Roadha Mihaaru
ހިލަރީ ކްލިންޓަނުގެ ކެމްޕޭން ހެކްކޮށްފި

ހިލަރީ ކްލިންޓަނުގެ ކެމްޕޭން ހެކްކޮށްފި

30 ޖުލައި 2016

ވޮޝިންޓަން (ޖުލައި 30) - ޑިމޮކްރެޓިކް ޕާޓީގެ އެކި މުވައްސަސާތަކަށް ސައިބާ ހަމަލާތައް ދިނުމަށް ފަހު ހިލަރީ ކްލިންޓަންގެ ރިޔާސީ ކެމްޕޭން ހެކްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖުލައި 30) - ޑިމޮކްރެޓިކް ޕާޓީގެ އެކި މުވައްސަސާތަކަށް ސައިބާ ހަމަލާތައް ދިނުމަށް ފަހު ހިލަރީ ކްލިންޓަންގެ ރިޔާސީ ކެމްޕޭން ހެކްކޮށްފި އެވެ.

އެންމެ ފަހުން ހެކަރުންގެ ހަމަލާ އަމާޒުވެފައި ވަނީ ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީ އާއި ޑިމޮކްރެޓިކް ކޮންގްރެސް ކެމްޕޭން ކޮމިޓީއަށެވެ. އޭގެ ކުރިން ވަނީ ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި ބަދަލުކުރި އީމެއިލްތަކެއް ހެކް ކުރުމަށް ފަހު ވިކިލީކްސް މެދުވެރިކޮށް ބޭޒާރުކޮށްލައިފަ އެވެ.

އެމެރިކާގެ އޮފިޝަލުން ތުހުމަތު ކުރަނީ ހިލަރީގެ ކެމްޕޭނަށް އަމާޒުކޮށް ސައިބާ ހަމަލާތައް ދެމުން ދަނީ ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ އެޖެންޓުން ކަމަށެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް ރަޝިޔާ އިން ވަނީ މިކަން ދޮގު ކޮށްފަ އެވެ. އަދި މިއީ ރަޝިޔާއާ ދެކޮޅަށް ވޮޝިންޓަނުން ފަތުރާ ދޮގު މައުލޫމާތު ކަމަށް ވެސް ބުނެފައިވެ އެވެ.

ހިލަރީއާ ދެކޮޅަށް އިންތިޚާބުގައި ވާދަކުރައް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަނީ ހިލަރީގެ ކެމްޕޭނަށް އަމާޒުކޮށް ގިނަގިނައިން ސައިބާ ހަމަލާ ދިނުމަށް ރަޝިޔާ އަަށް ގޮވާލައިފަ އެވެ.

އެފްބީއައި އިން ބުނެފައި ވަނީ ހިލަރީގެ ކެމްޕޭނަށް އަމާޒުކޮށް ހެކްކުރަމުންދާ މައްސަލަ ތަހގީގު ކުރާނެ ކަމަށެވެ.

ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީގެ އީމެއިލްތައް ހެކްކުރީ ޕާޓީގެ ކޮންވެންޝަން ބާއްވަން އެއް ދުވަހަށްވެފައި ވަނިކޮށެވެ. މި އީމެއިލްތަކާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ޑެބީ ވަސަމަން ޝުލްޒް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ބޭޒާރުކުރި މޭލްތަކުގައި ވަނީ ބާނީ ސެންޑާސް އަށް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ޕާޓީގެ އިސް ފަރާތްތަކުން ދެކޮޅު ހަދާކަން ހާމަވެފަ އެވެ.