަސްވުން ފޮނުވުމުން އިސްލާމިކް މިިނިސްޓްރީން ވަނީ އޭގައި ސޮއިކޮށްފަ އެވެ.
"މިއީ [1،000 ކޯޓާގެ އެއްބަސްވުމުގައި ސޮއިކުރުން] މިއީ ވަރަށް ބޮޑު މައްސަލައެއް. މިއަށް ބަަލައިގެން ސައުދީން 1،000 މީހުންގެ މައުލޫމާތު ޑޭޓާ ބޭސްއަށް އަޅަން ޕާސްވޯޑު ދީފައި އެ އޮތީ،" އޭނާ ވިދާޅުވި އެެވެ.
"ހައްޖު ކޯޓާ ޔަގީންވި ކަން އަންގަނީ އެއްވެސް އެމްބަސީއެއްގެ ފަރާތަކުން ނޫން. ސީދާ ހައްޖު މިނިސްޓްރީން އަންނާނީ ރަސްމީ ސިޓީއެއް ސައުދީ ރަސްގެފާނުގެ ގަރާރަކާ ހަވާލާދީ. އެގޮތަށް ބާކީ 1000 ހަމަޖެއްސި ކަމުގެ ސިޓީއެއް ނާދޭ މިފަހަރު."
ހައްޖު ކޯޓާ އިތުރު ވެދާނެ ކަމަށް ސައުދީގެ އެމްބަސީން ރާއްޖެ އަށް ފޮނުވީ ސައްހަ ސިޓީއެއް ނޫން ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު އެކަން އިސްލާމިކް މިނިސްޓަރުގެ ސަމާލުކަމަށް އެ އެމްބަސީން ގެނެސްފައިވާ ކަމަށްވެ އެވެ.
މި ކަމުގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި އެ މައްސަލަ ކުރިމަތިވީ ސައޫދީ ސަރުކާރުން ފޮނުއްވި އެގްރީމެންޓްގެ ޑްރާފްޓް އިސްލާހު ކުރަން ދިން ފުރުސަތުގައި އެކަން ނުކޮށް އެގްރީމެންޓްގައި މިނިސްޓްރީން ސޮއި ކުރުމުންނެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ސައޫދީ ސަރުކާރުން، ކުރިން ވެސް ކަންތައް ކުރާ ގޮތަށް މިފަހަރު ވެސް އެންމެ ފުރަތަމަ ފޮނުވީ ހައްޖު އެގްރީމެންޓްގެ ކޮޕީއެއް. އެއީ އޭގައި އެއްވެސް މައްސަލައެއް އޮތްތޯ އާއި އިސްލާހު ކުރަންޖެހޭ ކަމެއް އޮތްތޯ ބަލަން. އެ ކޮޕީގައި މި އޮތީ ރާއްޖެ އަށް ދީފައިވަނީ 1000 މީހުންގެ ކޯޓާ ކަމަށް. ރާއްޖެ އަށް 2000 މީހުންގެ ކޯޓާ ދީފައި އޮތް ނަމަ، ސައޫދީ ސަރުކާރުން ފޮނުވާ އެގްރީމެންޓްގައި އޮންނާނީ 1000 މީހުންގެ ވާހަކައެއް ނޫން ދެއްތޯ. އަޅުގަނޑުގެ ސުވާލަކީ އިސްލާމިކް މިނިސްޓްރީން އެ ބުނާ ގޮތަށް ރާއްޖެ އަށް 2000 މީހުންގެ ކޯޓާ ދީފައި އޮތް ނަމަ، އިސްލާމިކް މިނިސްޓްރީން ކީއްކުރަންތޯއޭ، 1000 މީހުންގެ ކޯޓާގެ އެގްރީމެންޓެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރަންވީ. އެހެންވީމާ އެއީ މިނިސްޓްރީން އެކަން ކުރެއްވި ބޭފުޅުން ހެއްދެވި ވަރަށް ބޮޑު ގޯހެއް،" ކަމުގެ މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު "މިހާރު" އަށް ކިޔައިދިނެވެ.
ސައުދީ ސަރުކާރުން ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް 1،000 މީހުންނަށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.
ސައުދީ ސަރުކާރުން 1000 މީހުންގެ ޖާގަ ކަށަވަރުކޮށް ފޮނުވި އެއްބަސްވުމުގައި ސޮއިކުރުމަކީ، ހައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، މިނިސްޓްރީން ހެދި ގޯހެކެވެ. ދެ ހާސް ޖާގައިގެ ކަށަވަރުކަން ދީފައި އޮތް ނަމަ، 1،000 ޖާގަ އަށް ސޮއިކޮށްގެން ނުވާނެ އެވެ.
މި އަހަރު އިސްލާމިކް މިނިސްޓްރީން މިވަނީ، ގްރޫޕްތަކަށް ހައްޖު ޕެކޭޖްތަކެއް ވެސް ހަދައިދީފަ އެވެ. އޭގެ ތެރޭގައި ވީއައިޕީ ޕެކޭޖާއި އެއަށް ވުރެ ދަށް ޕެކޭޖްތައް ވެސް ހިމެނެ އެވެ. ވީއައިޕީ ޕެކޭޖްތަކުގައި އިތުރަށް ފައިސާ ދައްކަން ޖެހެ އެވެ. މިއީ ވެސް ސައޫދީ އަރަބިއްޔާގެ ގަވާއިދުތަކާ މުޅިން ހިލާފު ކަމެކެވެ.
