Roadha Mihaaru
ދޮގު ޚަބަރު ލިޔާ ކަމަށް ވިދާޅުވެ ޓްރަމްޕް ކޯފާވެއްޖެ

ދޮގު ޚަބަރު ލިޔާ ކަމަށް ވިދާޅުވެ ޓްރަމްޕް ކޯފާވެއްޖެ

12 ޖެނުއަރީ 2017

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ބްލެކްމެއިލް ކުރެވޭ ވަރުގެ "ލަދުވެތި" މައުލޫމާތާއި ވީޑިއޯ ރަޝިއާ އިން ހޯދާފައިވާ ކަމަށް ބުނާ ޖާސޫސީ ރިޕޯޓްތައް މީޑިއާ އަށް ލީކުވުމުންނާއި އެ މައުލޫމާތު ބޭނުންކޮށްގެން މީޑިއާގައި ފެތުރި ޚަބަރުތަކާ ގުޅިގެން ޓްރަމްޕް ކޯފާވެ ޖާސޫސީ އިދާރާތަކާއި މީޑިއާ އަށް އިއްޔެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފި އެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ބްލެކްމެއިލް ކުރެވޭ ވަރުގެ "ލަދުވެތި" މައުލޫމާތާއި ވީޑިއޯ ރަޝިއާ އިން ހޯދާފައިވާ ކަމަށް ބުނާ ޖާސޫސީ ރިޕޯޓްތައް މީޑިއާ އަށް ލީކުވުމުންނާއި އެ މައުލޫމާތު ބޭނުންކޮށްގެން މީޑިއާގައި ފެތުރި ޚަބަރުތަކާ ގުޅިގެން ޓްރަމްޕް ކޯފާވެ ޖާސޫސީ އިދާރާތަކާއި މީޑިއާ އަށް އިއްޔެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބަށް ފަހު ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ޖާސޫސީ މައުލޫމާތު ސައްހަ ނޫން ކަމަށާއި މީޑިއާގައި ވެސް ލިޔަނީ ދޮގު ޚަބަރު ކަމަށެވެ. ވިޔަފާރީގެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމުކުރި ނަމަވެސް ހުރިހާ ވަގުތެއް ދިޔައީ ޖާސޫސީ މައުލޫމާތާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވަން ރަސްމީކޮށް މަސައްކަތްކުރި އެވެ. އަދި ޓްރަމްޕް ރަޝިޔާ އަށް ވަޑައިގެން ކަސްބީ އަންހެނުން އެއްކޮށްގެން އެ މީހުން ލައްވާ ޖިންސީ ހުތުރު އަމަލުތަކެއް ހިންގަވަނިކޮށް ކޮށްފައިވާ ވީޑިއޯއެއް ރަޝިޔާގެ ޖާސޫސުން ވަނީ ހޯދައިފަ އެވެ. މި ވާހަކަތައް ޓްރަމްޕް ދޮގުކުރެއްވި އެވެ.

މި ޖާސޫސީ މައުލޫމާތު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ރައީސް ބަރަކް އޮބާމާގެ އިތުރުން ޓްރަމްޕަށް ވެސް މިދިޔަ ހަފުތާގައި ދީފައި ވާއިރު ޓްރަމްޕް ވިދާޅުވީ އެއީ މީޑިއާ އަށް ލީކުވެގެން ވާނެ މައުލޫމާތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ނާޒީ ޖަރުމަނުގައި ހިނގާ ފަދަ ހާދިސާއެއް ކަމަށެވެ.

"އެއީ ހުސް ދޮގު ޚަބަރު. އެއީ ޚިޔާލީ ވާހަކަތަކެއް. އެ ބުނާ އެއްވެސް ކަމެއް ނުހިނގާ،" ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ޖާސޫސީ އިދާރާތަކުން ދިން މައުލޫމާތާ ބެހޭ ގޮތުން ވާހަކަ ދެއްކެވިދާނެ ކަމަށާއި އެކަމަކު މައުލޫމާތުތައް މީޑިއާ އަށް ލީކުކޮށްލުމުން ޖާސޫސީ އިދާރާތަކުގެ އިތުބާރާ މެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ.

ޖާސޫސީ އިދާރާތަކުގެ 35 ސަފުހާގެ ރިޕޯޓު ބަޒްފީޑް އަދި ސީއެންއެން އިން ވަނީ އާންމުކޮށްފަ އެވެ. އެހެންވެ އެ ދެ މީޑިއާ އަށް ވަކިން ޓްރަމްޕް ހަމަލާ ދެއްވި އެވެ. ބަޒްފީޑަކީ "ކުނިގަނޑެއް" ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއިރު ސީއެންއެންގެ ރިޕޯޓަރު ކުރި ސުވާލަށް ޓްރަމްޕް ޖަވާބެއް ވެސް ނުދެއްވި އެވެ. މިކަމާ ގުޅިގެން ސީއެންއެން އިން ފަހުން ނެރުނު ބަޔާނެއްގައި ބުނީ ޓްރަމްޕާ ގުޅުން ހުރި ވާހަކަތައް ރިޕޯޓްކޮށްފައި ވާނީ ޔަގީންކުރަންޖެހޭ ކަންކަން ޔަގީންކޮށްފައި ކަމަށާއި ޔަގީން ނުވާ ކަމެއް ހިނގާފައިވާ ކަމެއްގެ ގޮތުގައި ރިޕޯޓްކޮށްފައި ނުވާނެ ކަމަށެވެ.

ޓްރަމްޕް އިއްޔެ ވަނީ އެމެރިކާގެ ސިޔާސީ ޕާޓީތަކާއި ރަސްމީ އިދާރާތަކުން ހެކް ކުރުމުގެ ފަހަތުގައި އޮތީ ރަޝިޔާ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އެކަމަކު އިންތިހާބު ތެރޭގައި ރަޝިޔާއާ މަޝްވަރާކުރެއްވިންތޯ ސުވާލުކުރުން ސީދާ ޖަވާބެއް ނުދެއްވި އެވެ.

މި މަހުގެ 20 ގައި ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނާ ޓްރަމްޕް ވަނީ ޖާސޫސީ ރިޕޯޓަކީ އޭނާއާ ދެކޮޅަށް އެންމެ ފަހު ވަގުތު ދިން ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.