16 އެޕްރީލް 2018
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން 6-1 އިން ހޯދި ބޮޑު މޮޅާ އެކު ލީގުގެ އެއް ވަނަ އަށް ނިއު ރޭޑިއަންޓް އަރައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން 6-1 އިން ހޯދި ބޮޑު މޮޅާ އެކު ލީގުގެ އެއް ވަނަ އަށް ނިއު ރޭޑިއަންޓް އަރައިފި އެވެ.
ނިއު އެއް ވަނަ އަށް އެރީ ފަސް މެޗުން 13 ޕޮއިންޓް ހަަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓާ އެކު އޮތް އީގަލްސް އެވެ. ތިން ވަނައިގައި އޮތް މާޒިޔާ އާއި ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަ މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.
ގްރީން ސްޓްރީޓްސްގެ ފަހަތަށް ކުޅޭ މުހައްމަދު ސާއިފް އާއި މެދުތެރެއަށް ކުޅޭ ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބުލް އިލިއާ ކާޑު ހަމަވުމުގެ ސަބަބުން މިއަދު ނުކުޅެ އެވެ. އެ ޓީމުން މިހާތަނާށް ފަސް މެޗު ކުޅެފައިވާއިރު މޮޅުވީ އެންމެ މެޗަކުންނެވެ.
އެންމެ ފަހުން ބެންގަލޫރު އަތުން ބަލިވުމުން ނިއު މި މެޗަށް ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅުމަށެވެ. މި މެޗުގައި ނިއު އަށް ތަފާތު ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން ދެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ނިއު އަށް ލީޑުނަގައިދިނީ އެ ޓީމުގެ ދަގަނޑޭ އެވެ. އޭރިއާ ތެެރެއިން ނިއުގެ ސްޕެއިން ފޯވާޑް ގުއިލެމް މާޓީ ފޮނުވާލި ބޯޅަ ގޯލު ރޮނގުކައިރިން މުހައްމަދު ފަރުހާން (ފަރުއްކޮ) ސަލާމަތްކުރި ނަމަވެސް ދެ ވަނަ ފަހަރަށް އެ ބޯޅަ ލިބުނީ ދަގަނޑޭ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ފަސް މިނިޓް ފަހުން ނިއުގެ ދެ ވަނަ ލަނޑު ޖެހީ ގުއިލެމް އެވެ. ނިއު އަށް ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ބޯޅަ އަވަސްކޮށްލުމަށް ފަހު ދިނީ އޭރިއާ ތެރޭގައި ހުސްކޮށްހުރި ގުއިލެމް އަށެވެ. އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ ފުރަތަމަ 15 މިނިޓަށް ފަހު ގްރީން އިން ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 19 ވަނަ މިނިޓްގައި ގްރީންގެ ޔޫކްރޭނުގެ ފޯވާޑް ރޮލާންޑް ރަސެލް ވަނީ ލަނޑު ޖަހައިފަ އެވެ. ނިއު ފަހަތުން ގެއްލުނު ބޯޅައެއް ރަސެލް އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ފަހުން ނިއު އިން ކުރިއަށް ޖެހި ފޮނުވާލި ދެ ހަމަލާ ވެސް ގްރީންގެ ކީޕަރު ސާޖީ މަރަޑިން ވަނީ މަތަކޮށްފަ އެވެ. ގްރީން އިން ވަނީ މެޗުގެ 22 ވަނަ މިނިޓްގައި އެ ޓީމުގެ އިބްރާހިމް ރިޒުހާން (ރިޒްކޯ)ގެ ބަދަލުގައި އާދަމް މިސްބާހު ކުޅެން އަރުވައިފަ އެވެ. ރިޒްކޯ ބަދަލުކުރީ އޭނާ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
މެޗުގެ 32 ވަނަ މިނިޓްގައި ނިއުގެ ތިން ވަނަ ލަނޑު ޖެހީ ގުއިލެމް އެވެ. ކަންޑޭލާ ހުސްކޮށްލާފައި ދިން ބޯޅަ ގްރީންގެ އޮފްސައިޑް މަަޅިން ސަލާމަތްވުމަށް ފަހު ގުއިލެމް ވަނީ ހަމަ ޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަަމަ ހާފު ނިމުމުގެ ކުރިން ގުއިލެމް އަށް އޭނާގެ ހެޓްރިކް ފުރިހަމަކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އަދި އޭގެ ފަހުން އަލީ ފާސިރު (ސެންޓޭ) އާއި ދަގަނޑޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ވެސް ނުހިފުނެވެ.
