Roadha Mihaaru
އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް

އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް، ޖެޓުތަކުން އެއާޕޯޓް ފުރާލާނެ

27 ޑިސެމްބަރ 2016

އާ އަހަރު ފާހަގަކުރަން ރާއްޖެ އަންނަ މުއްސަނދިން ދަތުރުކުރާ ގިނަ އަދަދެއްގެ ޖެޓްތަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އާ އަހަރު ފާހަގަކުރަން ރާއްޖެ އަންނަ މުއްސަނދިން ދަތުރުކުރާ ގިނަ އަދަދެއްގެ ޖެޓްތަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސީޒަނަކީ ޔޫރަޕަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދު އެވެ. ހާއްސަކޮށް، މި ދުވަސްވަރު އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެ އެވެ. އޭގެ ތެރޭގައި ބޮޑެތި މަހުޖަނުންނާއި މަޝްހޫރު މީހުން ހިމެނެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު "މިހާރު" އަށް ވިދާޅުވީ އާ އަހަރު ފެށޭ ދުވަސް ކަމަށް ވާ އަންނަ އާދިއްތަ ދުވަހު އެއާޕޯޓުގައި އަމިއްލަ 53 ޖެޓު ޖައްސާނެ ކަމަށެވެ. އެއީ އާ އަހަރާ ދިމާކޮށް ރެކޯޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއާޕޯޓުގައި ޖާގަ ނެތިގެން މީގެ ކުރީގެ އަހަރުތަކުގައި ޖެޓުތައް ޕާކުކުރަން ޑޮމެސްޓިކް ބައެއް އެއާޕޯޓުތަކަށާއި އަވަށްޓެރި ގައުމުތަކަށް ވެސް ފޮނުވަ އެވެ. އެކަމަކު، އަމިއްލަ ޖެޓުތަކަށް ހާއްސަކޮށް އެއާޕޯޓުގެ އުތުރު ކޮޅުގައި ތަރައްގީކޮށްފައިވާ އޭޕްރަން ބޭނުން ކުރަން ފަށާފައި ވާތީ، މިހާރު ޖާގަ ވަނީ ތަނަވަސްވެފަ އެވެ.

ގާތްގަނޑަކަށް 30 ޖެޓުގެ ޖާގައިގެ އާ އޭޕްރަންގެ އިތުރުން، ޖެޓުތައް ޕާކުކުރަން މައި އޭޕްރަން ވެސް މި ފަހަރު ބޭނުން ކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އެހެންވެ، އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ ޖެޓު އެއާޕޯޓުގައި ޕާކު ކުރާ ފަހަރަށް ވެސް މި އަހަރު ވާނެ އެވެ.

"ޖެޓުތަކުގެ އަދަދު އިތުރުވާ ވަރަކަށް، ޕާކިން ޗާޖާއި އެ ނޫން ވެސް ފީތަކާ އެކު އެއާޕޯޓަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެގެން ދާނެ،" ހަސަން ވިދާޅުވި އެވެ.

ކްރިސްމަސް އާއި އާ އަހަރުގެ ފެށުމާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކަށް އަބަދުވެސް ބާރު ބޮޑުވެ އެވެ. މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ޗުއްޓީ ހޭދަކޮށްލަން އަަންނަ އިރު މި އަހަރުގެ ތެރޭގައި ވެސް ހޮލީވުޑްގެ ބައެއް ތަރިންނާއި ބޮލީވުޑްގެ ގިނަ އަދަދެއްގެ މަޝްހޫރު މީހުން ރާއްޖެ ޒިޔާރަތްކުރި އެވެ.

އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ކެޕްޓަން ޑޭވިޑް ބެކަމް އާއި އޭނާގެ އާއިލާ ވެސް ވަނީ އާ އަހަރުގެ ހާއްސަ ޕާޓީއެއް ބާއްވަން ރާއްޖެ އައިސްފަ އެވެ. ބ. އަތޮޅުގައި އޮންނަ އަމިއްލަ ފުށި ރިސޯޓުގައި ބާއްވާ މި ޕާޓީ ޝަރަފުވެރި ކޮށްދޭނީ ބެކަމްގެ އެންމެ ގާތް ދެ ރައްޓެހިން ކަމަށްވާ، މަޝްހޫރު ޝެފް ގޯޑަން ރަމްސީ އާއި އޭނާގެ އަންހެނުން ޓާނާ ރަމްސީ އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ސީޒަންގައި ވަނީ ދަށަށް ގޮސްފަ އެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅުވާން ފަށާފައިވާ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.