23 ޖުލައި 2018
ރާއްޖޭގައި ހުޅުވާ ރިސޯޓުތައް އަންނަނީ އިތުރުވަމުންނެވެ. އެއާ އެކު ޓޫރިސްޓުންނަށް ވިއްކަން ޖެހޭ އެނދުގެ އަދަދު ވަނީ 42،800 އަށް ވުރެ މަތިވެފަ އެވެ.
ރާއްޖޭގައި ހުޅުވާ ރިސޯޓުތައް އަންނަނީ އިތުރުވަމުންނެވެ. އެއާ އެކު ޓޫރިސްޓުންނަށް ވިއްކަން ޖެހޭ އެނދުގެ އަދަދު ވަނީ 42،800 އަށް ވުރެ މަތިވެފަ އެވެ.
ހުޅުވާ ރިސޯޓުތަކުގެ އަދަދު އިތުރުވި ނަމަވެސް، އިންވެސްޓަރުންގެ އެންމެ ބޮޑު ބޮލުރިހުމަކަށް ވެފައި ވަނީ އެތައް މިލިއަން ޑޮލަރެއްގެ ލޯނު ނަގައިގެން ހަދާ ރިސޯޓުގެ އެނދުތައް ހުހަށް ހުރުމެވެ. އެ އެނދުތައް ވިއްކެން އޮތީ ރާއްޖެއަށް ޓޫރިސްޓުންނަށް އާދެވޭ މިންވަރަކުންނެވެ.
ރާއްޖޭގައި މިހާރު 137 ރިސޯޓު ރަޖިސްޓްރީކޮށްފައިވާއިރު، އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި، އެތަންތަނުގެ އެވްރެޖް އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި 60 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓެން އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމިގެންނެވެ.
ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ވިޔަފާރިވެރިއަކު ވިދާޅުވީ އާ ރިސޯޓުތަކެއް ހުޅުވުމަކީ ކުރިމަގަށް ބަލާއިރު ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށެވެ. އެކަމަކު ރިސޯޓުތަކެއް އިތުރުވި ނަމަވެސް ޓޫރިސްޓުންގެ އަދަދު އިތުރު ކުރެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ އިތުރުކުރެވިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެތައް ރިސޯޓެއް ހިމެނޭ ގޮތަށް ތަރައްގީކުރަމުން އަންނަ ކ. އެނބޫދޫފިނޮޅު ހިއްކާ ނިންމާފައި. އެތަނުގެ ފުރަތަމަ ރިސޯޓު އަންނަ ޑިސެމްބަރު މަހު ހުޅުވަން ވަނީ ހަމަޖައްސާފައި.
"މިހާރު ރިސޯޓުތައް އިތުރުވި ނަމަވެސް އެއާޕޯޓު ހެދިގެން އިތުރު މީހުން ގެނެވޭނީ. އެއާޕޯޓު ހެދުމުން އަންނަ މީހުން އިތުރުވާނެ. އެހެންވީމަ އިތުރު ރިސޯޓުތައް ބޭނުންވޭ. އެކަމަކު އަޅުގަނޑުމެން ބަލަން އެބަ ޖެހޭ ރިސޯޓުތައްތޯ ކުރިން ހަދަންވީ ނުވަތަ އެއާޕޯޓުތޯ ހަދަންވީ. އެއާޕޯޓު ހަދައިގެން އަންނަ މީހުން އިތުރުވާއިރު އެއާ އެއްވަރަށް ރިސޯޓުތައް އިތުރުވާން ޖެހޭނެ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ވިޔަފާރިވެރިޔަކު ވިދާޅުވީ އެނދުތައް އިތުރުވަމުން އަންނަ ނިސްބަތަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުނުވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެއާޕޯޓުގެ ޖާގަ ނެތުމެވެ.
"އެއާޕޯޓުގެ އާ ރަންވޭ އާއި ޓާމިނަލް ނިމިގެން ނޫނީ މިހާރު އަންނަ ވަރަށް ވުރެ ޓޫރިސްޓުންގެ އަދަދެއް އިތުރެއް ނުވާނެ. އެތަން ތަރައްގީކުރަން ހިންގާ މަޝްރޫއު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މިތިބީ. އެ އެއާޕޯޓު މިހާރު އެ ހިންގަން ފުލް ކެޕޭސިޓީގައި،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މެދުގައި ނުނިމި އޮތްބައިގެ މަސައްކަތްކުރަނީ. އެ މަސައްކަތް ނިމި އަންނަ އޮގަސްޓް މަހު އާ ރަންވޭ ބޭނުންކުރަން ފެށޭނެ. ފޮޓޯ: އެމްއޭސީއެލް
ރިސޯޓުތަކުގެ އެނދުތައް ނުފުރޭ ނަމަ، އިންވެސްޓްކުރި ފައިސާ އަނބުރާ ލިބުން ލަސްވާނެ އެވެ. ކުރިން ރާއްޖޭގައި ރިސޯޓެއް ހަދަން ކުރި އިންވެސްޓްމަންޓް ދިހަ އަހަރުގެ ތެރޭގައި އަނބުރާ ލިބުނު ނަމަވެސް، މިހާރު އެ މުއްދަތު 20 ނުވަތަ 25 އަހަރު ނަގާނެ ކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.
ރިސޯޓުތައް ހިންގާ ވިޔަފާރިވެރިން މިހާރު ތިބީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި ޓާމިނަލް ނިމޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އާ ރަންވޭ އަންނަ މަހު ނިމޭއިރު، ކުރިޔަށް އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އާ ޓާމިނަލެއް ވެސް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ވެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސްރީ ލަންކާގެ އާދަރަން ހެރިޓަންސް ރިސޯޓުގެ އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް ސުރޭޝް ޑިސަނަޔަކަ ދާދި ފަހުން ޓީޓީ އޭޝިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތައް އިތުރުވުމުގެ މައްސަލައަކީ ވަގުތީ ކަމެއް ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާއި ރަންވޭ ހަދައި ނިމުމުން، ފްލައިޓްތައް އިތުރުވެ، ރިސޯޓުތަކުގެ ކޮޓަރިތައް ފުރޭ ވަރަށް ޓޫރިސްޓުން ގެނެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
މިހާރު ހުރި އެނދުތަކަށް ބަލާ ނަމަ އެތަންތަން ފުރަން އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ގެންނަން ޖެހެ އެވެ. އެ މިންވަރަށް ޓޫރިސްޓުން ގެނެވެން އޮތީ އެއާޕޯޓު ތަރައްގީކޮށް ނިމިގެންނެވެ.
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވެނީ ރޭގަނޑު
އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރިޔަށް އެބަދޭ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 21.4 މިލިއަން ޑޮލަރު
އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް
ވެލާނާ އެއާޕޯޓް މަޝްރޫއު ތާރީހުގައި ލިޔެވޭނެ
އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
އެއާ އެރޭބިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