Roadha Mihaaru
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ސައުދީގައި

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޝަހީމް ސައުދީގައި

29 އެޕްރީލް 2018

ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ (އައިޔޫއެމް) ގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އެ ގައުމަށް ވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ (އައިޔޫއެމް) ގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އެ ގައުމަށް ވަޑައިގެންފި އެވެ.

އައިޔޫއެމުން ބުނީ ޝަހީމްގެ ދަތުރުގައި، ސައޫދީގެ މުހިންމު ފަސް ޔުނިވާސިޓީއަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އެ ތަންތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި އައިޔޫއެމްއާ ގުޅޭ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.

އޭގެ ތެރޭގައި ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީ އާއި ކިންގް ސައުދު ޔުނިވާސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވާސިޓީ އާއި މުހައްމަދު އިސްލާމިކް ޔުނިވާސިޓީ ހިމެނެ އެވެ.

އަދި ސައުދީގެ އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ސައުދީގެ މުފްތީއާ ވެސް ޝަހީމް ބައްދަލު ކުރައްވާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.

ޝަހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސައުދީ އަށް ކުރައްވާ ދަތުރަކީ އެ ގައުމުގެ މުހިންމު ޔުނިވާސިޓީތަކަށް ޒިޔާރަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ޚާއްސަ ފުރުސަތެކެވެ. މި ދަތުރުގެ ސަބަބުން އިސްލާމިކް ޔުނިވާސިޓީ އަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ތައުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވާސިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އެއްބަސްވުމުގެ ދަށުން ތަމްރީނުގެ ފުރުސަތުތަކާއި ތަފާތު އެކި ދާއިރާތަކުން ސްކޮލަޝިޕްގެ ފުރުސަތުތަކާއި އިލްމީ ދިރާސާތައް ސުޕަވައިޒް ކުރުމުގައި މަދީނާ ޔުނިވާސިޓީގެ އެހީތެރިކަން އައިޔޫއެމަށް ލިބޭނެ އެވެ.