Roadha Mihaaru
މަޑިވަރުގައި އެއާޕޯޓު އަޅަން ހަވާލުކޮށްފި

މަޑިވަރުގައި އެއާޕޯޓު އަޅަން ހަވާލުކޮށްފި

29 މެއި 2018

ޅ. މަޑިވަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސް އަށް ސަރުކާރުން މިއަދު ދީފި އެވެ.

މުހައްމަދު ޔާމީން ޅ. ހުރަވަޅިން މުހައްމަދު ޔާމީން

ޅ. މަޑިވަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސް އަށް ސަރުކާރުން މިއަދު ދީފި އެވެ.

ޅ. ހުރަވަޅީގައި ހުންނަ ކަނޑުއަޑީގެ، ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތުގަައި، އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރެވެ. ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން ސޮއިކުރެއްވީ އުއްޗު އެވެ.

ޒަމީރު ވިދާޅުވީ މަޑިވަރުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއަށް އުއްޗުގެ ކުންފުނިން 11 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމައި، އެއާޕޯޓުގެ ހިދުމަތް ފެށޭވަރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރަވަޅީގެ ކަނޑުއަޑީގެ ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތުގައި މޫސާ ޒަމީރު ވާހަކަ ދައްކަވަނީ. -

ހުރަވަޅީގެ ކަނޑުއަޑީގެ ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތުގައި މޫސާ ޒަމީރު ވާހަކަ ދައްކަވަނީ. -

މަޑިވަރު އެއާޕޯޓަކީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއެކު ތަރައްގީ ކުރާ އެއާޕޯޓެކެވެ. އޭގެ އިތުރުން، އެ ކުންފުނިން ބޭނުންނަމަ، ސިޓީ ހޮޓަލެއް އެ ރަށުގައި އެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އައިލެންޑް އޭވިއޭޝަނާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުން ތަމްރީން ކުރާ ތަނެއް ހަދައި ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަށް ވަނީ ނިންމައިފަ އެވެ.

"އެއާޕޯޓު ތަރައްގީ ކުރާތީ ރިސޯޓު ދީ ނަހަދަން. މަތިންދާބޯޓު ޖައްސައިގެން ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭނަމަ، އެތަނުގައި ސިޓީ ހޮޓާ ތަރައްގީ ކުރެވޭނެ. އެނގިފައި އޮތް ގޮތުން މި ބޭފުޅުން އެ އޮޕްޝަން ބޭނުން ކުރައްވާނެ،" ހުރަވަޅީގައި ހުންނަވައި ޒަމީރު ވިދާޅުވި އެވެ،

"ރާއްޖޭގައި މި ދުއްވާ 50 ނޫނީ 70 ފަސިންޖަރުންގެ ޑޭޝް އަށެއް، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ކަހަލަ ކުދި މަތިންދާބޯޓު ޖައްސައި، ނައްޓާލެވޭ ވަރުގެ ރަންވޭއެއް އަޅާނީ،"

މަޑިވަރުގައި އެއާޕޯޓެއް އެޅުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ. ޒަމީރު ވިދާޅުވީ ބަޖެޓުގައި ނެތަސް، ސަރުކާރުން ބޭނުންވީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މަސައްކަތް ކުރަން ކަމަށެވެ. އަދި މަޑިވަރުގައި އެއާޕޯޓު އެޅުމަށް 2-3 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރަވަޅީގައި ޗަމްޕާ މުހައްމަދު މޫސާ ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ.

ހުރަވަޅީގައި ޗަމްޕާ މުހައްމަދު މޫސާ ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ.

ޒަމީރު ވިދާޅުވީ މަޑިވަރު އެއާޕޯޓަކީ ޅ. އަތޮޅުގެ ރައްޔިތުންގެ އިހްސާސްތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް އެއާޕޯޓެއް ކަމަށެވެ. ޅ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ ވާހަކަތައް ދައްކާތާ ވަރަށް ގިނަ ދުވަސްތަކެއްވެފައިވާއިރު، އެކި ސަރުކާރުތަކަށް އެކަން ވެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން އަޅާ އެއާޕޯޓުގެ ސަބަބުން އަތޮޅުގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ. އަދި އުއްޗުއަކީ ރައްޔިތުންނަށް ދިމާވާ ކަންކަމުގައި އަބަދުވެސް ސަރުކާރާ ގުޅިގެން އެހީތެރިވަމުން އަންނަ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އުއްޗު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކިތަންމެ ޕްރޮޖެކްޓެއް ފެށިގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ގެންދަނީ "އެންމެ ފުރަތަމަ ގައުމު" ކަން އެނގިހުރެ، އެކަމަށް އިސްކަން ދީގެން ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން އަބަދުވެސް ވިދާޅުވާނެ، ފުރަތަމަ ގައުމޭ. ގައުމާ ގުޅޭ ކަމަކަށްވީމަ އަޅުގަނޑު ހިތަށް އެރީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރާނީއޭ،" އުއްޗު ވިދާޅުވި އެވެ.

އުއްޗު ވިދާޅުވި ގޮތުގައި މަޑިވަރުގައި އެއާޕޯޓު އެޅުމުގެ ސަބަބުން، ޅ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވާނީ ގައުމަށް ކޮންމެވެސް ހިދުމަތެއް ކޮށްދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓު އެޅުމަށް ކުރެއްދޫ ހޯލްޑިންގްސްގެ އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޅ. ހިންނަވަރަށް އުފަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ކުރެއްދޫ ހޯލްޑިންގްސްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މަޑިވަރަކީ މީގެ ކުރިން ސިފައިން ތަމްރީންތަކުގައި ބޭނުން ކުރި ރަށެކެވެ. ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށެއް އޮންނައިރު، އެއީ ހިންނަވަރާއި ނައިފަރާއި ކުރެންދޫ އަދި އޮޅުވެލިފުށީގަ އެވެ. އެ އަތޮޅުގައި ފަސް ރިސޯޓު އޮންނައިރު، އިތުރު ރިސޯޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.