Roadha Mihaaru
އިދިކޮޅުން އުޅެނީ އިންތިޚާބު ހައިޖެކް ކުރަން: ޚަލީލް

އިދިކޮޅުން އުޅެނީ ހަމަނުޖެހުން އުފައްދައި އިންތިޚާބު ހައިޖެކް ކުރަން: ޚަލީލް

05 އޯގަސްޓް 2018

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި، އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ހައިޖެކް ކުރަން ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި، އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ހައިޖެކް ކުރަން ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ސިފައިންނާއި ފުލުހުން އެކަން ބަލަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވަނީ ވިދާޅުވެފަ އެވެ. ޝަރީފްގެ ވާހަކަތަކަށް ރައްދު ދީ އިދިކޮޅު ފަރާތްތަކުން ބުނީ ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ދިމާވެފައި ނުވާ ކަމަށާއި ނުރައްކަލުގެ ވާހަކަ ދައްކަނީ އިންތިހާބު ފަސް ކުރަން ކަމަށެވެ.

ޚަލީލް ކުރެއްވި ޓުވީޓު.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި، ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި، ރިޔާސީ އިންތިޚާބު ހައިޖެކް ކުރަން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ހަމަނުޖެހުން އޮތް ކަން ދައްކުވައިގެން މިނިވަން މި ގައުމުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން ހިންގަން ބޭރުގެ ބަޔަކު ގެންނަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އިދިކޮޅަށް ނޫނެކޭ ބުނަނީ މިހެންވެ،" ޚަލީލް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ޚަލީލް ކުރެއްވި ޓުވީޓު.

ޚަލީލް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތުމުން، ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން އިދިކޮޅުން ފަށާފައިވާ މިފަދަ މަސައްކަތްތައް ރައްޔިތުން ހުއްޓުވާނެ ކަމަށެވެ. އަދި މަގުތައް ނާމާން ކުރުމަށް ކުރާ މަސައްކަތްތައް ގާނޫނުން ބަލި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގައިލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަހަލަ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އެމްއެންޑީއެފާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދިވަޑައިގެންފަ އެވެ.

އަމާންކަން ނަގާލަން ބަޔަކު ރާވަމުން ދާ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އިރު، އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ފޯރިގަދަވެ، ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު ކޯލިޝަނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ވަނީ އިތުރުވެފަ އެވެ.