15 ޖެނުއަރީ 2018
އާސަންދަގެ ޚަރަދުގައި، ރާއްޖެ އިން ބޭރުން ކެންސަރަށް ފަރުވާ ދިނުމުގެ ޚިދުމަތް ހުއްޓާ ނުލާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އާސަންދަގެ ޚަރަދުގައި، ރާއްޖެ އިން ބޭރުން ކެންސަރަށް ފަރުވާ ދިނުމުގެ ޚިދުމަތް ހުއްޓާ ނުލާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ރާއްޖެ އިން ބޭރުން އާސަންދަ މެދުވެރިކޮށް ކެންސަރަށް ފަރުވާ ދިނުމުގެ ޚިދުމަތް ހުއްޓައިލި ކަމަށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަޒީމް "މިހާރު" އަށް ވިދާޅުވީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ކެންސަރުގެ ގިނަ ފަރުވާތައް އަދިވެސް ރާއްޖެ އިން ނުލިބޭތީ، ކެންސަރު ބަލީގެ ގިނަ މީހުން އާސަންދައިގެ އެހީގައި ރާއްޖެ އިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން މިހާރު ވެސް ފޮނުވާ ކަަމެވެ.
"ރާއްޖޭގައި އަދި މި ކުރެވެނީ ކީމޯތެރަޕީގެ ފަރުވާ އާއި ކެންސަރަށް ޑައިގްނޯޒް ކުރުން ފަދަ ކަންކަން. އެހެން ނޫނީ އަދިވެސް ކެންސަރުގެ ގިނަ ފަރުވާތައް މި ހޯދަން ޖެހެނީ ރާއްޖޭން ބޭރުން. އެހެންވީމާ ކުރިއެކޭ އެއްގޮތަށް ކެންސަރުގެ ގިނަ ފަރުވާތަކަށް އާސަންދައިގެ ޚިދުމަތުގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ބޭރަށް ފޮނުވަމުން މިދަނީ. އެކަމަކަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނެތް،" މިދިޔަ ޑިސެމްބަރު 19 ގައި އާސަންދައިގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަދި ހުޅުމާލެ ހޮސްޕިޓަލް ހިންގުމާ ކުރިން ހަވާލުވެ ހުންނެވި އަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން ލިބޭ ފަރުވާތަކަށް ރާއްޖޭން ބޭރަށް މީހުން ދިއުމަށް އާސަންދައިގެ ޚިދުމަތް ކުރިއްސުރެ ނުލިބޭނެ އެވެ. އެކަން އަދިވެސް އޮތީ އެހެން ކަމަށާއި ކެންސަރުގެ ބަލީގެ މީހުންނަށް ވެސް އަމަލުކުރަނީ އެހެން ކަން އަޒީމް ފާހަގަކުރެއްވި އެވެ.
"ކީމޯތެރަޕީ ނަގާ ބައެއް މީހުން، ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހޭތީ ބޭސް ހިފައިގެން މިކޮޅަށް އައިސް ވެސް ކީމޯ ފަރުވާ ހޯދަމުން އެބަގެންދޭ،" އޭނާ ވިދާޅުވި އެވެ.
ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލަޖީ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވައި ވަނީ ޚިދުމަތް ފަށައިފަ އެވެ.
އެ ސެންޓަރުން ކެންސަރު ބައްޔަށް ކީމޯތެރަޕީ ދިނުމާއި ކެންސަރު ދެނެގަތުމަށް ޓެސްޓު ކުރުމާއި ކެންސަރަށް ކުރާ ފަރުވާގެ މުހިންމު ބަޔަކަށްވާ ދިރިއުޅުމުގެ އާދަތައް ދަސްކޮށް ދިނުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުން ފަދަ ޚިދުމަތްތައް ލިބެ އެވެ.
އިންޑިއާގެ މަޝްހޫރު އަމްރިތާ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ގާއިމްކުރި އޮންކޮލޮޖީ ސެންޓަރުގައި އެއް ފަހަރާ ފަސް މީހަކަށް ހިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ހުޅުމާލެ ހޮސްޕިޓަލްގައި އޮންކޮލޮޖީ ޑޮކްޓަރެއް އަބަދުވެސް ހުންނާނެ ކަމަށާއި އަމްރިތާ އާއި ހުޅުމާލޭ ހޮސްޕިޓަލް ވީޑިއޯ ކޮންފަރެންސުން ގުޅިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ކުރިން ބުނެފައިވެ އެވެ.
ފުރަތަމަ ދިވެހި އޮންކޯސާޖަން ނުވަތަ ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު ޝިފާން ވެސް މިހާރު ވަނީ އައިޖީއެމްއެޗުގައި ޚިދުމަތް ދެއްވަން ފައްޓަވައިފި އެވެ.
އާސަންދައިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2016 ގައި އެކަނިވެސް 1500 އަށް ވުރެ ގިނަ ފަހަރު ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް މީހުން ފޮނުވާފައިވެ އެވެ. އަދި މިދިޔަ އަހަރު ވެސް އެ އަދަދު ވަރަށް މައްޗަށް ގޮސްފައިވާ ކަމަށް އެނގިފައިވެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރުއައި ހިދުމަތް ދޭން ފަށަނީ
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް
"އާސަންދައަކީ ވިޔަފާރިއެއް ކަމަށް ދެކިގެން ނުވާނެ"
ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ އިން: އަމީން
ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ހުޅުވައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި