30 ޖޫން 2018
އއ. އުކުޅަހުގެ ރައްޔިތުން އެއްބަސްވާ އެއް ކަމަކީ މިއެވެ؛ އެރަށުގައި މިއަދު ފަށާ އެމްޑީޕީގެ ކޮންގްރެސްއަކީ ތާރީހީ ބައްދަލުވުމެކެވެ. ކޮންގްރެސް ބޭއްވުމަށް ކުރަން ކުރަން ޖެހޭ މަސައްކަތްތައް އެމީހުން ފެށީ "ގައުމީ ކަމެއް"ގެ ގޮތުގައި ދެކި "ގައުމީ ރޫހެއްގަ" އެވެ. ފޯރި އާއި ޖޯޝުގައި އެރަށު މީހުން ނިކުމެ، އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރީ އެވެ. އެންމެންގެ ފަރާތުން ލިބުނީ އެއްބާރުލުމެވެ.
އއ. އުކުޅަހުގެ ރައްޔިތުން އެއްބަސްވާ އެއް ކަމަކީ މިއެވެ؛ އެރަށުގައި މިއަދު ފަށާ އެމްޑީޕީގެ ކޮންގްރެސްއަކީ ތާރީހީ ބައްދަލުވުމެކެވެ. ކޮންގްރެސް ބޭއްވުމަށް ކުރަން ކުރަން ޖެހޭ މަސައްކަތްތައް އެމީހުން ފެށީ "ގައުމީ ކަމެއް"ގެ ގޮތުގައި ދެކި "ގައުމީ ރޫހެއްގަ" އެވެ. ފޯރި އާއި ޖޯޝުގައި އެރަށު މީހުން ނިކުމެ، އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރީ އެވެ. އެންމެންގެ ފަރާތުން ލިބުނީ އެއްބާރުލުމެވެ.
ރައްޔިތުންގެ އެއްބާރުލުމުގެ ނަތީޖާ ރަށުން ފެނެ އެވެ. މުޅި ރަށް ޒީނަތްތެރިކޮށް، އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އަށް ވަނީ ތައްޔާރުވެފަ އެވެ. އެމްޑީޕީގެ ދިދަ އާއި ރީނދޫ ކުލައިގެ ފޮތިތަކުން ރަށް ވަނީ ޖަރީކޮށްފަ އެވެ. ކޮންގްރެސް ބޭއްވުމަށް ރަށުގައި 1500 މީހުންނަށް ތިބެވޭ ވަރުގެ ބޮޑު ދަރުބާރުގެއެއް ހަދައި ސިޔާސީ ބޮޑު އީދަކަށް އެރަށް ވަނީ ތައްޔާރުކޮށްފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުކުރި ދަރުބާރުގެ. --ފޮޓޯ: މިހާރު/އަހުމަދު ނިޝާތު
އއ. އަތޮޅަކީ ސަރުކާރާ ދެކޮޅު މީހުން ގިނަ ސަރަހައްދެކެވެ. ރައްޔިތުންގެ މަޖިލީހުގައި މި އަތޮޅު ތަމްސީލްކުރާ ދެ ގޮނޑީގައި ވެސް ތިއްބެވީ އިދިކޮޅު މެމްބަރުންނެވެ. އަތޮޅު ތަމްސީލްކުރައްވާ ކައުންސިލަރުންގެ ތެރެއިން ވިއްސަށް ވުރެ ގިނަ ކައުންސިލަރުން ނިސްބަތްވަނީ އިދިކޮޅު ހަރަކާތަށެވެ. މިއީ ވެރިކަން ކުރާ ޕީޕީއެމަށް ތާއީދު ކުރާ ކައުންސިލަރުން އެންމެ މަދުން ތިބި އެއް އަތޮޅެވެ.
ރީތި ގޮނޑުދޮށެއް އޮތް އުކުޅަހުގައި 1100 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ރަށުގެ ގިނަ މީހުން ކުރަމުން އަންނަ މަސައްކަތަކީ ގެސްޓްހައުސްގެ ވިޔަފާރި އެވެ. ރަށުގެ ތިން ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސްވެރިންގެ ދުވަސް ފާހަގަކުރި އެއް ރަށަކީ އުކުޅަހެވެ. މީގެ 15 އަހަރެއްހާ ދުވަސް ކުރިން، 2002 ގައި މަސްވެރިންގެ ދުވަސް އުކުޅަހުގައި ފާހަގަކުރުމުގެ ތެރޭގައި ސަރުކާރާއި ރައްޔިތުންނާ ދެމެދު ހިޔާލު ތަފާތުވި އެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އެ ރަށުގެ ބަޔަކު ނިކުތީ ރުޅިއައިސްފަ އެވެ. އިދިކޮޅު ހަރަކާތްތައް އެރަށުގައި ފުޅާކުރުމުގެ ނަތީޖާއެއްގެ ގޮތުން 2003 ގައި ބޭއްވި އިންތިހާބުގައި ބޮޑު ތަނުން މައުމޫނަށް ނޫނެކޭ ބުންޏެވެ.
