Roadha Mihaaru

ޗާންސެލަރު ކަމުން އިސްތިއުފާ ނުދެއްވުމުން ޝަހީމަށް ފާޑުކިޔުން

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސިޔާސީ ދާއިރާއަށް އަލުން ނުކުންނެވިއިރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނަވަން ނިންމެވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ޗާންސެލަކަމުން އިސްތިއުފާ ނުދިނުމުން ޝަހީމަށް ފާޑުކިއުން
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

10 ޖުލައި 2018

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސިޔާސީ ދާއިރާއަށް އަލުން ނުކުންނެވިއިރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނަވަން ނިންމެވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމުން އޭނާ ފުރަތަމަ ނިންމެވީ ޗާންސެލާ ކަމުން އިސްތިއުފާ ދެއްވައި ސިޔާސީ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށެވެ. ނަމަވެސް އިއްޔެ އަނެއްކާ އޭނާ ވަނީ ރައީސް ޔާމީންގެ ވެސް ލަފާފުޅު ކަމަށް ވިދާޅުވެ، އެމަގާމުން އިސްތިއުފާ ނުދެއްވާނެ ކަން ހާމަކުރައްވާފަ އެވެ.

އިސްތިއުފާ ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވެ ލިޔުއްވި ސްޓޭޓަސް--

އެ ލަފައާ އެކު، ޔުނިވަސިޓީ ހިންގަން ވައިސް ޗާންސެލަރަކަށް ރައީސް ޔާމީން ހަމަޖެއްސެވީ އާއިޝަތު ހަލީލާ އަބްދުއްސައްތާރު، ހދ. ވައިކަރަދޫ، ބުލޫހައުސް، އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު ބުނާ ގޮތުން ޔުނިވާސިޓީ ހިންގުމުގެ ޒިންމާ އުފުލަން ޖެހޭނީ ވައިސް ޗާންސެލަރެވެ. ނަމަވެސް ޝަހީމް ޗާންސެލަރުކަމާ ހަވާލުވެވަޑައިގެންފަހުން އެ ޔުނިވާސިޓީއަށް ވައިސް ޗާންސެލަރެއް އައްޔަނެއްނުކުރައްވަ އެވެ. އެހެންކަމުން ތަން ހިންގެވީ ޝަހީމެވެ.

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނު ބުނާ ގޮތުން ޗާންސެލަރަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވާން ހުރަހެއް ނާޅަ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއްގައި ނުހުރެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

ޝަހީމް އިއްޔެ ވިދާޅުވީ އޭނާ ވަރަށް އަވަހަށް ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

ޝަހީމަށް ފާޑުކިއުއްވާ ބައެއް ބޭފުޅުން ވިދާޅުވަނީ ޔުނިވާސިޓީއެއްގެ ޗާންސެލާއަކަށް ހުންނަވައިގެން ޝަހީމް ސިޔާސީ މަސައްކަތް ކުރެއްވުމަކީ ޕްރޮފެޝަނަލް ގޮތެއް ނޫން ކަމަށެވެ. އޭގެ ސަބަބުން އެތައް ޓީޗަރުންނަކަށާއި އެތައް ސަތޭކަ ދަރިވަރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި އޭގެ ފަހުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރައްވާފައިވާ މުސްތަފާ ލުތުފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާންސެލަރަކަށް ހުންނަވައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަކީ މަތީ ތައުލީމަށް ހަޖޫ ޖެހުން ކަމަށެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މިހާތަނަށް ރާއްޖޭގެ ޔުނިވާސިޓީތަކުގެ ޗާންސެލަރުކަމާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން އެ މަގާމުތަކުގައި ތިއްބަވައިގެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައެއްނުވެ އެވެ.

އިސްތިއުފާ ދެއްވާނެ ކަމަށް ފުރަތަމަ ވިދާޅުވެ އެކަމަކު އޭގެ އެއް ދުވަސް ފަހުން ޗާންސެލަރުކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޝަހީމް ވިދާޅުވުމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ސުވާލުކުރެއްވީ، "ދެން މި މީހުންގެ ވާހަކަ ގަބޫލުކުރާނީ ކިހިނެއްތޯ؟" އެވެ.

"އަދި ރަނިން މޭޓަކަށް އެޕޮއިންޓް ކުރިތާ ދެ ދުވަސް ނުވޭ. ލާދީނީ މި ވަނީ މި ވާހަކަ ހަގީގަތަށް ބުނާ މީހާ" ކަމަށް ވެސް މަހުލޫފް ލިއުއްވި އެވެ.

ޝަހީމަށް ފާޑު ވިދާޅުވެ މަހްލޫފް ކުރެއްވި ޓްވީޓް--

ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ޝަރުތު ގެއްލުމުން މަގާމު ވެސް ގެއްލޭނެ ކަމަށެވެ. އަދި ޝަހީމުގެ އެ ނިންމެވުމުން ޔަގީންވީ ގާނޫނަށް ވުރެ ރައީސް ޔާމީންގެ އެންގެވުން އިސްކުރައްވާނެ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލް ޝިރާޖު ކުރެއްވި ޓްވީޓް---

ޗާންސެލަރުކަމުން އިސްތިއުފާ ނުދެއްވާނެކަން ހާމަކުރެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ އެ ނިންމެވުމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް އެގޮތަށް ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނެވުމަކީ، މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އޮތް ހުރަހެއް ވެސް ނޫނެވެ.