Roadha Mihaaru
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.

މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ. އަށް

18 ފެބުރުއަރީ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި ޑޮމެސްޓިކް އެއާޕޯޓް، މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

އިދުހާމް ނައީމް މަޑިވަރު އެއާޕޯޓުން އިދުހާމް ނައީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި ޑޮމެސްޓިކް އެއާޕޯޓް، މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

އެ އެއާޕޯޓްގައި އޮތް މި ރަސްމިއްޔާތުގައި ކުރެއްދޫ ހޯލްޑިންގްސްގެ އިސްވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އެ ކުންފުނީގެ އެހެން އިސްބޭފުޅުންނާއި ސަރުކާރާއި އައިލެންޑް އޭވިއޭޝަން އަދި އެމްއެމްއެޕީއާރުސީގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ކުރެއްދޫ ހޯލްޑިންގްސް އިން ހެދި އެއާޕޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އައިލެންޑް އޭވިއޭޝަނާ އެވެ.

މަޑިވަރު އެއާޕޯޓް-- ފޮޓޯ: މިހާރު

މަޑިވަރު އެއާޕޯޓް-- ފޮޓޯ: މިހާރު

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން އިއުލާން ކޮށްފައިވާ ގޮތުގައި މާލެ އިން މަޑިވަރަށް 1،029ރ. އަށް ޓިކެޓެއް ވިއްކާއިރު، އެއާޕޯޓްގެ ދަތުރުތައް އަންނަ އާދީއްތަ ދުވަހު ފަށާނެ އެވެ.

މިއީ ޅ. އަތޮޅުގައި ހުޅުވި ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

އެއާޕޯޓް ހުޅުއްވައިދެއްވައި ރައީސް ވިދާޅުވީ، މިއީ އެންމެ ފުރިހަަމަ ވަސީލަތްތަކާއެކު ހަދާފައިވާ އެއްް އެއާޕޯޓް ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން ބޭނުންވާ ކަމަށް ކުރެއްދޫ ހޯލްޑިންގްސް އިން ބުނެފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް އެމްޓީސީސީއާއެކު ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވިގޮތުގައި، އެކަން މިއަދު ނުފެށުނީ އެމްޓީސީސީން ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުން ކަމަށެވެ.

މަޑިވަރު އެއާޕޯޓް ހުޅުއްވައިދެއްވައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޑިވަރު އެއާޕޯޓް ހުޅުއްވައިދެއްވައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޑިވަރު އެއާޕޯޓްގެ ސަބަބުން ޅ. އަތޮޅުގެ މީހުންނަށް ގިނަ ފައިދާތަކެއް ވާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ގެސްޓް ހައުސްތަކާއި ހޯމްސްޓޭ ޓޫރިޒަމް ފަށަން ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަ ކަމެއް ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން އަތޮޅުގެ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވި، އިގްތިސާދު ކުރިއަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި އެއާޕޯޓާއެކު ފާދިއްޕޮޅަށް ހަމަ ޔަގީނުން ވެސް އިތުރު ތަރައްގީ ލިބިގެންދާނެ. މި އެއާޕޯޓުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަަތު ފަހިވެގެންދާނެ،" އަމިއްލަފުޅު އަތޮޅުގައި ހެދި އެއާޕޯޓާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ ކުރެއްދޫ ހޯލްޑިންގްސް އިން މަޑިވަރު އެއާޕޯޓް ހަދައިދިނީތީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ރިސޯޓުތަކުންނާއި އާންމުން ބޭނުންވާ ވަރުގެ ހިދުމަތެއް އައިލެންޑް އޭވިއޭޝަނުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ 30 މިނެޓުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދަތުރު ކުރެވޭނެ ގޮތް ހެދުން ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އަހަރު އިތުރު ދެ އެއާޕޯޓެއް ހުޅުއްވާނެ ކަމަށެވެ. އެއީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލި އެއާޕޯޓެވެ.

މަޑިވަރު އެއާޕޯޓް ތަރައްގީ ކުރި ކުންފުނި، ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) ރައީސްއަށް ހަނދާނީ ފިލައެއް ހަވާލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޑިވަރު އެއާޕޯޓް ތަރައްގީ ކުރި ކުންފުނި، ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) ރައީސްއަށް ހަނދާނީ ފިލައެއް ހަވާލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، 15،000 މީހުންގެ އާބާދީއެއް އޮންނަ ޅ. އަތޮޅަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހިއްސާއެއް އަދާކުރާ އަތޮޅެއް ކަމަށެވެ. އެހެންވެ، މި އެއާޕޯޓް ހުޅުވުމުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެ އަތޮޅުގެ ހިއްސާ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެެ.

މިހާދު ވިދާޅުވީ، މި އެއާޕޯޓާއެކު ޓޫރިސްޓުންނަށް ލުއިތަކެެއް ލިބޭނެ ކަމަށާއި ވިޔަފާރީގެ އިތުރު ދޮރުތައް ހުޅުވޭނެ ކަމަށެވެ.

"މި އެއާޕޯޓަކީ ވަރަށް ފުރިހަމަ، ހާއްސަކޮށް ދަތުރުވެރިންނަށް ހިތްފަސޭހަ އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ތަރައްގީ ކޮށްފައިވާ އެއާޕޯޓެއް،" މިހާދު ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ޕާކު ކޮށްފައި-- ފޮޓޯ: މިހާރު

މަޑިވަރު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ޕާކު ކޮށްފައި-- ފޮޓޯ: މިހާރު

ކުރެއްދޫ ހޯލްޑިންގްސްއާ، މަޑިވަރު އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ މޭ 29، 2018ގަ އެވެ. އެއާޕޯޓުގެ އަމަލީ މަސައްކަތް އެ ކުންފުނިން ހަވާލުކުރީ ޗައިނާގެ ބީޔޫސީޖީއާ އެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކުންފުންޏެކެވެ.

މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް ވަނީ ތަރައްގީ ކޮށްފަ އެވެ.