Roadha Mihaaru
އައިޔޫއެމް ހިންގުމަށް ވައިސް ޗާންސެލާއެއް ހަމަޖައްސައިފި

ޝަހީމް އިސްތިއުފާ ނުދެއްވަައި ޔުނިވާސިޓީ ހިންގުން އެހެން ބޭފުޅަކަށް

09 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމުން، އެ ޔުނިވާސިޓީ ހިންގުމަށް ވައިސް ޗާންސެލާ އެއް މިއަދު އައްޔަން ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސުމުން، އެ ޔުނިވާސިޓީ ހިންގުމަށް ވައިސް ޗާންސެލާ އެއް މިއަދު އައްޔަން ކުރައްވައިފި އެވެ.

އެމަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވަނީ ހދ. ވައިކަރަދޫ، ބުލޫހައުސް، އާއިޝަތު ހަލީލާ ޢަބްދުއްސައްތާރު އެވެ.

ދީނީ ދާއިރާ އިން މަތީ މައުލީމް ހާސިލް ކުރައްވާފައިވާ އާއިޝަތު ހަލީލާ ވަނީ އަދާލަތު ޕާޓީގެ ޓިކެޓެއްގައި ވައިކަރު ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވާދަކުރައްވާފަ އެވެ. އިންތިހާބުން ނާކާމިޔާބުވި އެވެ.

އައިޔޫއެމްގެ ޗާންސެލާ އަކަށް ހުންނެވި ޝަހީމް، ރަނިން މޭޓަކަށް އައްޔަން ކުރުމުން އޭނާ ވިދާޅުވީ ޗާންސެލާކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ މަގާމުން އިސްތިއުފާ ނުދެއްވުމަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ އެޑްވައިޒަރެއްގެ ގޮތުގައި. ވައިސް ޗާންސެލާއެއް ކަނޑައަޅާނެ ހިންގުމަށް،" ޝަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ނިންމާފައިވަނީ އެޕާޓީގެ ކެމްޕެއިންގައި އަމަލީ ގޮތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ޝަހީމް ބޭނުން ކުރެއްވުމެވެ. ޝަހީމް ވިދާޅުވީ ކެމްޕެއިނުގައި އުޅުއްވިޔަސް ޔުނިވާސިޓީ ހިންގުމަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.