Roadha Mihaaru
އައިޔޫއެމްގެ ކޯސްތަކަށް ރެކޯޑު އަދަދަކަށް ދަރިވަރުން

އައިޔޫއެމްގެ ކޯސްތަކަށް ރެކޯޑު އަދަދަކަށް ދަރިވަރުން ކުރިމަތިލައިފި

17 ޖެނުއަރީ 2018

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކޯސްތަކަށް، ރިކޯޑު އަދަދަކަށް ދަރިވަރުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކޯސްތަކަށް، ރިކޯޑު އަދަދަކަށް ދަރިވަރުން ކުރިމަތިލައިފި އެވެ.

މި އިންޓޭކުގައި ފަށާ 51 ކޯހަކަށް 850 އަށްވުރެ ގިނަ ދަރިވަރުން ވަނީ ކުރިމަތިލައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ކުރިމަތިލާފައި ހުރި ކޯސްތަކަށް ދަރިވަރުން ހޮވާފައިވަނީ އިންޓަވިއުކޮށްގެންނެވެ.

އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ، ކުއްލިއްޔާގެ ތާރީހުގައި ވެސް އެތަނުގެ ކޯސްތަކަށް، އެހާ ގިނަ ދަރިވަރުން ކުރިމަތިލާފައިނުވާ ކަމަށެވެ. އެހެންވެ މިއީ ސެމިސްޓާއަކަށް އެހާ ގިނަ ދަރިވަރުން ކުރިމަތިލި ފުރަތަމަ ފަހަރެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެ ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

"މާތްﷲގެ ހެޔޮ ރަހުމަތުން މިއަދު އައިޔޫއެމްގައި އަރަބި ބަހާއި އިނގިރޭސި ބަހާއި ދިވެހި ބަހުން ކަޔަވައިދޭ ތަފާތު ފެންވަރުގެ ޕްރޮގްރާމްތައް ހިންގާ. ގިނަ އަދަދެއްގެ ޒުވާނުން އައިޔޫއެމްއާ ގުޅެމުންދާ ކަމާ މެދު އުފާކުރަން،" މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު. ޑރ. ޝަހީމް ވިދާޅުވި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި އޮރިއެންޓޭޝަންގެ ތެރެއިން.-- ފޮޓޯ: އައިޔޫއެމް

އައިޔޫއެމްގައި މިއަދު ބޭއްވި އޮރިއެންޓޭޝަންގެ ތެރެއިން.-- ފޮޓޯ: އައިޔޫއެމް

އައިޔޫއެމްގެ ކޯސްތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ މާސްޓާސް ފެންވަރުގެ ކޯސްތަކަށެވެ. އޭގެ ތެރެއިން އިސްލާމިކް ފައިނޭންސާއި ޝަރީއާގެ ކޯސްތަކަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބޭކަން ޝަހީމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ކޯސްތަކުގެ ކޮލެޓީ ރަނގަޅުވުމާއި ކިޔަވައިދެއްވާ ލެކްޗަރާއިންގެ ފެންވަރު ރަނގަޅުވުމުން ކަމަށް ގިނަ ދަރިވަރުން ކުރިމަތިލާފައި މިވަނީ. އެއީ މިި ޔުނިވާސިޓީއަަށް ދަރިވަރުން ކުރައްވާ އިތުބާރު. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަނ،ް" ޝަހީމް ވިދާޅުވި އެވެ.

ދަރިވަރުންގެ ތަރުހީބާ އަޅާބަލާފައި އެ ޔުނިވާސިޓީގެ ޖާގަ ވަރަށް ކުޑަ ކަމަށާއި އެހެންވެ، ދެ ވަނަ އިންޓޭކުގައި ދަރިވަރުންގެ ތަރުހީބަށް ބަލާފައި ބައެއް ކޯސްތަކަށް އިއުލާނު ނުކުރާނެ ކަމަށް ޝަހީމް ވިިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހު އައިޔޫއެމްގެ ޖެނުއަރީ އިންޓޭކުގެ ކިޔެވުން ފަށާއިރު، މިހާތަނަށް 700އެއްހާ ދަރިވަރުން ރަޖިސްޓްރީކޮށްފައިވާ ކަމަށް، ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.