Roadha Mihaaru
ބިލް ނުދެއްކިގެން ޒުވާނަކު ޓްރީޓޮޕްގައި ތާށިވެއްޖެ

ތިން ލައްކަ އަށް ވުރެ ބޮޑު ބިލަކާ އެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ތާށިވެފައި

16 ޖޫން 2018

މިދިޔަ ރޯދަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ދިން ޒުވާނެއްގެ ބިލް ބޮޑުވެ، އާއިލާ އަށް އެ ނުދެއްކިގެން އާއްމުންގެ އެހީތެރި ކަމަށް އެދެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ ރޯދަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ދިން ޒުވާނެއްގެ ބިލް ބޮޑުވެ، އާއިލާ އަށް އެ ނުދެއްކިގެން އާއްމުންގެ އެހީތެރި ކަމަށް އެދެފި އެވެ.

އެހީ އަށް އެދިފައި ވަނީ މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެ ދެ ވަނަ ފިޔަވަހީގައި ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޚަމްވި ލ. ކަލައިދޫ ޕެންޒީމާގޭ މުހައްމަދު ނިޒާމް، 22، ގެ އާާއިލާއިންނެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް، މަގު ބަންދުކުރަން ހުރަސްކޮށްފައި އޮތް ދަގަނޑު ހޮޅިއެއްގައި ޖެހިގެން ނިޒާމްގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

އެކްސިޑެންޓުގައި އޭނާގެ ކޯކަށިގަނޑާއި ނޭފަތުގެ ކަށިގަނޑުގެ އިތުރުން ނިތްކުރިމަތިން، ކަށިގަނޑާ އެކު ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ލޯމަތިން ވެސް ފަޅައިގެން ގޮސް، ލޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވެ އެވެ.

ލިބިފައިވާ ގެއްލުންތަކަށް، ޓްރީ ޓޮޕްގެ އައިސީޔޫގައި ނިޒާމަށް ހަފުތާއަކަށް ވުރެ ގިނަ ދުވަހު ފަރުވާ ދިނެވެ. އަދި މުޅިން ރަނގަޅުވެ، ނިޒާމް ހޮސްޕިޓަލުން ދޫކޮށްލަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު އޭނާ ދޫކޮށްލެވެން އޮތީ ހޮސްޕިޓަލުގެ ބިލަށް އަރާފައިވާ 350،000 ރުފިޔާ ދެއްކުމުންނެވެ.

އާއިލާ އިން ބުނިގޮތުގައި އެކްސިޑެންޓަށް ފަހު ނިޒާމް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެކަމަކު އެތަނުގައި ސީޓީ ސްކޭން ހެއްދެން ނެތުމުން، ހޮސްޕިޓަލުން ލަފާ ދިނީ މާލެއަށް ގެންދަން ކަމަށާއި އެކަމަކު އެކަމަށް ވަގުތު ނަގާނެ ކަމަށް ބުނި ކަމަށް އާއިލާއިން ބުންޏެވެ.

"ހޮސްޕިޓަލުން ބުނީ ކޮއްކޮގެ ހާލު ސީރިއަސްކަމަށް. އޭރު ނޭފަތުން ލޭ ވެސް ކޮންޓްރޯލް ނުވޭ. ދެން އެތަނުން ސަޖެސްޓް ކުރީ ބޭނުން ނަމަ ޓްރީޓޮޕަށް ގެންދަން. އަޅުގަނޑުމެންނަށް އެނގޭ އެތަން އަގުބޮޑުވާނެކަން އެކަމަކު ކޮއްކޮގެ ފުރާނަ ސަލާމަތް ކުރަން އެ ވަގުތު އެ ޑިޒިޝަން ނެގީ،" ނިޒާމްގެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮއްކޮގެ ބޮލުގެ ދެ އޮޕަރޭޝަނަކާއި މޫނު މަތީގެ އޮޕަރޭޝަނެއް ވެސް ކުރި ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބިލް އައުމުން، އެ އަށް އެރި ފައިސާ ހޯދުމަށް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް މަސައްކަތް ކުރި ކަމަށް ވެސް ބުންޏެވެ.

އެކަމަކު އާސަންދަ އިން ނިޒާމްގެ އާއިލާ އަށް ލިބުނީ 18،000 ރުފިޔާ އެވެ. އެންސްޕާއަކުން އަދި އެހީއެއް ނުލިބެ އެވެ. ނަމަވެސް އިންޝުއަރެންސް ކަވަރު ކޮށްފައި އޮތުމުންނާއި ރަހުމަތްތެރިންގެ އެހީގައި އެ އާއިލާ އިން ވަނީ ބިލްގެ ތިން ބައިކުޅަ ދެ ބަޔަށްވާ ފައިސާ ހަމަކޮށްފަ އެވެ. ނިޒާމްގެ ބިލަށް ޓްރީ ޓޮޕް ހޮސްޕިޓަލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނެވެ.

"މިހާރު އަޅުގަނޑުމެން ބޭނުންވަނީ 111،000 ރުފިޔާ. އެ ފައިސާ ހަމަނުކުރެވި، ހޮސްޕިޓަލުގައި އޮންނަ ކޮންމެ ދުވަހަކަށް 1،800 ރުފިޔާ އެބަ އަރާ. އެހެންވެ، މިކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިނުން އެދެން،" އޭނާ ބުންޏެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ހުއްދަ ނެތި ވަނުމަކީ މަނާކަމެކެވެ. އެނގިފައިވާ ގޮތުގައި ނިޒާމް އާއި އިތުރު މީހަކު އެ ސަރަހައްދަށް ވަނީ ގަވައިދާ ހިލާފަށެވެ. އަދި އެ އެކްސިޑެންޓު ހިނގުމާއެކު، އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނިމުނު މި އަހަރުގެ ރޯދަ މަހު ހުޅުމާލޭގައި ހިނގި އެހެން އެކްސިޑެންޓުގައި ޒުވާނަކު މަރު ވެސް ވެފައި ވެ އެވެ.