Roadha Mihaaru
އައިލެންޑް އޭވިއޭޝަނަށް 164 މިލިއަންގެ ގެއްލުން

އައިލެންޑް އޭވިއޭޝަނަށް 164 މިލިއަން ރުފިޔާގެ ގެއްލުން!

13 ޖުލައި 2023

މިދިޔަ އަހަރު ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް 164 މިލިއަން ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް 164 މިލިއަން ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.

ޕީބީސީއިން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުތަކުގައިވާ ގޮތުން އެ ކުންފުންޏަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ކުންފުނީގެ އާމްދަނީ ދަށްވެ، ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ.

އެ ކުންފުންޏަށް 2021 ވަނަ އަހަރު ވެސް 159 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނެވެ. އެހެންވެ، މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ގެއްލުން ފަސް މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ލިބުނީ ގެއްލުމެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދެވަނަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި 67 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. އެ ކުއާޓަރުގައި އެހާ ބޮޑު ގެއްލުމެއް ލިބުނީ ލޯނާއި އިންޓްރެސްޓްގެ ގޮތުގައި 16 މިލިއަން ރުފިޔާ ދައްކަން ޖެހުމުގެ އިތުރުން ކުންފުނީގެ އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބުނެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޑޮމެސްޓިކް ދަތުރުތަކުންނެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން 2020 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވި އެވެ. އެ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. އޭގެ ފަހުން އެ ކުންފުންޏަށް ފައިދާ ލިބިފައެއް ނުވެ އެވެ.

އެ ކުންފުންޏަށް ކުރިއަށް އޮތްތަނުގައި ފައިދާ ހޯދުމަށް ކުންފުނީގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް މުވައްޒަފުންގެ މުސާރަ ދިނުމަށް 11 މިލިއަން ރުފިޔާ ވަނީ އިތުރު ވެފަ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އައިލޭންޑް އޭވިއޭޝަން އުފެއްދީ 2000 ގަ އެވެ. ދިވެހި ގައުމީ އެއާލައިންގެ ގޮތުގައި އައިލޭންޑް އޭވިއޭޝަންސް އިން ހިންގާ މޯލްޑިވިއަން އަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ އެއާލައިނެކެވެ.