އުކުޅަސް ކައުންސިލްގެ ނައިބު ރައީސް، އަދި ރަށުގައި އެމްޑީޕީ ކަންކަމުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ފިރާގު ވިދާޅުވީ އިންތިހާބުގައި މައުމޫނަށް ރަށުގެ މެޖޯރިޓީ ނުލިބުނު ހިސާބުން ރަށުގައި އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރި ކަމަށެވެ. އޭގެ ފަހުން 2005 ގައި ސިޔާސީ ޕާޓީތައް އުފައްދަން ފެށުމާ އެކު، އުކުޅަހުގެ ގިނަ ބަޔަކު އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ފެށި ކަމަށް ފިރާގު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ބޭއްވި ކޮންމެ އިންތިހާބެއްގެ މެޖޯރިޓީ އެމްޑީޕީން ނެގި ކަމަށް ވެސް ވިދާޅުވި އެވެ.
ކޮންގްރެސްގައި ބައިވެރިވުމަށް އުކުޅަހަށް މިއަދު އައި މަންދޫބުން. ---ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ކޮންމެ އިންތިހާބެއް ބޭއްވިޔަސް، އެމްޑީޕީން މެޖޯރިޓީ ނަގާނެ. އާންމު ގޮތެއްގައި 73-75 ޕަސަންޓު ވޯޓުގެ މެޖޯރިޓީއެއް އެމްޑީޕީ އަށް ލިބޭނެ. ރަށުގެ ރައްޔިތުން އެމްޑީޕީ އަށް ހާއްސަ ގަދަރަކާއި ލޯތްބެއް އެ ޕާޓީ އުފެދުނީއްސުރެ އޮވޭ، ރަށަށް ބަލާލުމުން މިހާރު އެކަން ފެނޭ،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ރަށުގެ ހުރިހާ އެންމެންގެ އެއްބާރުލުން ލިބެ އެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކާއި ގެސްޓް ހައުސްތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކުގެ އެހީތެރިކަން ލިބޭއިރު، ކޮންގްރެސް ކާމިޔާބުކަމާ އެކު ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށުގެ ބައެއް މީހުން ބުނީ ކޮންގްރެސް ބޭއްވުމަކީ ރަށަށް ލިބޭނެ ދިރުމެއް ކަމަށެވެ. ރަށުގެ އާބާތުރަ ފިލުވާލައި، ރަށް ޒީނަތްތެރިކުރުމަކީ ލިބޭ އުފަލެއްގެ ގޮތުގައި އެމީހުން ދެކެ އެވެ. އެމީހުންގެ އެންމެ ބޮޑު އެދުމަކީ އެމްޑީޕީގެ "އާދަޔާ ޚިލާފު" ކޮންގްރެސްއަށް ފުލުހުން ހުރަސް ނޭޅުމެވެ. އެމްޑީޕީގެ ކޮންގްރެސް ކާމިޔާބުކަމާ އެކު ނިންމާލެވޭނީ ފުލުހުންގެ އެހީތެރިކަން ލިބިގެން ކަމަށް އެމީހުން ބުނެ އެވެ.
"އަޅުގަނޑުމެން ފުލުހުންނަށް ރަސްމީކޮށް އެދިފައި ވާނެ، ކޮންގްރެސް ކުރިއަށް ދާއިރު ޓްރެފިކް ބަލަހައްޓައި، ކަމެއް ދިމާވެއްޖެ ނަމަ، ކޮންގްރެސްގެ ބައިވެރިންނަށް ސަލާމަތްތެރިކަން ފޯރުކޮށް ދޭން. ފުލުހުން ބުނީ މިކަމުގައި އެމްޑީޕީ އަށް ދެވެން އޮތް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށް،" ފިރާގު ވިދާޅުވި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކޮންގްރެސް ބާއްވަން ފުރަތަމަ އުޅުނީ މާލޭގައި ހުންނަ ދަރުބާރުގޭގަ އެވެ. އެކަމަކު ސަރުކާރުން ދަރުބާރުގެ ދުލެއް ނުކުރި އެވެ. ހައުސިން މިނިސްޓްރީން ބުނީ އެމްޑީޕީން ކަނޑައެޅި މުއްދަތުގައި އެހެން ބަޔަކު ތަން ހިފާފައިވާ ކަމަށެވެ. އެހެންވެ، އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ ކޮންގްރެސް އުކުޅަހުގައި ބޭއްވުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ދަރުބާރުގެ ނުލިބުމާ ގުޅިގެން އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވިސްނީ މާލެއާ ކައިރި ރަށެއްގައި ކަމަށެވެ. އެގޮތުން ކައުންސިލްތަކުން މިކަމުގައި ވެވޭނެ އެހީތެރިކަން ބެލިއިރު، އުކުޅަހުން ވަރަށް ބޮޑަށް އިސްނެގި ކަމަށް އޭނާ ވިދާޅުވި އެވެ.
