Roadha Mihaaru
ބަޣާވާތަށް ފަހު ފިލަން ދިޔަ މީހުންގެ ޝަރީއަތް ފަށައިފި

ބަޣާވާތަށް ފަހު ފިލަން ދިޔަ މީހުންގެ ޝަރީއަތް ފަށައިފި

21 ޖުލައި 2016

އަންކާރާ (ޖުލައި 21) - ތުރުކީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޣާވާތް ކުރުމަށް ފަހު ނާކާމިޔާބުވުމުން ފިލަން ގްރީސް އަށް ދިޔަ އަށް އޮފިސަރުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޖުލައި 21) - ތުރުކީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޣާވާތް ކުރުމަށް ފަހު ނާކާމިޔާބުވުމުން ފިލަން ގްރީސް އަށް ދިޔަ އަށް އޮފިސަރުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ހެލިކޮޕްޓަރެއްގައި ގްރީސްގެ އުތުރުގެ ސިޓީއަކަށް ދިޔަ މީހުންގެ މައްޗަށް ދައުވާ ކުރަނީ ގަވާއިދާޚިލާފަށް އެ ގައުމަށް ވަދެފައިވާތީ އެވެ. އެ މީހުން ގްރީސްގެ އުތުރުގެ އެލެކްސަންޑްރޫޕޮލީ އަށް ޖެއްސީ ހެލިކޮޕްޓަރަށް މައްސަލައެއް ދިމާވި ކަމަށް ބުނެ އޮޅުވާލައިގެންނެވެ.

ބިޑި އަޅުވައިގެން އަށް މީހުން މިއަދު ކޯޓަށް ހާޒިރުކުރި އިރު އެ މީހުން ތިބީ މޫނު ނިވާ ކުރުވައިފަ އެވެ. އެ މީހުންގެ މައްޗަށް މިރޭގެ ވަގުތެއްގައި ހުކުމް ކުރާނެ ކަމަށް ބެލެވެ އެވެ. އެ އަށް މީހުން ކުށްވެރިވެއްޖެ ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ތުރުކީގައި ބަޣާވާތް ކުރުމަށް ފަހު ގްރީސް އަށް ފިލަން ދިޔަ މީހުން މޫނު ނިވާ ކުރުވައިގެން ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީގައި ބަޣާވާތް ކުރުމަށް ފަހު ގްރީސް އަށް ފިލަން ދިޔަ މީހުން މޫނު ނިވާ ކުރުވައިގެން ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ބަޣާވާތަށް ފަހު ގްރީސް އަށް ދިޔައީ ދެ ކޮމާންޑަރުންނާއި ހަތަރު ކެޕްޓަނުންނާއި ދެ ސާޖެންޓުންނެވެ. އެ މީހުން ގްރީސް އަށް ދިޔައީ އާއިލާތައް ވެސް ގޮވައިގެންނެވެ. އެ މީހުން ވަނީ އަނބުރާ ތުރުކީ އަށް ފޮނުވާލަފާނެތީ ގްރީސް އިން ހިމާޔަތް ހޯދަން އެދިފަ އެވެ. އެ މީހުންގެ ހިމާޔަތާ މެދު ގޮތެއް ނިންމާނީ އޮގަސްޓް މަހު އެވެ. އެހެން ކަމުން ކޯޓުން ކޮންމެ ހުކުމެއް އައި ނަމަވެސް އެ ހުކުމް ތަންފީޒު ކުރާނީ ހިމާޔަތް ހޯދަން ހުށަހަޅާފައިވާ މައްސަލާގައި ނިންމާ ގޮތެއް މައްޗަށް ބެލުމަށް ފަހު އެވެ.

ތުރުކީން ވަނީ އެ މީހުން އަނބުރާ ފޮނުވުމަށް ގްރީސްގައި އެދިފަ އެވެ. އަދި އެ މީހުންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގާނެ ކަމަށް ވަނީ ބުނެފަ އެވެ. ސިފައިންގެ އަށް އޮފިސަރުން ތުރުކީ އަށް އަނބުރާ ފޮނުވުން ލަސްވަމުންދާތީ ނޭޓޯގެ މެންބަރު ދެ ގައުމުގެ ގުޅުމަށް ވަނީ ބުރޫ އަރައިފަ އެވެ.

ބަޣާވާތުގައި ބައިވެރިވި މީހުންނަށް ހަރުކަށި އަދަބު ދިނުމުގެ ގޮތުން ތުރުކީގައި މަރުގެ އަދަބު ދިނުމަށް ވިސްނަވާ ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.