Roadha Mihaaru
އެއާޕޯޓު ހަދަން ހަވާލުކުރަނީ ފައިސާ ހަމަޖެހުނީމަ:ޒަމީރު

އެއާޕޯޓު ހަދަން ހަވާލުކުރަނީ ފައިސާ ހަމަޖެހުނީމަ: ޒަމީރު

30 މެއި 2018

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓު ހެދުމަށް އެކިއެކި ފަރާތްތަކާ ރަށްރަށް ހަވާލު ކުރަނީ އެ ކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނީމަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓު ހެދުމަށް އެކިއެކި ފަރާތްތަކާ ރަށްރަށް ހަވާލު ކުރަނީ އެ ކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނީމަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޅ، މަޑިވަރުގައި އެއާޕޯޓު ހެދުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކުރަން، ހުރަވަޅީގައި ހުންނަ ކަނޑުއަޑީގެ، ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ޒަމީރު ވިދާޅުވީ އެއާޕޯޓު ހެދުމުގެ އެއްބަސްވުންތަކުގައި ސަރުކާރުން ސޮއި ކޮށްލާފައި ދޫކޮށްނުލާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ އެއާޕޯޓުގެ މަސައްކަތް ފެށޭ ވަރަށް ފައިސާ ހަމަޖެހުނީމަ، އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އަދި މަޑިވަރުގައި އެއާޕޯޓެއް ހެދުމަށް އެއްބަސްވީ އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށައިގަނެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުމުގައި ސޮއި ކޮށްލާފައި ދޫކޮށްލުމަކުން އޭގެ ބޭނުމެއް ނެތް. މަސައްކަތް ނުފެށޭ ނަމަ، ރައީސްގެ ވިސްނުންފުޅަކީ މަސައްކަތް ފެށޭ ވަރަށް ފައިސާ ހަމަޖެހުނީމައޭ ސޮއި ކުރާނީ،" ޒަމީރު ވިދާޅުވި އެވެ.

މީގެ ކުރިން އެއާޕޯޓުތައް ހަދަން ސޮއިކުރުމަށް ފަހު، އެންމެ ފަހުން ކުންފުނިތަކާއި ސަރުކާރާ މައްސަލަ ޖެހި މިލިއަން ޑޮލަރުން ބަދަލު ދޭން ސަރުކާރަށް ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސްގެ ވިސްނުންފުޅަކީ އެހެން ނުވާނެ ގޮތަކަށް ކަންކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވެ، އެކި ސަރަހައްދުތަކުގައި އެއާޕޯޓު ހެދުމަކީ ޓޫރިޒަމް ފުޅާ ކުރުމަށް ވެސް ލިބޭ އިތުރު ކުރިއެރުމެކެވެ.

ޒަމީރު ވިދާޅުވީ ހަމައެކަނި އެއާ ޓެކްސީ އޮތުމުގެ ސަބަބުން ރައީސް ޔާމީން ބޭނުންފުޅުވާ އަދަދަކަށް ޓޫރިސްޓުން ދުރު ރިސޯޓުތަކަށް ނުގެންދެވޭ ކަމަށެވެ. އެހެންވެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އެއާޕޯޓުތަކެއް އެޅުމަކީ ރައީސް ޔާމީންގެ ވިސްނުންފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނިޓުން ނުވަތަ 40 މިނިޓުން ދެވޭ (ސަރަހައްދެއްގައި) އެއާޕޯޓެއް އޮތުން އެއީ މައިގަނޑު ވިސްނުމަކީ. އެ ގޮތުގެ މަތިން ތަރައްގީ ކުރަނީ،" ޒަމީރު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓުގައި ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ އަދި ގދ. މާވަރުލުގައި އެއާޕޯޓް ހަދަން ވަނީ ހިމަނައިފަ އެވެ. ހަތަރު ރަށެއްގައި އެއާޕޯޓު ހަދަން އޮތަސް، އިތުރު ރަށްރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް ހިންގަމުން އަންނައިރު، އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.