30 ޖޫން 2018
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސަން ކޮންގްރެސްއިން ނިންމައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސަން ކޮންގްރެސްއިން ނިންމައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލުމުގެ ކުރިން ނަޝީދަށް މަގުފަހި ވެއްޖެ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވި 791 މެމްބަރުންގެ އިއްތިފާގުންނެވެ.
ގަރާރުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނަޝީދަށް ހުރަސް އަޅާފައި ވަނީ ގާނޫނީ އެއްވެސް ހަމައަކުން ނޫން ކަމަށާއި އަދި އެ ކަން ކޮށްފައި ވަނީ ސަރުކާރުގެ ސިޔާސީ ބޭނުމަކަށް ކަމަށެވެ. ނަޝީދަށް ކުރި ހުކުމަކީ އިންސާފުން އެއްކިބާވެފައިވާ ހުކުމެއް ކަން އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ޖަމިއްޔާ، ޖަމާއަތްތަކުން ކަނޑައަޅައި ނަޝީދު މިނިވަން ކުރުމަށާއި ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށް ގޮވާލާފައި ވުމާއި ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ނަޝީދު މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ކަން ވެސް ގަރާރުގައި ފާހަގަކޮށްފައި ވެ އެވެ. ގަރާރުގައި އެގޮތަށް ބުނި ކަމުގައިވިޔަސް، ސުޕްރީމް ކޯޓުން ތިން ފަނޑިޔާރުން ފަހުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އަސްލަމްގެ ގަރާރުގައި ވާ ގޮތުން، އެމްޑީޕީން އަބަދުވެސް ގަބޫލު ކުރަނީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ހައްގު ނަޝީދަށް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ ޕާޓީގެ ކޮންގްރެސް އިން އެކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް ގަރާރުގައި ވެ އެވެ.
ގަރާރަށް ބަހުސް ކުރެއްވި ކޮންގްރެސްގެ ބައެއް މަންދޫބުން ބުނީ، އިބޫ އަކީ ނަޝީދަށް ފަހު، މި ވަގުތު އެމްޑީޕީގެ ރިޔާސީ ޓިކެޓު އެންމެ ހައްގު ބޭފުޅާ ކަމަށެވެ. އިބޫ އަކީ ގާބިލް، ލީޑަރެއް ކަމަށާއި އޭނާ އަށް އެންމެންނާ އެކީގައި ގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމަށް މަންދޫބުން ބުންޏެވެ.
ބައެއް މަންދޫބުން ބުނިގޮތުގައި، އިބޫ އަށް ރިޔާސީ ޓިކެޓު ދިން ކަމުގައި ވިޔަސް، މި އަހަރުގެ ރިޔާސީ އިންތިޚާބުން ނަޝީދަށް ފުރުސަތު ހޯއްދަވައި ދެއްވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލި 43،000 ކަރުދާސްކޮޅު ބޭކާރު އެއްޗެއްގެ ގޮތުގައި ނުހެދުމަށް ބައެއް މީހުން އެދުނެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސީ އެ ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ފަހު އެވެ. ކުރިން ނަމަ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރިމަރީއެއްގައި ނަގާ ސިއްރު ވޯޓެއްގަ އެވެ.
އެކަމަކު، އއ. އުކުޅުގައި މިއަދު ކުރިއަށް ގެންދާ އެ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކުން ހޮވި، ޕާޓީގެ ޓިކެޓު ލިބިފައިވާ ބޭފުޅަކަށް އެއްވެސް ސަބަބަކާ ހުރެ، އިންތިޚާބުގައި ކުރިމަތިނުލެވިއްޖެ ނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ، އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރަން ނިންމައިފި ނަމަ، ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީން ހޮވި، ކުރީގެ ރައީސް ނަޝީދު ވަނީ ކެންޑިޑެސީ ދޫކޮށްލައްވައިފަ އެވެ. ސަބަބަކީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފައި ވުމެވެ. އެހެންވެ، ރިޔާސީ އިންތިޚާބުން އެމްޑީޕީ އަށް ފުރުސަތު ގެއްލިދާނެތީ ނަޝީދު ނިންމެވީ އެ އިންތިޚާބުގައި ވާދަނުކުރެއްވުމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސިއިރު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ވަނީ އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމައިފަ އެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ރަނިންމޭޓަކު ކަނޑައެޅުމަށް ގުޅިފައިވާ ޕާޓީތަކުން ރޭ ވަނީ އެއްބަސްވެފަ އެވެ.
ނަޝީދު ރިޔާސީ ޓިކެޓު ދޫކޮށްލެއްވިކަން އިއުލާން ކުރެއްވުމާ އެކު، އިބޫ އަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީ އާއި އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވަނީ ހާމަކުރައްވައިފަ އެވެ.
މަޑުމައިތިރި، އަދި ސިޔާސީ ގޮތުން ދުރު ވިސްނޭ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ބުނާ އިބޫއަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ އެއް މެމްބަރެވެ. ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ދައުރު އޭނާ ފުރުއްވި އެވެ. އިބޫ އަކީ ސިޔާސީ ލީޑަރެއްގެ ހުރިހާ ސިފަތަކެއް ފުރިހަމަވާ، އެންމެންނާ ގުޅިގެން މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ހިކުމަތްތެރިއެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. ސިޔާސީ މައިދާނުގައި އިބޫ ވަނީ މިހާތަނަށް 24 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
އެމްޑީޕީގެ ރައީސް ކަމަށް އިބޫ ހަމަޖައްސައިފި
އުކުޅަހުގައި ކުރީ ބަޣާވާތެއް؟ ނަޝީދުގެ ޖަވާބެއް ނެތް!
ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތައް ހުޅުވާލަނީ
ދޮޅު އަހަރަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަނީ
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް
ރައީސް ޔާމީން ބަލިކުރުން ނޫން ގޮތެއް ނެތް: ހަސަން
އެމްޑީޕީ ކޮންގްރެސް: އުކުޅަހަށް ބޮޑު އީދެއް
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އުކުޅަހުގައި
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"