Roadha Mihaaru
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ގައުމީ މަޖިލީހަށާއި ކޮންގްރެސް އަށް

30 ޖޫން 2018

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާފައި ވަނިކޮށް، އެއްވެސް ސަބަބަކާ ހުރެ އެ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހަށާއި ކޮންގްރެސް އަށް ދިނުމަށް އއ. އުކުޅަހުގައި މިއަދު ފެށި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އިން ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން އއ. އުކުޅަހުން މުހައްމަދު ޔާމީން

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާފައި ވަނިކޮށް، އެއްވެސް ސަބަބަކާ ހުރެ އެ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހަށާއި ކޮންގްރެސް އަށް ދިނުމަށް އއ. އުކުޅަހުގައި މިއަދު ފެށި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އިން ފާސްކޮށްފި އެވެ.

ނަމަވެސް، މިހާރު ކުރިއަށް ގެންދާ ކޮންގްރެސްގައި، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓު ކަނޑައަޅާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ. ކޮންގްރެސްގެ އެޖެންޑާގައި އެ ވާހަކަ ސީދާ ބަޔާން ކޮށްފައި ނެތް ނަމަވެސް، އެންމެ ފަހުގެ ކަމެއްގެ ގޮތުގައި އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ހުށަހަޅާ ކަންތައްތަކަކާ މެދު ގޮތެއް ނިންމަން ވަނީ ހިމަނައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމުގެ މައްސަލަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުގައި ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަކުން ހޮވި، ޕާޓީގެ ޓިކެޓު ލިބިފައިވާ ބޭފުޅަކަށް އެއްވެސް ސަބަބަކާ ހުރެ، އިންތިޚާބުގައި ކުރިމަތިނުލެވިއްޖެ ނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ، އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރަން ނިންމައިފި ނަމަ، ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުން ކަމަށެވެ.

މި އިސްލާހު ފާސްކުރިއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީން ހޮވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކެންޑިޑެސީ ދޫކޮށްލައްވައިފަ އެވެ. ސަބަބަކީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފައި ވުމެވެ. އެހެންވެ، ރިޔާސީ އިންތިޚާބުން އެމްޑީޕީ އަށް ފުރުސަތު ގެއްލިދާނެތީ ނަޝީދު ނިންމެވީ އެ އިންތިޚާބުގައި ވާދަނުކުރެއްވުމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާހު ހުށަހެޅުއްވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 614 މީހުންގެ ތެރެއިން 611 ވޯޓުންނެވެ. ބަހުސް ކުރުމެއް ނެތި، ވޯޓަށް އެހި އިސްލާހާ ދެކޮޅަށް ތިން މީހަކު ވޯޓު ދިނެވެ.

ކޮންގްރެސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ކޮންގްރެސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ޝިފާޒް ވިދާޅުވީ، ޕްރައިމަރީގައި ވާދަކޮށް ޕާޓީ ޓިކެޓު ލިބިފައިވާ ކެންޑިޑޭޓަކު އިންތިޚާބުގައި ބައިވެރިނުވެއްޖެ ނަމަ، ނުވަތަ ބައިވެރި ނުވެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕާޓީގެ ކޮންގްރެސް ބޭއްވޭ ހާލަތްތަކުގައި ކޮންގްރެސް އަށް އަދި ކޮންގްރެސް ބޭއްވެން ނެތް ހާލަތެއް ދިމާވެއްޖެ ނަމަ، ކެންޑިޑޭޓުން ކަނޑައެޅުމުގެ އިޚުތިޔާރު ގައުމީ މަޖިލީހަށް ދިނުމަށެވެ.

އިސްލާހު ހުށަހަޅައިގެން ހާސިލް ކުރަން ބޭނުންވާ ނަތީޖާއެއްގެ ގޮތުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ބާއްވާ އިންތިޚާބުތަކުގައި ހުރިހާ ޕްރައިމަރީއެއް ބޭއްވުމަށް ފަހު، ދިމާވާ ހާލަތަކާ ގުޅިގެން އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން ޖެހިއްޖެ ނަމަ، ކަނޑައެޅޭ ނިޒާމެއް އަސާސީ ގަވައިދުގައި ބަޔާންކޮށް ކޮންގްރެސް އަށާއި ގައުމީ މަޖިލީހަށް އެ ބާރު ދިނުމެވެ.

އެމްޑީޕީގެ ކޮންގްރެސް ގައި އަސާސީ ގަވާއިދަށް ހަތް އިސްލާހެއް ހުށަހެޅި އެވެ. އެކަމަކު، އޭގެ ތެރެއިން ހަ އިސްލާހެއް ވަނީ ކޮންގްރެސް ފެށުމުގެ ކުރިން އަނބުރައި ގެންގޮސްފަ އެވެ.

އުކުޅަހުގައި ކުރިއަށް ދާ އެމްޑީޕީގެ ކޮންގްރެސް. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އުކުޅަހުގައި ކުރިއަށް ދާ އެމްޑީޕީގެ ކޮންގްރެސް. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެމްޑީޕީގެ އަސާސީ ގަވައިދުގައި މިހާރު އޮންނަ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއެއްގައި ނަގާ ވޯޓަކުންނެވެ. އެމްޑީޕީން ވަނީ މިދިޔަ މަހު، އެ ޕާޓީގެ 43،000 މެމްބަރުންގެ ވޯޓުން ރިޔާސީ ކެންޑިޑޭޓަކަށް، ކުރީގެ ރައީސް ނަޝީދު ހޮވައިފަ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީގެ ލީޑަޝިޕާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ އިސް ބައެއް ބޭފުޅުން ހިންގަވާފައި އުކުޅަހުގައި ހެދި ދަރުބާރުގެއަށް ވަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީގެ ލީޑަޝިޕާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ އިސް ބައެއް ބޭފުޅުން ހިންގަވާފައި އުކުޅަހުގައި ހެދި ދަރުބާރުގެއަށް ވަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ބެެލޭވޭ ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ނުކުންނަވާނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫ، ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖައްސަން ގިނަ ބައެއްގެ ތާއީދު ވަނީ ލިބިފަ އެވެ.

އުކުޅަހުގައި ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގައި 1،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އެމްޑީޕީގެ ކޮންގްރެސް އެއް އެންމެ ފަހުން ބޭއްވީ 2010 ގަ އެވެ. މިއީ އެމްޑީޕީގެ ކޮންގްރެސް އެއް މާލެ ފިޔަވައި އެހެން ރަށެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ކޮންގްރެސް ބޭއްވުމަށް އުކުޅަސް ވަނީ ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.