Roadha Mihaaru
ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތައް ހުޅުވާލަނީ

ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތަކުން ފުރުސަތު ދޭން އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމަނައިފި

30 ޖޫން 2018

ރާއްޖޭގެ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯ ގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން އުކުޅަހުން މުހައްމަދު ޔާމީން

ރާއްޖޭގެ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯ ގައި ހިމަނައިފި އެވެ.

އއ. އުކުޅަހުގައި މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ތިންވަނަ ކޮންގްރެސް ގައި އެމްޑީޕީގެ މެނިފެސްޓޯ ހުށަހަޅުއްވަމުން ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ކޯޓުތަކުން ކުރާ ހުކުމްތަކަކީ އާންމުން ބަލައިގަންނަ އެއްޗަކަށް ވާން ޖެހޭ ކަމަށެވެ. އެހެންވެ، ފަންނީ ތަޖުރިބާކާރުންގެ ގޮތުގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނިއަރުން މަސައްކަތް ކުރާ ގޮތަށް، ފަނޑިޔާރުގޭގައި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު ފަނޑިޔާރުން ތިބުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެކަން ހާސިލް ކުރުމަށްޓަކައި، އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުން މަސައްކަތް ކުރެވޭނެ ގޮތް ހަދަން ނިންމައިފަ އެވެ.

އަދި، އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ އިތުބާރު ހިފޭ ތަނަކަށް ކޯޓުތަކަށް ހެދުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދައުރު ތިން އަހަރަށް ކުޑަ ކުރަން ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ.

ގާނޫނުއަސާސީގައި މިހާރު ބަޔާން ކޮށްފައިވާ ޖޭއެސްސީ އަށް ކަނޑައަޅާ ބައެއް ބޭފުޅުންގެ މުއްދަތަކީ ފަސް އަހަރެވެ. މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީ އަށް އައްޔަން ކުރައްވާ ބޭފުޅުން އެ މަގާމުގައި ދެމިތިއްބެވިހާ ދުވަހަކު ޖޭއެސްސީގައި ހުންނެވޭނެ އެވެ.

ޖޭއެސްސީގެ މެމްބަރުންގެ ތެރޭގައި ފަނޑިޔާރުންނާއި މަގާމުގެ ހައިސިއްޔަތުން ވަޑައިގަންނަވާ ބޭފުޅުން ތިއްބެވުމުގެ ބަދަލުގައި ތައުލީމީ ދިވެހިން އައްޔަން ކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައި ވެ އެވެ.

މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ސުޕްރީމް ކޯޓުގެ ބާރުގެ ދަށުން ވަކިކޮށް، ގާނޫނަކުން ބާރު ލިބިގެންވާ ބާ ކައުންސިލެއް ގާއިމްކޮށް، މާލީ ތަނަވަސްކަން ނެތް މީހުންނަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދައި ދިނުމަށް ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ޝަރުއީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިންސާފުވެރިކަމާ އެކު ހުކުމް ކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް މެނިފެސްޓޯ ގައި ކަނޑައަޅާފައި ވެ އެވެ.

ހިސާން ވިދާޅުވީ ވާދަވެރި ސިޔާސީ ނިޒާމެއް ދިވެހިން ބޭނުންވީ އަދާވަތްތެރި ނިޒާމެއް ދިވެހިން ބޭނުން ނުވާތީ ކަމަށެވެ. އަދި ތިން ބާރު ވަކިވެފައިވާ ނިޒާމެއް ދިވެހިން އިހްތިޔާރު ކުރީ އެއްބާރު، އަނެއް ބާރުގެ މައްޗަށް ގަދަވެ ގަންނަން ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ، ދިވެހިން ދެކެމުން އަންނަ ހުވަފެނަކީ އިންސާފު ގާއިމުވާނެ ދުވަހެކެވެ. އެމްޑީޕީގެ "ޖަޒީރާގެ ވެރިކަމެއްގައި" އެއްވެސް ހަމައެއް ނެތި ބޭއިންސާފުން ކުރި ކަންތައް ހޯދައި އެއީ ދިވެހި މުޖުތަމައު ބަލައި ނުގަންނާނެ ކަންކަން ގޮތުގައި ކަށަވަރުކޮށް، އިންސާފު ހޯދައި ދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެގޮތުން، މީގެ ކުރިން ހިންގާފައި ހުރި ކަންކަމުގެ ހަގީގަތް ހޯދައި، އާންމުކޮށް ބަދަލު ލިބެން ޖެހޭ ފަރާތްތަކަށް ބަދަލު ހޯދައިދީ، މުދާ ހިފަހައްޓަން ޖެހޭ ހާލަތްތަކުގައި މުދާ ހިފަހައްޓައި ޖިނާއީ ދައުވާ ކުރަން ޖެހޭ ނަމަ، އެ ކަން ކުރާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"އިންސާފު ލިބުމާއި އިންސާފު ލިބޭތަން ފެނުމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އަސާސީ އެއް އުންސުރު." ގިނަ ބަޔަކު ބައިވެރިވި ކޮންގްރެސްގައި ހިސާން ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ މައިގަނޑު ފަސް ކަމެކެވެ. އެއީ ޖަޒީރާ ރާއްޖެ، ނޫ އިގްތިސޯދު، ފަޚުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ.