Roadha Mihaaru

ހިލޭ ޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް" އާ މެދު ދެބަސްވުމެއް!

ހިލޭ ޑިގްރީގެ ދަށުން ސަރުކާރުގެ ހަރަދުގައި ކިޔެވުމަށް ހުޅުވައިލި ފުރުސަތަށް މިއަދު ހަ އަހަރު ވީއިރު، އެ ސްކީމްގެ ކާމިޔާބީ އާއި އެ ތަސައްވަރުގެ ކްރެޓިޑް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނެންގެވި ކަމަށް ބުނެ ހިޔާލު ތަފާތުވުންތަކެއް ސޯޝަލް މީޑިއާގައި އޮއްސާލައިފި އެވެ.

ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
ނާޒިމް ހަސަން
ނާޒިމް ހަސަން

14 ފެބުރުއަރީ 2025

ހިލޭ ޑިގްރީގެ ދަށުން ސަރުކާރުގެ ހަރަދުގައި ކިޔެވުމަށް ހުޅުވައިލި ފުރުސަތަށް މިއަދު ހަ އަހަރު ވީއިރު، އެ ސްކީމްގެ ކާމިޔާބީ އާއި އެ ތަސައްވަރުގެ ކްރެޓިޑް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނެންގެވި ކަމަށް ބުނެ ހިޔާލު ތަފާތުވުންތަކެއް ސޯޝަލް މީޑިއާގައި އޮއްސާލައިފި އެވެ.

އިބޫގެ ރިޔާސީ ވައުދެއްގެ ގޮތުން ފެށި ހިލޭ ޑިގްރީ ސްކީމްގެ ދަށުން އެ ސަރުކާރު ނިމުމާ ހަމައަށް 18،000 ދަރިވަރަކު ފުރަތަމަ ޑިގްރީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔަވަން ފަށާފައިވެ އެވެ. އަދި 8،500 ދަރިވަރުން ސްކީމްގެ ދަށުން ކިޔަވައި ނިންމި އެވެ.

"...މީގެ ހަ އަހަރު ކުރިން އަޅުގަނޑުމެން ތައާރަފްކުރި ހިލޭ ޑިގްރީ ސްކީމަކީ ހިލޭ މަތީ ތައުލީމް ހާސިލް ކުރަން ހޯދައި ދެވެނު ފުރުސަތެއް. އެއީ އަޅުގަނޑުގެ ވެރިކަމުގައި އެންމެ ފަހުރުވެރިވާ އެއް ކާމިޔާބީ،" ހިލޭ ޑިގްރީގެ ހަ އަހަރުގެ ކާމިޔާބީ ފާހަގަ ކުރައްވައި، އިބޫ މިއަދު މެންދުރުފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ނަމަވެސް، އިބޫގެ މި ޕޯސްޓް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަބޫލުފުޅެއް ނުކުރެއްވުނެވެ. އެހެންވެ، އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓް "އެމްއެން އަންއޮފިޝަލް" އިން "އެމްޑީޕީ މެނިފެސްޓޯ 2018" އިއުލާން ކުރެއްވި ވީޑިއޯ ހިއްސާ ކުރެއްވި އެވެ.

"ވައުދުނާމާ 2018" މެނިފެސްޓޯއަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދު ހޯއްދެވުމަށް ފަހު، ރާއްޖޭން ބޭރުގައި ހުންނަވައިގެން އިއުލާން ކުރެއްވި މެނިފެސްޓޯއެކެވެ. އެ މެނިފެސްޓޯގައި ނަޝީދު ސިޔާސަތެއްގެ ގޮތުން ހިލޭ ޑިގްރީ ސްކީމް ހިމަނުއްވާފައި ވެ އެވެ.

"ކޮންމެ ތާކު ހުއްޓަސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވިގެން ދާން ޖެހޭ،" މެނިފެސްޓޯ އިއުލާން ކުރައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ މެނިފެސްޓޯ އެކުލަވާލުމުގައި އަމަލީ ގޮތުން 2018 ވަނަ އަހަރު މަސައްކަތް ކުރެއްވި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިލޭ ޑިގްރީ ސްކީމަކީ ސީދާ ނަޝީދުގެ ވައުދެއް ކަމަށެވެ.

"ކުރިން ހިލޭ ބޭސްފަރުވާ މި ފަހަރު ހިލޭ ޑިގްރީ ޖަހަންވާނެއޭ މިހާރު އެ ވަރަށް ޓެކްސް ވަދެއޭ ވިދާޅުވީ ސީދާ ރައީސް ނަޝީދު. ލިޔަން ތިބީ އަޅުގަނޑުމެން،" ނަޝީދުގެ ޕޮއިންޓުތައް ނޯޓު ކުރައްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯއަކާ އެކު އެކްސްގައި ވައްޑެ ވިދާޅުވި އެވެ.

އެ މެނިފެސްޓޯ ލިޔުއްވުމުގައި ވަރަށް އިސްކޮށް އުޅުއްވި މި ފަހުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދުގެ މެނިފެސްޓޯއަކީ "ގުޑް ގަވަނެންސްގެ ބްލޫޕްރިންޓް" ކަމަށެވެ.

ނަޝީދު މެނިފެސްޓޯ ވެސް އިއުލާން ކުރައްވައި ކެމްޕެއިން ކުރައްވަމުންދަނިކޮށް އެ މަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަން ޔަގީންވުމާ އެކު، އޭރު އިދިކޮޅުގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ތާއިދާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫ އަށް ދިނެވެ.

އެ މަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުންނެވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކާ އެކު އެވެ، ނަމަވެސް، އެ މެނިފެސްޓޯގެ ބޮޑު ހިއްސާއަކީ އެމްޑީޕީގެ ސިޔާސަތުތަކެވެ.