"އުކުޅަހުގައި ވަރަށް ފޯރި އެބަހުރި. އެމްޑީޕީ މެމްބަރުން އެކަންޏެއް ނޫން. ރަށުގެ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވޭ. އެމީހުން ބޭނުންވަނީ އަމިއްލަ ކަމެއްގެ ގޮތުގައި މިކަމުގައި ބައިވެރިވާން. ވަރަށް ބޮޑު ގައުމީ ކަމެއްގެ ގޮތުގައި އެމީހުން ދެކެނީ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުކުޅަހުގައި ބާއްވާ ކޮންގްރެސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމަށް ވާނެ އެވެ. މިއީ އުކުޅަހަށް ވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ފަށާ ވަގުތު ކުޑަތަންވެފައި ވާއިރު، ރަށުގެ ރައްޔިތުން ތިބީ އުފަލުންނެވެ. މިހާ ބޮޑު ސިޔާސީ ހަރަކާތެއްގައި އެމީހުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭތީ އެވެ. އެމީހުން ބޭނުންވަނީ ކޮންގްރެސް އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށް ދިއުމަށެވެ. ކޮންގްރެސްގައި ނިންމާ ނިންމުންތަކުން ރައްޔިތުންގެ މުސްތަގުބަލް އުޖާލާވެގެން ދާނެ ކަމަށް އެމީހުން އުންމީދު ކުރެ އެވެ.
"މުޅި ރާއްޖެ އާއި ދުނިޔެއަށް އިސްތިހާރުވެގެން މި ދަނީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ރަށަށް ލިބޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން. މީހެއްގެ ނޫނީ ބައެއްގެ އެހީއަކު ނޫން،" އުކުޅަހުގައި ދިރިއުޅޭ އުމުރުން 58 އަހަރުގެ މުހައްމަދު ޝަރީފް ބުންޏެވެ.
އެމްޑީޕީގެ ކޮންގްރެސް އަށް އުކުޅަހަށް އައި އެ ޕާޓީގެ މެމްބަރުންތަކެއް. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
އުކުޅަހުގެ މީހެއް ކަމަށްވާ އަލީ ވަހީދު ،42، ބުނީ ރަށުގެ ގިނަ ބަޔަކު ސަރުކާރާ ދެކޮޅަށް އޭރު ނިކުތީ ރައްޔިތުން އެދުނު ބައެއް ކަންކަން ކުރުމަށް ދެކޮޅު ހެދުމުން ކަމަށެވެ. އެގޮތުން ރަށުގައި ގްރޭޑް އަށެއް އުފައްދަން އެދުމުން، އެކަން ކުރަން އިންކާރު ކުރުމުން ސްކޫލަށް ކުދިން ފޮނުވަން ދެކޮޅު ހެދި ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން ގްރޭޑް އަށެއް އުފައްދަން ސަރުކާރަށް މަޖުބޫރުވި އެވެ.
"ރަށުގެ ތިރީހަކަށް މީހުން މައުމޫނާ ބައްދަލުކުރި. ބައްދަލުކޮށްފައި އަށެއް އުފައްދަން އެދުނީމަ، ބުނީ އެޑިއުކޭޝަނުންނޭ ގޮތެއް ނިންމާނީ. އެކަމަކު ފަހުން އެކަން ކުރަން މަޖުބޫރުވީ،" އަލީ ވަހީދު ބުންޏެވެ.
އޭނާ ބުނީ އެމްޑީޕީ އަށް ތާއީދުކުރަނީ އެ ޕާޓީގެ މެނިފެސްޓޯގައި ރައްޔިތުންނާ ގުޅުން ހުރި ކަންކަން ހިމަނާފައިވާތީ ކަމަށެވެ. ރަށުގެ ގިނަ ރައްޔިތުންނަކީ މިހާރު ސަރުކާރަށް ބަރޯސާނުވެ، ކައިބޮއި އުޅެވޭ ބައެއްގެ ގޮތުގައި އަލީ ވަހީދު ސިފަކުރި އެވެ. އުކުޅަހުގެ ގިނަ މީހުން މަސްވެރިކަން ކުރާއިރު، ގެސްޓްހައުސްގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރެ އެވެ.
އުކުޅަހުގެ ރައްޔިތުން ދޭ ޔަގީން ކަމެއް އެބަ އޮތެވެ؛ ސިޓީ އުރައަށް ލައިގެން 500ރ. ނޫޓު ހިފައިގެން ރަށަށް ބަޔަކު އެރި ނަމަވެސް، އޭގައި ހިފާނެ ބަޔަކު ނުވާނެ ކަމެވެ.
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް
ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތައް ހުޅުވާލަނީ
ދޮޅު އަހަރަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަނީ
ރައީސް ޔާމީން ބަލިކުރުން ނޫން ގޮތެއް ނެތް: ހަސަން
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމައިފި
އުކުޅަހުގައި ކުރީ ބަޣާވާތެއް؟ ނަޝީދުގެ ޖަވާބެއް ނެތް!
ކެބިނެޓް އެކުލަވާލާއިރު ޕާޓީތަކުން ސަވާރުނުވޭ: ނަޝީދު
ޕީޕީއެމް އުކުޅަހު ޖަލްސާއަށް ހުރަސް އަޅައިފި
ސަލާން ޖަހާކަށް ނުޖެހޭނެ: ފައިސަލް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްކޮށްފި