10 ޖޫން 2018
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާގެ މައުލޫމާތު ދޭނެ މީހަކު ނެތިގެން އޭނާގެ މެމޯ ނުހެދި، ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް މަންޒަރު ދުށް މީހަކު ތުހުމަތުކޮށްފި އެވެ.
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާގެ މައުލޫމާތު ދޭނެ މީހަކު ނެތިގެން އޭނާގެ މެމޯ ނުހެދި، ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް މަންޒަރު ދުށް މީހަކު ތުހުމަތުކޮށްފި އެވެ.
ރޭ 9:00 ހާއިރު އަމީން އެވެނިއު ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ދަފްތަރު ނަމްބަރު 1159، މުހައްމަދު ސޮބާހް ހުސެއިން، 24، އެވެ. ޖޮގިން ނިންމާފައި މަގުމަތިން ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ސޮބާހު ގައިގައި ޖެހި ހިނގި އެކްސިޑެންޓްގައި އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު، އެތަނުގެ އިމަޖެންސީ ރޫމުގައި ހުރި މީހަކު ފޭސްބުކްގައި ކިޔައިދިން ގޮތުގައި ސޮބާހުގެ ޒަހަމްތައް ފެނި ޑޮކްޓަރުން އެންމެ ފުރަތަމަ ވެސް އިރުޝާދު ދިނީ އޭނާ ވެންޓިލޭޓަރަށް ލުމަށެވެ. އަދި ޕަމްޕެއް ބޭނުންކޮށްގެން، ގިނައިރު ނޭވާ ލެއްވުން ރަނގަޅު ނޫން ކަމަށް ވެސް ޑޮކްޓަރުން ބުނި ކަމަށް، މަންޒަރު ދުށް މީހާ ބުންޏެވެ.
އެކަމަކު އޭރު ހޭނެތިފައި އޮތް ޒުވާނާއަކީ ކާކުކަން ނޭނގޭތީ، ވެންޓިލޭޓަރަށް ލުމަށް ހޮސްޕިޓަލުން ދެކޮޅު ހެދި ކަމަށް އޭނާ ތުހުމަތު ކުރި އެވެ.
"ހޮސްޕިޓަލުން ބޭނުންވީ އެކަމަށް ބޭނުންވާ މެމޯ ހައްދަން. މެމޯ ނެތިއްޔާ ހިދުމަތް ނުދެވޭނެ ފަދަ،" މަންޒަރު ދުށްމީހާ ބުންޏެވެ.
އޭނާ ބުނީ ޒުވާނާގެ ފުރާނަ ސަލާމަތް ކުރުމަށް، ކުރެވެން އޮތްހާ ކަމެއް ކޮށްދިނުމަށް އެ ވަގުތު އެތަނުގައި ހުރި ފުލުހަކު ވެސް ހޮސްޕިޓަލުގެ މުވައްޒަފުން ގާތުގައި އެދުނު ކަމަށެވެ. އެކަމަކު ޖަވާބުގައި ފުލުސް މީހާ ކިބައިން މުވައްޒަފުން އެދުނީ، ހޮސްޕިޓަލުގެ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން ވެންޓިލޭޓަރަށް ލުމުގެ ހުއްދަ ހޯދައިދިނުމަށް ކަމަށް ބުންޏެވެ.
ޕަމްޕު ޖައްސައިގެން ގިނައިރު ނޭވާ ނުލައްވަން ޑޮކްޓަރުން އިރުޝާދު ދީފައި އޮތް ނަމަވެސް، ގަޑިއިރަކަށް ވުރެ ގިނައިރު، ފަރުވާ ނުދެވި ނަރުހުން އެހެން ނޭވާ ލެއްވި ކަމަށް މަންޒަރު ދުށްމީހާ ބުންޏެވެ.
ޒަހަމްވި ޒުވާނާގެ އެއްވެސް މައުލޫމާތެއް އެނގިފައި ނެތުމުން، ހޮސްޕިޓަލުގެ ހުއްދައާއެކު އޭނާގެ ފޮޓޯއެއް އެ ވަގުތު ފޭސްބުކުގައި އާއްމު ކުރި އެވެ. އަދި ޒުވާނާގެ އާއިލާ މީހަކު ފެނޭތޯ 200އަށް ވުރެ ގިނަ މީހުން އެ ޕޯސްޓް ވަނީ ޝެއާކޮށްފަ އެވެ.
އެންމެ ފަހުން އެ ޒުވާނާގެ އާއިލާ ހޮސްޕިޓަލަށް ގޮސްފައިވަނީ 11:10 ކަމަށް މަންޒަރު ދުށްމީހާ ބުންޏެވެ. އަދި އާއިލާ މީހުން އޭނާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރު މާ ލަސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.
"މިއީ އަޅުގަނޑު ކުރިމަތީގައި ހިނގި ކަންތައްތަކެއް. މި ހުރިހާ ކަމެއް ހިނގި އިރު ހުރީ އިމަޖެންސީ ރޫމުގައި. ޑޮކްޓަރުން އަމަލު ކުރަންް ބޭނުންވީ ރަނގަޅަށް. އެކަމަކު އެ ހުރިހާ ކަމެއް ނުވީ އާދައިގެ މެމޯއެއް ނުހެއްދިގެން،" ފޭސްބުކްގައި އޭނާ ލިޔުނެވެ.
ހުޅުމާލޭ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިން ބުނީ މަންޒަރު ދުށް މީހާގެ ތުހުމަތުތައް އެ ކުންފުންޏަށް އެނގިފައިވާ ކަމަށާއި އެއީ ތެދެއްތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ޒަހަމްވި މީހާއަށް ވަގުތުން ފަރުވާ ދިން ކަމަށް އެތަނުން ބުންޏެވެ.
"އެއީ ސީދާ ކަންހިނގައިދިޔަ ގޮތް ކަމަށް ބުނާކަށް އަދި ނޭނގޭ. އަޅުގަނޑުމެން މިދަނީ އެކަން ތަހުގީގު ކުރަމުން. އެކަމަކު ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށް، ވަގުތުން އެޓެންޑްވި،" އާސަންދަ ކުންފުނީގެ އޮފިޝަލަކު ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅުނު ސޮބާހު އެކްސިޑެންޓްވީ، އާއިލާއިން ބުނިގޮތުގައި އޭނާ ހިނގާލަން ނިކުމެ އުޅެނިކޮށެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި އާކިޓެކްޓުގެ ދާއިރާ އިން ފަސްޓް ޑިގްރީ އަށް ކިޔަވަމުން އައި އެ ޒުވާނާގެ އާއިލާގައި ތިން ކުދިން ތިބޭއިރު އޭނާއަކީ އެންމެ ދޮށީ މީހާ އެވެ. އެނގިފައިވާ ގޮތުގައި ސޮބާހުގެ ބައްޕަ ވަނީ ބޯޓު ދަތުރުކުރަން ގޮހެވެ. އަދި މަރުގެ ހަބަރު ލިބުނު ފަހުން ސޮބާހުގެ މަންމަގެ ހާލު ވަރަށް ދެރަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން، ސައިކަލް ދުއްވި އުމުރުން 18 އަހަރުގެ އެކަކަށް ފަރުވާ ދިނުމަށް ވަނީ އޭޑީކޭ އަށް ގެންގޮސްފަ އެވެ. ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ވެސް ގެއްލުންތަކެއް ވެފައިވެ އެވެ. އަނެކަކަށް އެހާ ބޮޑު ގެއްލުންތަކެއް ނުވެ އެވެ.
މަރުވި ޒުވާނާ އަށް އަވަސް ފަރުވާ ދިނިން: އާސަންދަ
ހުޅުމާލޭގައި މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ
ހުޅުމާލެ ހޮސްޕިޓަލް ހިންގުން ބަދަލުކުރަނީ
ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ އިން: އަމީން
ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރުއައި ހިދުމަތް ދޭން ފަށަނީ
ހުޅުމާލޭ އެކްސިޑެންޓެއްގަ މީހަކަށް ސީރިއަސް އަނިޔާތަކެއް
ބިލް ނުދެއްކިގެން ޒުވާނަކު ޓްރީޓޮޕްގައި ތާށިވެއްޖެ
ކެންސަރު ފަރުވާގެ ހިދުމަތް ހުއްޓައެއް ނުލަން: އާސަންދަ
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި