13 މެއި 2018
މާލޭގެ މަގުތަކުގެ ތޮއްޖެހުން އާދަޔާ ހިލާފަށް ބޮޑުވެގެން އުޅޭ އިރު ޓްރެފިކް ހަމަޔަކަށް އެޅުވުމުގައި ފުލުހުންގެ ދައުރު މާ ކުޑަވުމުގެ ޝަކުވާ އެތައް ބަޔަކު މިހާރު ދަނީ ކުރަމުންނެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން އާދަޔާ ހިލާފަށް ބޮޑުވެގެން އުޅޭ އިރު ޓްރެފިކް ހަމަޔަކަށް އެޅުވުމުގައި ފުލުހުންގެ ދައުރު މާ ކުޑަވުމުގެ ޝަކުވާ އެތައް ބަޔަކު މިހާރު ދަނީ ކުރަމުންނެވެ.
ބައެއް ޓެކްސީ ޑްރައިވަރުންނާއި އާންމުން ބުނާ ގޮތުގައި ޓްރެފިކް ތޮއްޖެހޭ ވަގުތުތަކުގައި ޓްރެފިކް ފުލުހުން ތިބެގެން، މަގު ދައްކާ ހެދުމުން އޮމާންކަމާ އެކު ކޮޅުކޮޅަށް ދުއްވެ އެވެ. އެކަމަކު ޓްރެފިކް ފުލުހުންގެ ދައުރު ނެތުމުން މަގުތައް ތޮއްޖެހުމުގެ މައްސަލަ، ބައެއް ފަހަރު، ގޯހުން ގޯހަށް ދާ ކަމަށް އެ މީހުން ބުނެ އެވެ.
"ފުލުހުން ތިބެގެން ވަރަށް ރަނގަޅަށް މަގުތައް ހަމަޔަކަށް އަޅުވާލަދޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ޑްރައިވަރަކު ބުންޏެވެ.
"އެކަމަކު އެ މީހުން ވަރަށް މަދުން މަގުތަކުން ފެންނަނީ. ޓްރެފިކް ފުލުހުން ކުރާ ކަމެއް އަޅުގަނޑަކަށް ނޭނގޭ."
މާލޭގައި އެންމެ ބޮޑަށް ތޮއްޖެހޭ ސަރަހައްދުތައް ވަރަށް ފަސޭހައިން އެނގެ އެވެ. އަދި ބޮޑެތި މަސައްކަތްތައް ހިންގަން މަގު ބަންދުކުރިޔަސް އެ ހިސާބެއްގެ ޓްރެފިކް، ފުލުހުންގެ އެހީތެރިކަމެއް ނެތި، ހަމަޔަކަށް ނޭޅޭ މިންވަރަށް ގޯސްވެ އެވެ.
މިހާރު އެންމެ ބޮޑު ބާރެއް ބައެއް ވަގުތުތަކުގައި އަރަނީ އާޓިފިޝަލް ބީޗު ސަރަހައްދުން ހުޅުމާލޭ ފެރީ ޓާމިނަލާ ހިސާބަށެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގު ހެދުމުގެ މަސައްކަަތް ފަށާފައި ވާތީ އެ ހިސާބުގެ ބައެއް މަގުތައް، ބައެއް ވަގުތުތަކުއި އޮންނަނީ ޓްރެފިކުން ފުރިފަ އެވެ.
"ހެންވޭރު ދަނޑު ކައިރިން މުޅި ސަރަހައްދު ތޮއްޖެހި ބަރުގޮނުން ގުގުމާއިރު އެކަން ހައްލުކުރާނެ ފުލުހަކު ނުހުރޭ. ކޮންމެ ކޮންމެ ދުވަހަކުހެން މިކަން ދިމާވޭ މިހާރު. އެކަމަކު ވެސް ހައްލެއް ނުވޭ،" ހެންވޭރުކޮޅުގައި ހުރި އޮފީހެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.
ޓްރެފިކް ޕޮލިހުން ސްޓިކާ ޖަހަނީ: މަގުތައް ތޮއްޖެހޭ ގަޑިތަކުގައި ފުލުހުން އާންމުކޮށް ނުފެނޭ -- ފޮޓޯ: މިހާރު
ހަމައެކަނި ހެންވޭރެއް ނޫނެވެ. ސްކޫލު ގަޑިތަކާއި އޮފީސްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި މާލޭގެ އެކި ސަރަހައްދުތައް ތޮއްޖެހުން ވަރަށް އާންމެވެ. އެއްވެސް ކޮޅަކަށް ނުދުއްވި އެތައް އިރެއް ވަންދެން މަޑުކުރަން ޖެހެ އެވެ.
"ކުރިން ހަތް މިނެޓުން ކުރާ ދަތުރެއް މިހާރު 15 މިނެޓުން ނުކުރެވޭ. ޓްރެފިކްގައި ޖެހި ނުދުއްވި އެތައް އިރެއް ވަންދެން އޮންނަން ޖެހޭ،" ޓެކްސީ ޑުރައިވަރެއް ކަމަށްވާ އާދަމް މުހައްމަދު ބުންޏެވެ.
ބައެއް މީހުންގެ ޝަކުވާ އަކީ ޓްރެފިކް މައްސަލަ އެހާ ބޮޑުއިރު އެކަން ހައްލުކުރަން ޓްރެފިކް ޕޮލިހުންގެ ދައުރު އެހާ ފުޅާކޮށް ފެންނަމުން ނުދާތީ އެވެ. ހާއްސަކޮށް ޓްރެފިކް ބޮޑު ސަރަހައްދުތަކުގައި ގަވައިދުން ފުލުހުން ނުތިބުމުގެ މައްސަލަ އެވެ.
"ޓްރެފިކް ޕޮލިހުން ކުރާ ކަމަކީ ސްޓިކާ ޖެހުން. ދެން ރޭގަނޑު ބޭރު މަގުގައި ތިބޭނެ ޗެކްކުރަން. ޓްރެފިކް މައްސަލަ މިހާ ބޮޑުއިރު އެކަން ހައްލުކުރަން އުޅޭތަނެއް ނުފެނޭ،" އާންމު މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
ރާއްޖޭގެ ވެރިރަށުގެ މަގުތައް ހަމަޔަކަށް އެޅުވުމުގައި ޓްރެފިކް ފުލުހުންގެ ދައުރު ބޮޑުކުރުމާ ބެހޭ ގޮތުން ފުލުހުންގެ ފަރާތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
4 ފުރޮޅުލީ އުޅަނދަށް ވަންވޭ ކުރުމުން މަޖީދީމަގަށް ލުއިވާނެ
ރޯދަ މަހު ބާޒާރުމަތި ބެލެހެއްޓުން ވަރުގަދަ ކުރަނީ
މާލެ އަށް ސަޅީ ހަރުކަށިވުން!
ބްރިޖުގައި ފޯނު ބޭނުން ކުރުން އާންމު ވެފައި!
ދަރިފުޅު ބަލާ ގޮސް، ޓްރެފިކް ހަމަޔަކަށް އަޅުވައިފި
ބަރު އުޅަނދު ދުއްވުން ރޯދަމަހު ވަކި ވަގުތެއްގައި މަނާ
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!