ނިއުގެ ސެންޓޭ (ކ) ގްރީންގެ ފަރުއްކޮ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ގްރީން އަށް މި ހާފުގައި ދެ ވަނަ ލަނޑެއް ޖަހަން އެ ޓީމުގެ މިސްބާހު ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އަލުން ހޯދުމަށް ފަހު ގްރީންގެ އަހުމަދު ރިލްވާން (ރިލޭ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ނިއު އިން ދެ ވަނަ ހާފަށް ނުކުތީ ސްޕެއިނުގެ ޑިފެންޑަރު ޖޯޖް ގޯތޯރު ބަދަލުގައި ރިލްވާން ވަހީދު (ރިލޭ) އަރުވައިގެންނެވެ.
މެޗުގެ 54 ވަނަ މިނިޓްގައި ރަސެލް ހުސްކޮށްލާފައި މިސްބާހަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އެ ބޯޅަ އެ އަށް ވުރެ ރަނގަޅަށް ފޮނުވާލަން އޭނާ އަށް ފުރުސަތު ލިބުނެވެ. އޭގެ މިނިޓެއް ފަހުން ދަގަނޑޭ ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ކައުންޓަ އެޓޭކުގައި ސެންޓޭ ދިން ބޯޅަ އަކުން އޭރިއާ ތެރެެއިން ދަގަނޑޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ނިއުގެ ފަސް ވަނަ ލަނޑު މެޗުގެ 68 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސެންޓޭ އެވެ. ދަގަނޑޭ މުޅިން ހުސްކޮށްލާފައި އޭރިއާ ތެރެއިން ސެންޓޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު ސާޖީ ފައިގައި ޖެހިފަ އެވެ.
އޭގެ ފަހުން ހެޓްރިކް ހަދަން ދަގަނޑޭ އަށް ރަނގަޅު ތިން ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. އޭގެ ތެރެއިން އެއް ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަނެއް ދެ ބޯޅަ ކީޕަރު ސާޖީ ވަނީ މަތަކޮށްފަ އެވެ.
ނިއުގެ ހަ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން ހަމްޕު ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ހަތް ވަނަ ލަނޑެއް ޖަހަން ސެންޓޭ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ތަފާތު ބޮޑުކޮށް ބަލިވީ އެ ޓީމުގެ ފަހަތުން ވަރަށް ގިނަ ގޯސްތަކެއް ހެދިގެން ކަމަށެވެ.
"ނިއު ރޭޑިއަންޓް އެހާ ވަރުގަދަކޮށް އެހާ އޮގަނައިޒްކޮށް ކުޅެމުން އައިއިރު މިއަދު ގްރީން ޑިފެންސް މި ފެނުނީ ވަރަށް އާދައިގެ ޕްރައިމަރީ ލެވެލްގައި މިސްޓޭކްތަކެއް ހެދިތަން. އޭގެ ތެރެއިން މުޅި ޑިފެންސްގެ ކޮންފިޑެންސްވެސް ގެއްލިގެންދިޔައީ،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ މިހާ ތަފާތު ބޮޑުކޮށް ބަލިވުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރުކުރާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް ހިތްހަމަ ޖެހުމަކީ ކާޑެއް ނުހޯދައި އިތުރު އިންޖަރީއެއް ނެތި މެޗު ނިންމާލެވުން ކަމަށެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ އޭނާގެ ޓީމުން ޖުމްލަ ގޮތެއްގައި ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މާލޭ ލީގަކީ މިދިޔަ އަހަރު ނިއު އަށް ނުލިބޭ ހަމައެކަނި މުބާރާތް ކަމަށް ވުމުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ކުރެވުނުހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ދަގަނޑޭގެ ދެ ލަނޑާ އެކު ނިއު ލީޑު ދަމަހައްޓައިފި
ނިއުއާ ގުޅެން ދެ ފަހަރު ފުރުސަތު ލިބުނު: ސުޒޭން
ގްރީން ސްޓްރީޓްސްގެ މައްޗަށް ނިއު ކުރި ހޯދައިފި
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ގްރީންގެ ޓާގެޓަށްދާން އަދި މަސައްކަތް ކުރަންޖެހޭ: ރިލޭ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް