Roadha Mihaaru
އެއް ކެންޑިޑޭޓު ނެރުން ބިލާހަކަށް ވެއްޖެ: ޚަލީލް

އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުން ބިލާހަކަށް ވެއްޖެ: ޚަލީލް

01 އެޕްރީލް 2018

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ހުވަފެން ބިލާހަކަށް ވެފައިވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ހުވަފެން ބިލާހަކަށް ވެފައިވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކަށް އަމާޒުކުރައްވައި، ޚަލީލް ޓުވީޓް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާތީ އެވެ.

ޚަލީލް ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުން ނާކާމިޔާބުވި އިރު އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައި ކަމަށެވެ. އެއީ، އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ޑީއާރުޕީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެން ތިއްބެވި ބޭފުޅުންގެ ފެކްޝަން ކަމަށް ވެސް ވިދާޅުވި އެވެ.

"އެތެރޭގެ ތަޅާފޮޅުން. އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަކީ ފިކުރުގެ ގޮތުން ތަފާތު ޕާޓީތަކެއް،" ޚަލީލް ވިދާޅުވި އެވެ.

އިދިކޮޅަށް ފާޑުވިދާޅުވެ ޚަލީލް ކުރެއްވި ޓުވީޓް.

އިންތިހާބަށް އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. ހުކުމުގައި ތިއްބެވި އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ ހެދި އެ ކޮމެޓީގެ މަޝްވަރާތައް މެދުކެނޑުމަށް ފަހު، ބައްދަލުވުންތައް އަލުން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެއް ކެންޑިޑޭޓަކު ކަނޑައެޅުން ލަސްވެގެން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދުދީ، އިދިކޮޅުން ބުނެފައިވާ ގޮތުގައި، ޕާޓީތަކުން ކުރާ ހަމައެކަނި މަސައްކަތަކީ އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތަކެއް ނޫނެވެ. ސަރުކާރު ޒިންމާދާރު ކުރުމާއި ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ބަލިކުރެވޭނެ ގޮތެއް ހޯދުމަކީ ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް ނަޝީދު ނެރެން އެ ޕާޓީން ބޭނުންވާ އިރު، ޖުމްހޫރީ ޕާޓީގެ ވިސްނުން ހުރީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރޭށެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު މި ދެ ބޭފުޅުންނަށް ވެސް މި ވަގުތު އޮތީ ބަންދުވެފަ އެވެ.