Roadha Mihaaru
ޕީޕީއެމް އުކުޅަހު ޖަލްސާއަށް ހުރަސް އަޅައިފި

ޕީޕީއެމުން އުކުޅަހުގައި ބޭއްވި ޖަލްސާއަށް އެމްޑީޕީގެ ބަޔަކު ހުރަސް އަޅައިފި: ޚަލީލް

20 ސެޕްޓެމްބަރ 2018

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް، ޕީޕީއެމުން އއ. އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުންތަކެއް އެ ޖަލްސާއަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގައިފި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް، ޕީޕީއެމުން އއ. އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުންތަކެއް އެ ޖަލްސާއަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގައިފި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، އުކުޅަހުގައި ހުންނަ ޕީޕީއެމް ޖަގަހައިގައި ޖަލްސާ ފެށުމާ އެކު، އެމްޑީޕީގެ ސަޕޯޓަރުންތަކެއް ގޮސް ސައިކަލްތަކުގެ ބަރުގޮނު އަޅައި، އަޑުގަދަކޮށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގި ބައެއްގެ ވީޑިއޯ ކުރަން އުޅުނު ޕީޕީއެމްގެ ސަޕޯޓަރަކަށް އެމްޑީޕީގެ ސަޕޯޓަރަކު ހަމަލަދީފައިވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ސަޕޯޓަރަށް މާ ބޮޑު އަނިޔާއެއް ނުވޭ. އެކަމަކު އެގޮތަށް ހަމަލާ ދިނުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އެ އަށް ވުރެ ވެސް ބޮޑަށް ކަންބޮޑުވަނީ އެމްޑީޕީގެ މީހުންގެ ތެރެއިން އެކަކު، އަޅުގަނޑުމެންގެ ސަޕޯޓަރެއްގެ ގަޔަށް ވަޅި ޖަހާނެ ކަމުގެ އިންޒާރު ދިނުމުން. މިއީ ކަންކަން ވެގެން ވާނެ ގޮތެއް ނޫން،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ކުރެއްވި ޓުވީޓު

އޭނާ ވިދާޅުވި ގޮތުގައި، އުކުޅަހު ހަރުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް، އެތަނުގައި ބަހައްޓާފައި ހުރި ސްޕީކަރުތައް ނެގުމަށް ވެސް އެމްޑީޕީ ބަޔަކު ވަނީ މަސައްކަތް ކޮށްފަ އެވެ. އެކަމަކު ޕީޕީއެމްގެ ސަޕޯޓަރަކު އެކަމަށް ހުރަސް އެޅުމުން އެކަން ކާމިޔާބު ނުވީ ކަމަށް ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ ޖަލްސާއަށް ހުރަސް އެޅުމަށްޓަކައި ޖަގަހަ ސަރަހައްދުގައި އެމްޑީޕީގެ 70 ވަރަކަށް މީހުން ހަރަކާތްތެރިވި ކަމަށެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުން ގޮސްގެން ކަމަށް ޚަލީލް ވިދާޅުވި އެވެ.