23 ފެބުރުއަރީ 2020
ޓޫރިޒަމް މިނިސްޓްރީން ސީއެސްއާރުގެ ހަރަކާތްތަކަށް އިންވެސްޓަރުން މެދުވެރިކޮށް ކުންފުނިތަކަށް ދޭ ފައިސާގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ސީއެސްއާރުގެ ހަރަކާތްތަކަށް އިންވެސްޓަރުން މެދުވެރިކޮށް ކުންފުނިތަކަށް ދޭ ފައިސާގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އަށް 2017 އިން 2018 އަށް ސީއެސްއާރުގެ 120.7 މިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ދެއްކުމަށް އިންވެސްޓަރުންނަށް އަންގާފައިވެ އެވެ. މި ފައިސާގެ ތެރެއިން 95 މިލިއަން ރުފިޔާ އެ ކުންފުނިތަކަށް ލިބިފައިވެ އެވެ. މި ފައިސާ ލިބުނު އޮފީސްތަކުން އެކަން ކަށަވަރު ކުރިއިރު 25 މިލިއަން ރުފިޔާ ކުންފުނިތަކަށް ލިބިފައިވާކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
މިކަންކަން ހިނގި ދުވަސްވަރު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވީ މޫސާ ޒަމީރެވެ. ސީއެސްއާރު ކަންކަމުގައި އިންވެސްޓަރުން އަތުން ފައިސާ ނެގުމުގައި އާންމުކޮށްފައިވާ އުސޫލެއް ނެތަސް، ޓޫރިޒަމް މިނިސްޓްރީގާ އެކަމާ ގުޅޭ އުސޫލެއް އޮވެ އެވެ. ސީއެސްއާރު ހަރަކާތްތަކަށް އަދަދުތައް ނެގުމުގައި އަމަލު ކުރަނީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ ކޮމިޓީއަކުން ނިންމާ ރޭޓްތަކުގަ އެވެ. މިގޮތަށް އަދަދުތައް ނެގުމުގައި އެކި އިންވެސްޓަރުންގެ އަތުން ނަގަނީ އެކި އަދަދުތަކެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޓޫރިސްޓް ރިސޯޓު، ހޮޓާ އަދި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރާ ތަންތަނުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރުމާއި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދޭން ޖެހޭ ފައިސާ ފަސް ކުރުމާ ގުޅޭ އުސޫލުގެ ދަށުން އެފަދަ ކަމަކަށް ޓޫރިޒަމް މިނިސްޓްރީ އަށް އެދިއްޖެ ނަމަ އެކަމަށް ނަގާ 15،000 ޑޮލަރާއި ސީއެސްއާރުގެ ގޮތުގައި އިންވެސްޓަރުންގެ އަތުން އިތުރަށް ނަގާ ފައިސާ ދިވެހި މުޖުތަމައުއަށް ނުވަތަ އިގްތިސާދަށް ފައިދާވާ ކަންކަމަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ.
http://www.audit.gov.mv/Uploads/AuditReports/2020/02February/Ministry%20of%20Tourism%20FY2018.pdf
ޓޫރިޒަމް މިނިސްޓްރީގެ 2018 ގެ އޮޑިޓް ރިޕޯޓް
މި ކަންކަން ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ވަނީ ސީއެސްއާރުގެ އުސޫލެއް އެކުލަވައިލައިފަ އެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ސީއެސްއާރުގެ ކަންކަމަށް ހަރަދު ކުރުމަށް ހާއްސަ އުސޫލެއް އޮތް ނަމަވެސް، ސީއެސްއާރުގެ ގޮތުގައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް، ސަރުކާރުން ފައިސާ ބަލައިގަތުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ނިޒާމުން ބޭރުން ސީދާ އެހެން ފަރާތްތަކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރަމުން ދިއުމުގެ ސަބަބުން، މި ފައިސާ ބޭނުންކޮށްފައި ވަނީ ހަމަހަމަ ކަމެއް ނެތި ދެފުށް ފެންނަ ގޮތަކަށް ނޫނެވެ.
މީގެ އިތުރުން މިނިސްޓްރީގެ ހިސާބުތައް ބަލަހައްޓާފައި ވަނީ ސީދާ ސީއެސްއާރުގެ ގޮތުގައި ނަގާފައިވާ ފައިސާ ކަށަވަރު ކުރެވޭ ގޮތަކަށް ނޫން ކަމަށް ވެސް އޮޑިޓުގައި ބުނެ އެވެ.
- ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިބިމެޑް (ސިފްކޯ) އަށް 52.4 މިލިއަން ރުފިޔާ ދިން އިރު އެ ކުންފުންޏަށް ލިބުނުކަން ކަށަވަރުވީ 47.9 މިލިއަން ރުފިޔާ އެވެ. ބާކީ 4.5 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައެއް ނުވެ އެވެ. އެ ކުންފުންޏަށް ފައިސާ ދީފައިވަނީ ފިޝަރީސް މިނިސްޓްރީގެ މަރާމާތާއި އެޓާނީ ޖެނެރަލް އޮފީސް މަރާމާތު ކުރުމާއި އާ ރަށުގެ ތޮށި ލުމާއި ބީޗު ހެދުމާއި ދެ ބުރީގެ އިމާރާތަކާއި ޕެވީލިއަން ހެދުމުގެ މަސައްކަތުގެ އިތުރަށް އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސްގެ ބޯޓު ބަނުމަށެވެ.
- މޯލްޑިވްސް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޑެޓް (އެމްއައިޓީޑީސީ) އަށް 36.6 މިލިއަން ރުފިޔާ ދިން އިރު އެ ކުންފުންޏަށް ލިބުނު ކަން ކަށަވަރު ކުރެވުނީ 31.4 މިލިއަން ރުފިޔާ އެވެ. ބާކީވާ 5.2 މިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެމްއައިޓީޑީސީ މެދުވެރިކޮށް ހަރަދުކޮށްފައިވާ ފައިސާއިން ކޮމިޝަންގެ ގޮތުގައި އެ ކުންފުންޏަށް އެއް މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އަދި ސީއެސްއާރުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 2.4 މިލިއަން ރުފިޔާ ހަރަދު ނުކޮށް ބާކީ ހުރިކަން އެމްއައިޓީޑީސީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން ލިބުނު 31.4 މިލިއަންގެ ތެރެއިން ހަރަދުކޮށްފައި ވަނީ ޖުމްލަ 27.9 މިލިއަން ރުފިޔާ އެވެ.
- ސްޓެލްކޯ އަށް ދިނުމަށް ކަނޑައެޅި 9.3 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނު އިރު ހަރަދުކޮށްފައި ވަނީ 5.6 މިލިއަން ރުފިޔާ އެވެ. ސްޓެލްކޯއިން މި ފައިސާ ހަރަދު ކުރީ އދ. މަހިބަދޫގެ ފުޓްބޯޅަ ދަނޑާއި ޅ. ނައިފަރު ފުޓްބޯޅަ ދަނޑާއި ތ. ވިލުފުށީ ފުޓްބޯޅަ ދަނޑު ހެދުމަށެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރި މަހިބަދޫ ދަނޑަށް 3.7 މިލިއަން ހަރަދުވި އެވެ.
- ޓޫރިޒަމްގެ ސީއެސްއާރު ފައިސާގެ ތެރެއިން އެމްޓީސީސީ އަށް 13.8 މިލިއަން ރުފިޔާ ދެއްކުމަށް ކަނޑައެޅި އިރު އޭގެ ތެރެއިން 13.4 މިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ކުންފުންނަށް އިންވެސްޓަރުގެ ފަރާތުން ލިބުނީ ހަ ލައްކަ ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން އިންވެސްޓަރުން ދައްކާފައިވާ ފައިސާގެ ގޮތުގައި އެމްޓީސީސީ ކަށަވަރުކޮށްދިން ފައިސާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ލިޔެކިޔުމުން ނުދައްކާ ދެ ލައްކަ ރުފިޔާ ހިމެނެ އެވެ.
- ޕީއެސްއެމަށް 6.8 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން ތިން ލައްކަ ރުފިޔާ ލިބިފައިނުވާ ކަން ޕީއެސްއެމުން އަންގާފައިވެ އެވެ. އަދި އެ ކުންފުންޏަށް ދިން ފައިސާގެ ތެރޭގައި ވެސް ޓޫރިޒަމް މިނިސްޓްރީގެ ލިޔެކިޔުންތަކުން ނުދައްކާ ދެ ލައްކަ ރުފިޔާ ހިމެނެ އެވެ.
- ސީއެސްއާރުގެ ގޮތުގައި އިންވެސްޓަރުން ދޭ ފައިސާގެ ތެރެއިން އެސްޓީއޯ އަށް ތިން ލައްކަ ރުފިޔާ ޖަމާ ކުރުމަށް އިންވެސްޓަރުންނަށް ޓޫރިޒަމް މިނިސްޓްރީން އެންގި ނަމަވެސް، ސީއެސްއާރުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބުނު ކަން އެސްޓީއޯގެ ރެކޯޑުތަކުން ނުދައްކަ އެވެ.
ވިލިވަރު ފެސިލިޓީ ހަވާލުކުރުމުގައި މައްސަލަތައް
ޓޫރިޒަމުން 26 މިލިއަން ގަވައިދާހިލާފަށް ހޭދަކުރި
ނަޝީދުގެ ސަރުކާރުން އިއުލާން ނުކޮށް 17 ރަށް ދޫކުރި
އެމްއާރްޑީސީގެ ހާއްސަ އޮޑިޓް: ބޮޑެތި ގޯސްތަކެއް
ބްރޯޑްކޮމުން ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން