Roadha Mihaaru
ހަރަމައިން ކުންފުނިން ވެސް އިތުރަށް ފައިސާ ނަގަނީ!

ހަރަމައިން ކުންފުނިން ވެސް ހައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ނަގަނީ!

21 އޯގަސްޓް 2016

ހައްޖަށް މީހުން ގެންދަން ހަރަމައިން ކުންފުނިން ކަނޑައެޅި އަގަށް ވުރެ އިތުރަށް އެ ކުންފުނިން ވެސް ހައްޖުވެރިންގެ އަތުން ފައިސާ ނަގަމުންދާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައްޖަށް މީހުން ގެންދަން ހަރަމައިން ކުންފުނިން ކަނޑައެޅި އަގަށް ވުރެ އިތުރަށް އެ ކުންފުނިން ވެސް ހައްޖުވެރިންގެ އަތުން ފައިސާ ނަގަމުންދާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީ އަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ ހައްޖުވެރިންގެ ހުރިހާ ހިދުމަތެއް ހިމެނޭ ގޮތަށް އިކޮނޮމިކް ޕެކޭޖްގައި އެ ކުންފުނިން ނަގާނީ 57،999ރ. ކަމަށެވެ. ބިޒްނަސް ޕެކޭޖްގެ ގޮތުގައި ނަގާނީ 65،000ރ. ކަމަށް އޮތީ ނިންމައިފަ އެވެ.

އެކަމަކު މައްކާ އިން މަދީނާ އަށް ދިއުމުގެ ކުރިން 170 ޑޮލަރު (2،621ރ.) ދައްކަން އެ ކުންފުނީގެ 200 މީހުންނަށް އެސްއެމްއެސްއަކުން ވަނީ އަންގައިފަ އެވެ. އެއީ ހަދުޔު ކަތިލުމުގެ ހަރަދު ކަމަށް ވެސް ބުނެފައިވެ އެވެ.

ހަރަމައިން ކުންފުނީގެ އިސް ވެރިޔަކު، ވައިބަ ގްރޫޕްގައި ބުނެފައި ވަނީ މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހެޅީ އެ ފައިސާ ނުހިމަނާ ކަމަށެވެ.

މެސެޖުގައި މިހެން ބުނިއިރު، ހުރިހާ ހިދުމަތެއް ހިމަނައިގެން ހުށަހަޅާ ޕްރޮޕޯސަލްގައި ކަނޑައެޅި އަގަށް ވުރެ އިތުރަށް ފައިސާ ނެގުން އިސްލާމިކް މިނިސްޓްރީން އޮތީ މަނާކޮށްފަ އެވެ. ޕްރޮޕޯސަލްއާ ހިލާފުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ހައްޖުގެ ކަންކަމާ ގުޅޭ ގޮތުން ހަރަމައިން ކުންފުނިން ވާހަކަ ދައްކަވާނެ އިސް ބޭފުޅަކު ފޯނު ނުނަންގަވާތީ މި މައްސަލާގައި ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.

ހަރަމައިން ކުންފުނިން އިތުރަށް ފައިސާ ދައްކަން އެންގިއިރު ހައްޖަށް ގެންދަން ހުއްދަ ދޫކޮށްފައިވާ އެކްރޯ ކުންފުނިން ވެސް ވަނީ ޕްރޮޕޯސަލްގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނަގަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހަރަމައިން ކުންފުނިން އިތުރަށް ފައިސާ ނަގާ ކަމުގެ ޝަކުވާ އެއްވެސް ފަރާތަކުން މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެ ޝަކުވާ ހުށަހަޅައިފި ނަމަ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮޕޯސަލްގައި ކަނޑައެޅި އަގަށް ވުރެ އިތުރަށް ފައިސާ ނެގޭނީ، ސަބަބު ބަޔާންކޮށް އާއްމުކޮށް އިއުލާންކުރުމަށް ފަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެހެން ނޫން ނަމަ ފިޔަވަޅެއްގެ ގޮތުގައި 50،000ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކުރީ އެ ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްގައިވާ އަގުތަކަށް ބަލައި އެއަށް ވުރެ އިތުރަށް ފައިސާ ނުނަގަން ޝަރުތު ކޮށްފަ އެވެ. ހުއްދަ ދޫކުރީ އެންމެ އަގު ހެޔޮކޮށް ހައްޖަށް މީހުން ގެންދަން އެއްބަސްވި ފަސް ކުންފުންޏަށެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި އަގުތަކަށް ވުރެ އެތައް ގުނައެއް އިތުރަށް ބައެއް ކުންފުނިތަކުން ވަނީ ފައިސާ ނަގައިފަ އެވެ.