Roadha Mihaaru
އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން

އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން: ރިޕޯޓް

07 ޖެނުއަރީ 2017

ވޮޝިންޓަން (ޖެނުއަރީ 7) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކޮށް ޑޮނަލްޑް ޓްރަމްޕަށް ފަހިވާ ގޮތަށް އިންތިޚާބަށް ނުފޯޒު ފޯރުވުމަށް އަންގަވާފައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓެއްގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 7) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކޮށް ޑޮނަލްޑް ޓްރަމްޕަށް ފަހިވާ ގޮތަށް އިންތިޚާބަށް ނުފޯޒު ފޯރުވުމަށް އަންގަވާފައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓެއްގައި ބުނެފި އެވެ.

ޖާސޫސީ އިދާރާގެ އެންމެ ފަހުގެ ރިޕޯޓާ ގުޅޭ ގޮތުން ރަޝިޔާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ގައުމުން ކުރިން ބުނަމުން ދިޔައީ އެމެރިކާގެ އިންތިޚާބު ހެކް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ.

ޖާސޫސީ އިދާރާގެ ހޯދުންތަކުގެ މައްޗަށް ތައްޔާރު ކުރި ރިޕޯޓާ ބެހޭ މައުލޫމާތު ވަނީ ޑޮނަލްޑް ޓްރަމްޕަށް ވެސް ދެއްވައިފަ އެވެ. ޓްރަމްޕް ޓަވަރުގައި ބޭއްވި ބައްދަލުވުމެއްގައި އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓާ ޖޭމްސް ކްލެޕާ އއި ސީއައިއޭގެ ޑިރެކްޓާ ޖޯން ބްރެނަން އަދި އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ އެވެ. އެ ބޭފުޅުންގެ ބްރީފިން އަށް ފަހު ޓްރަމްޕް ވަނީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާން މަސައްކަތް ކުރިކަން ދޮގު ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ "އެއީ ނަތީޖާ އަށް އަސަރު ކުރާވަރުގެ ކަމެއް ނޫން" ކަމަށެވެ.

ޖާސޫސީ އިދާރާގެ 25 ސަފުހާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރަޝިޔާގެ ބޭނުމަކީ އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމުގެ އިތުބާރު ނަގާލުން ކަމަށާއި އެކަން ކުރުމަށް އަންގަވާފައި ވަނީ ސީދާ ރައީސް ޕުޓިން ކަމަށެވެ.

އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިޔާ އިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީ އާއި އެ ޕާޓީގެ އިސް އޮފިޝަލުންގެ އީމެއިލްތައް ހެކް ކުރުމާއި ވިކިލީކްސް ފަދަ ވަސީލްތައް ބޭނުންކޮށްގެން ހެކް ކުރި މައުލޫމާތު އާއްމު ކުރުމާ އަދި ސޯޝަލް މީޑިއާ ބޭނުންކޮށްގެން ޕްރޮޕެންޑާ ފެތުރުން ހިމެނެ އެވެ.

ޖާސޫސީ އިދާރާތަކުން ބުނެފައި ވަނީ ހެކްކުރުމުގައި އަމަލީ ގޮތުން އުޅުނު ރަޝިޔާގެ އެޖެންޓުންނާ ބެހޭ މައުލޫމާތު އެނގޭ ކަމަށެވެ. އެކަމަކު އެ ފަރާތްތަކާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ އިންތިޚާބު ހެކްކޮށްފައިވާތީ ރަޝިޔާއާ ދެކޮޅަށް ރައީސް ބަރަކް އޮބާމާ މިދިޔަ ހަފުތާގައި ވަނީ ހަރުކަށި ފިޔަވަޅު އަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާގެ 35 ޑިޕްލޮމެޓުން އެމެރިކާ އިން ފޮނުވާލުން ވެސް ހިމެނެ އެވެ.