Roadha Mihaaru

ކެބިނެޓް އެކުލަވައިލަން ވިސްނާއިރު ޕާޓީތަކުން އެ އަށް ސަވާރު ނުވޭ: ނަޝީދު

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ކޯލިޝަނަކުން ކަމަށާއި އެމަނިކުފާނު ކެބިނެޓް އެކުލަވައިލައްވަން ވިސްނަވާއިރު، ކޯލިޝަންގެ ޕާޓީތަކުން އެ އަށް ސަވާރު ނުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ކެބިނެޓް އެކުލަވާލާއިރު ޕާޓީތަކުން ސަވާރުނުވޭ: ނަޝީދު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ނޮވެމްބަރ 2018

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ކޯލިޝަނަކުން ކަމަށާއި އެމަނިކުފާނު ކެބިނެޓް އެކުލަވައިލައްވަން ވިސްނަވާއިރު، ކޯލިޝަންގެ ޕާޓީތަކުން އެ އަށް ސަވާރު ނުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

އއ. އުކުޅަހަށް ވަޑައިގެން އެ ރަށުގައި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން، އިބޫ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ، އާ ސަރުކާރުގެ ކެބިނެޓް އެކުލަވައިލާއިރު، އެންމެން ވެސް ވަރަށް ރަނގަޅަށް ހަނދާން ބަހައްޓަންޖެހޭ އަސްލުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، ރާއްޖޭގެ ގާނޫނުއަސާސީގައި ވަޒީރުންގެ މަޖިލީހަކީ ރައީސްގެ މަސްއޫލިއްޔަތާއި ޒިންމާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހަކީ އެމަނިކުފާނުގެ މަޖިލީހެއް ކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ ކޯލިޝަނަކުން، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކުރި މަސައްކަތުންނެވެ. ނަޝީދުގެ އިތުރުން ކޯލިޝަންގައި ދެން ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

ކުރީގެ ރައީސް ނަޝީދު، އއ. އުކުޅަހަށް ވަޑައިގެން، ސަޕޯޓަރަކާ ސަލާމްކުރައްވަނީ- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް ނަޝީދު، އއ. އުކުޅަހަށް ވަޑައިގެން، ސަޕޯޓަރަކާ ސަލާމްކުރައްވަނީ- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވީ މި ފަހުން ބޭއްވި އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ އިއްތިހާދަކުން ކަމަށާއި އެކަން އިންތިޚާބީ ރައީސް އިބޫ އަދި އެހެން އެއްވެސް މީހަކަށް ނޯޅޭނެ ކަމަށެވެ. ކެބިނެޓާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފަހު، ނަޝީދު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ ކޯލިޝަނަކުން ކަމަށާއި އެކަން އެއްވެސް މީހަކަށް ނޯޅޭނެކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ކެބިނެޓް އެކުލަވައިލައްވަން ވިސްނަވާއިރުގައި ގުޅިފައިވާ ޕާޓީތަކުން އެ މައްޗަށް ސަވާރުވެ ނުވަތަ އެ މައްޗަށް ބުރަނުވައްޗޭ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ގާނޫނު ވެސް އަދި އާއްމު އަހުލާގު ވެސް ތަންދޭނެ ކަމެއް ނޫން [އެއީ]. ތަކުރާރުކޮށް އަޅުގަނޑު ދަންނަވާނަން، ތެދުފުޅެއް ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާނޭ ރައީސް އިންތިޚާބުވީ އިއްތިިހާދަކުންކަން،" ނަޝީދު ވިދާޅުވި އެވެ.

ކެބިނެޓް އެކުލަވައިލާއިރު އޭގެ މައްޗަށް ސަވާރު ނުވުމަށް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އާ ސަރުކާރުގައި ހިމެނިގެން ވާނީ އިއްތިހާދުގެ ވިސްނުމާއި ތަސައްވަރާއި އުއްމީދުތަކެވެ. ނަމަވެސް، ސަރުކާރުގެ ވަކިވަކި މަގާމުތަކާއި ހާއްސަ ގޮތެއްގައި ވަޒީރުންގެ މަގާމުތައް ނިންމަވާނީ ރައީސްކަމަށާއި އެހެން އެއްވެސް ބޭފުޅެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އާ ރައީސް އިބޫ، މަގާމުގެ ހުވާ އަންނަ ހޮނިހިރު ދުވަހު ކުރައްވާއިރު، އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓް އެކުލަވައިލުމާ ގުޅޭ މަސައްކަތްޕުޅު މިހާރު ވަނީ ފައްޓަވައިފަ އެވެ. އިބޫގެ ސަރުކާރުގައި އުފައްދާނީ 22 މިނިސްޓްރީ ކަމަށް ކުރިން އަޑު ފެތުރު ނަމަވެސް މިހާރު ވަނީ އެ އަދަދު 19 އަށް ދަށް ކޮށްފައި ކަމަށް ވެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އުފައްދާފައި ވަނީ 14 މިނިސްޓްރީ އެވެ.