"އެއް ގްރޫޕަށް ނެގޭނީ އެއް ޕެކޭޖެއް، ތަފާތު ޕެކޭޖެއް ނުނެގޭނެ. އެހެންވީމަ ވަރަށް ބޮޑެތި ގޯސްތަކެއް މިހިރީ ހަދާފައި ހައްޖަށް ގެންދިއުމުގެ ކަންކަން އިންތިޒާމް ކުރުމުގައި،" މި ރިޕޯޓަށް މައުލޫމާތު ހިއްސާކުރެއްވި ފަރާތުން ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު އުމްރާއަށް ދާން ބަޔަކު އެއާޕޯޓުގައި. - ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދެން އޮތީ އިސްލާމިކް މިނިސްޓްރީން ހައްޖަށް ގެންދާނެ އަގެއް ކަނޑައަޅާފައި އޮއްވައި އެ އަގަށް ވުރެ އެތައް ގުނައެއް އިތުރަށް ކުންފުނިތަކުން ފައިސާ ނަގާ މައްސަލަ އެވެ. ހައްޖުގެ އަގުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން މި އަހަރަށް ހަމަޖެއްސީ 69،000ރ. އެވެ. އެކަމަކު ހައްޖަށް ދާން ބައެއް މީހުން 80،000-100،000ރ. ދައްކާފައިވެ އެވެ. މިއީ ވެސް އިސްލާމިކް މިނިސްޓްރީ އަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ.
ކޯޓާގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ސިޓީގައި ބުނެފައި ވަނީ ރާއްޖެ އަށް ރަސްމީކޮށް ދީފައިވާ 1000 މީހުންގެ ކޯޓާގެ އިތުރުން، ސައޫދީ ރަސްގެފާނު ވަނީ ރާއްޖެ އަށް އިތުރު 1000 މީހުންގެ ކޯޓާ ހަމަޖައްސަވައިދެއްވާފައި ކަމަށެވެ. ރަސްގެފާނުގެ އެ ނިންމެވުމަށް ބިނާކޮށް، ރާއްޖޭގެ ހަ ކުންފުންޏަކަށް 2000 މީހުންގެ ޖާގަ އެ މިނިސްޓްރީން މިހާރު ބަހާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ހަ ކުންފުނިން މިހާރު ވަނީ ހައްޖުވެރިން ބޭތިއްބުމަށް ސައޫދީން ހޮޓަލާއި އަރަފާތާއި މިނާ އިން ވެސް ޖާގަ ކުއްޔަށް ހިފާފައި ކަމަށާއި ހައްޖުވެރިން ދަތުރުކުރަން އެއާލައިންތަކާ އެކު އެއްބަސްވުން ގާއިމުކޮށް ޓިކެޓްގެ އަގުގެ ބައެއް ވެސް ދައްކާފައި ކަމަށް ވެސް އެ ސިޓީގައި މިނިސްޓްރީން ބުނެފައިވާ ކަމަށް ވެ އެވެ.
ނަމަވެސް އެ 2000 ކޯޓާގެ ތެރެއިން 1000 ކޯޓާ ކެންސަލް ކުރި ކަން އަންގައި، ޖުލައި 12، 2016 ގައި ސައޫދީ ސަރުކާރުން ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ސައުދީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދިި މައްސަލަ ހައްލުކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ޒިޔާދު ސޮއިކުރައްވައި ސައޫދީގެ ހައްޖާ ބެހޭ ވަޒީރު ޑރ. މުހައްމަދު ސާލިހް ބްނު ޠާހިރަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
އެ ސިޓީ ފޮނުވިތާ ދެ ހަފުތާ ވާން އުޅޭ އިރު ވެސް، އެ މައްސަލަ މިހާތަނަށް ހައްލު ނުވާ ކަން އެނގިފައިވެ އެވެ.
ހައްޖުގެ ކަންކަމުގައި މީގެ ކުރިން މައްސަލަތައް ކުރިމަތި ވަނީ ކުންފުނިތަކުން އޮޅުވާލާތީ ނުވަތަ އިންތިޒާމްތައް ހަމަޖެއްސުމުގައި ފަރުވާކުޑަކުރާތީ އެވެ. މިފަހަރު މި އޮތީ މިނިސްޓްރީގެ އިހުމާލެވެ. މި މައްސަލާގައި އިސްލާމިކް މިނިސްޓްރީ ހިމޭނުން އޮތަކަސް ކަމަކުނުދާނެ އެވެ. ރައްޔިތުންނަށް ޖަވާބުދާރީވެ ޒިންމާއުފުލަން ޖެހެ އެވެ.
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!
ހަރަމައިން ކުންފުނިން ވެސް އިތުރަށް ފައިސާ ނަގަނީ!
ވިސާ ފީ އަށް ބަދަލުތަކެއް، ހައްޖުގެ އަގު ބޮޑުވެދާނެ
ހައްޖު ފައިސާގައި މިފަހަރު ވެސް ބޮޑެތި އޮޅުވާލުންތަކެއް!
1000 މީހުންނަށް ހައްޖަށް ނުދެވިދާނެކަމުގެ ބިރު އުފެދިއްޖެ
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!