24 މެއި 2018
އެކަކު މަދުކޮށް ކުޅުނު ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އެކަކު މަދުކޮށް ކުޅުނު ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ނިއު 25 ޕޮއިންޓް އެއްކޮށްފައިވާއިރު ލީގު ޗެމްޕިއަންކަން ހޯދުމަށް ބާކީ އޮތް ހަތަރު މެޗުން ބޭނުންވަނީ ހަ ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. އަނެއްކޮޅުން މިރޭ ބަލިވުމުން ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ ގަދަ ހަޔަކަށް ވަނުމުގެ މަސައްކަތަށް އިތުރު ހުރަހެއް އެޅިފަ އެވެ. އެ ޓީމު އޮތީ ހަތް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މިރޭގެ މެޗުގެ 24 ވަނަ މިނެޓުގައި ނިއުގެ ޖޯޖް ގޮޓޯ އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީގެ އިސްމާއިލް ޝަފީއު އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރީ އެކަކު މަދުކޮށެވެ. އެ ޓެކުލް އަރައި ގޮޓޯގެ ފަޔަށް އަނިޔާވެ އޭނާ ވަނީ ވަގުތުން ބާލައިފަ އެވެ.
އެކަކު މަދުވުމާ އެކު ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެކަމަކު އިސް ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނެތި ފުރަތަމަ ހާފު ކުޅުނު ނިއު އަށް މި ހާފުގައި މާ ބޮޑު ނުރައްކަލެއް ވެސް ނުކުރެވުނެވެ. ޔުނައިޓެޑް ވިކްޓަރީ އެންމެ ބޮޑަށް ހާސްކޮށްލީ އޭރިއާ ބޭރުން ފޮނުވާލި ޝޮޓަކުން އަލީ ފާސިރު (ސެންޓޭ) އެވެ.
އެކަމަކު ދެ ވަނަ ހާފުގައި ނިއު އަށް ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ހާއްސަކޮށް ދެ ވަނަ ހާފަށް ދަގަނޑޭ އެރުވުމުން ނުރައްކާ ބޮޑުވި އެވެ. އެގޮތުން އުފައްދަމުން ދިޔަ ހަމަލާއެއްގައި މުހައްމަދު ރަޝީދު (ހޮކޭ) އަރިމަތިން ނެގި ހުރަހެއް ގޯލަށް ނުވަނީ ކިރިޔާ އެވެ. އެ ބޯޅަ ދަގަނޑޭ ޖަހާނެ ކަމަށް ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިން ތިއްބާ، ހުރަސްވެގެން ގޮސް ޖެހުނީ ދަނޑީގަ އެވެ.
ނިއު އިން އެޓޭކަށް ހުސްވެގެން ތިއްބާ ޔުނައިޓެޑް ވިކްޓަރީން ލަނޑެއް ނުޖެހީ ކިރިޔާ އެވެ. އެ ޓީމުގެ ސެމުއަލް ކޯޑެލް އަށް މުޅިން ހުސްކޮށް ލިބުނު ބޯޅައިގައި ކުރިއަށް އަރައިގެން ދަނިކޮށް ނިއުގެ އަކްރަމް އަބްދުލްގަނީ އޭނާ އަށް ހުރަސް އަޅަން ޓެކުލެއް ޖެހި ނަމަވެސް އަކްރަމްގެ ފައިގައި ޖެހިފައި އެ ބޯޅަ އަލުން ލިބުނީ ކޯޑެލަށެވެ. އޭނާ ދިޔަ ގޮތަށް ގޮސް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ މުހައްމަދު ފައިސަލްގެ އަތުގައި ނުޖެހި ކަނާ ދިމާލުން ބޭރަށެވެ.
ނިއުގެ ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ފަހުން ނިއު އިން ވެސް ނުރައްކާތަކެއް ކުރި އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ދަގަނޑޭ ބޮލުން ޖެހުމުން އަމާޒުނުވެ ދިޔައިރު ސެންޓޭ އާއި ހޮކޭ ފޮނުވާލި ބޯޅަތަކެއް ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަޗް) ދިފާއުކުރި އެވެ.
ނިއު އަށް ހަމަނޭވާއެއް ލެވުނީ 82 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ދަގަނޑޭ ވައްޓާލުމުން ރެފްރީ މުހައްމަދު ޖާވިޒް ޕެނަލްޓީއެއް ދިނުމުންނެވެ. އެ ޕެނަލްޓީ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައި ސެންޓޭ ނިއު އަށް ލީޑު ނަގައިދިނެވެ. މެޗުގެ ފަހުބައިގައި ޔުނައިޓެޑް ވިކްޓަރީން ފަހަތް ދޫކޮށް އެރި ނަމަވެސް ނިއު އިން ވަނީ މެޗުގެ ކޮންޓްރޯލް ހުރިހާ ގޮތަކުން ހޯދައި ތިން ޕޮއިންޓާ އެކު މެޗު ނިންމާލައިފަ އެވެ.
އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މޮޅެއް މި ހޯދުނީ ވަރަށް އުނދަގޫ މެޗަކުން ކަމަށާއި ބައެއް ޓީމުތަކުން ނިއުއާ ދެކޮޅަށް ކުޅެނީ މުޅިން ޑިފެންސިވް ގޭމް ކަމަށެވެ. އެކަމަކު އެ މެޗުތަކާ ކުރިމަތިލާނެ ގޮތް ނިއު އިން ދަސްކޮށް އެކަމުގައި ކާމިޔާބު ހޯދަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އެ ޓީމުން ވަރަށް ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު ކަމަށާއި އެކަކު މަދުކޮށް ނިއު ފަދަ ތަރިންގެ ޓީމަކާ ދެކޮޅަށް ކުޅެ ބަލިވީ ނަމަވެސް މެޗުން ބައިވަރު ޕޮޒިޓިވް ކަންތައްތަކެއް ފެނުނު ކަމަށެވެ.
"އަޅުގަނޑުމެން ބަލިވުން ހައްގެއް ނޫން. ނިއު އަށް މުޅި މެޗުގައި އޯޕަންކޮށް ލަނޑު ޖަަހަން ލިބުނީ އެންމެ ފުރުސަތެއް، އޭރު އަޅުގަނޑު ގާތްގަނޑަކަށް 58 މިނެޓު އެކަކު މަދުކޮށް ކުޅުނީ. މި މެޗުން ޕޮއިންޓެއް ލިބެން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ ކުޅުންތެރިން ކުރި. މިހެން ބުނަން ވެސް އުނދަގޫ އެކަމަކު ރަނގަޅަށް ގޭމް އޮފިޝިއޭޓްކުރި ނަމަ ތަފާތު ފެނުނީސް،" ނަޒީހު ބުންޏެވެ.
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް
ވިކްޓަރީ އަތުން ނިއު މުހިއްމު މޮޅެއް ހޯދައިފި
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ދަގަނޑޭގެ ދެ ލަނޑާ އެކު ނިއު ލީޑު ދަމަހައްޓައިފި
ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ
އާ މަގާމެއްގައި ހަމްޕު ތަފާތު ދައްކަނީ