Roadha Mihaaru
ތިން ސަރަހައްދެއްގައި އައިޔޫއެމްގެ ކެމްޕަސް އަޅަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި އައިޔޫއެމްގެ ކެމްޕަސް އަޅަނީ

15 އޮކްޓޯބަރ 2017

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސްތަކެއް ގާއިމްކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސްތަކެއް ގާއިމްކުރަން ނިންމައިފި އެވެ.

އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ސ. ފޭދު އާއި ފުވައްމުލަކާއި ޅ. ނައިފަރުގައި އައިޔޫއެމްގެ ކެމްޕަހެއް ގާއިމްކޮށް އަންނަ ޖެނުއަރީ މަހު ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޖެނުއަރީ މަހުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ، އެ ރަށްރަށުގައި މިހާރު ހުރި އިމާރާތްތަކުގަ އެވެ. ނަމަވެސް އައިޔޫއެމްގެ ރަސްމީ ކެމްޕަސް، އެ ރަށްރަށުގައި ފަހުން ގާއިމްކުރާނެ ކަން ޝަހީމް ފާހަގަކުރެއްވި އެވެ.

"އެ ރަށްރަށުގެ ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭ. ފުވައްމުލަކާއި ނައިފަރުން އިމާރާތް ލިބިފައިވާ އިރު އައްޑޫ ކެމްޕަހަށް އެ ރަށުގެ ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އައިޔޫއެމްގެ މައި މަރުކަޒުގައި ކުރި އަށް ގެންދާ ހުރިހާ ކޯސްތަކެއް، އެހެން ކެމްޕަސްތަކުގައި ވެސް ފެށޭތޯ ބައްލަވާނެ ކަމަށެވެ. ނަމަވެސް އެ ރަށްރަށުގައި ލެކްޗަރާ އިން ތިބި ދާއިރާތަކަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

މިއީ މާލެ ފިޔަވައި އެހެން ރަށްރަށުގައި އައިޔޫއެމް އިން ކެމްޕަސް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.

އައިޔޫއެމްގައި މިހާރު ހިންގަމުން އަންނަ ކޯސްތަކުގައި 2500 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ.