11 މެއި 2018
އެސްޓީއޯ މާލޭ ލީގުގައި މިރޭ، ޒަމާންވީ ވާދަވެރިޔާ ވިކްޓަރީ އަތުން 3-1 އިން މޮޅުވެ، އޭއެފްސީ ކަޕުގައި މި ހަފުތާގައި ކުޅޭ މުހިއްމު މެޗުގެ ކުރިން ނިއު ރޭޑިއަންޓުން ލީގުގައި އިތުރަށް ހަމަޖެހިލައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ، ޒަމާންވީ ވާދަވެރިޔާ ވިކްޓަރީ އަތުން 3-1 އިން މޮޅުވެ، އޭއެފްސީ ކަޕުގައި މި ހަފުތާގައި ކުޅޭ މުހިއްމު މެޗުގެ ކުރިން ނިއު ރޭޑިއަންޓުން ލީގުގައި އިތުރަށް ހަމަޖެހިލައިފި އެވެ.
ފުރަތަމަ ބުރުގައި ވިކްޓަރީ އަތުން 2-1 އިން ބަލިވި ބަލިވުމުގެ ބަދަލު ނިއު އިން ހިފިއިރު، އެ ޓީމު ވަނީ ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. އެކަމަކު ދެ ވަނައިގައި 16 ޕޮއިންޓާ އެކު އޮތް މާޒިޔާ އިން މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެ ނަމަ އަނެއްކާ ވެސް ނިއުއާ ތިން ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ވިކްޓަރީ 15 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު، މާދަމާރޭ މާޒިޔާ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ޓީސީ އަށް ތިން ވަނަ އަށް އެރުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ. ޓީސީ މިހާރު ހަތަރު ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ.
މިރޭގެ މެޗުގެ 34 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު ނިއު އަށް ލީޑު ނަގައިދިނުމާ ހަމަޔަށް އެ ޓީމުން ކުޅުނީ ޕްރެޝަރުގަ އެވެ. ވިކްޓަރީން ވަނީ ނިއު އަށް ހަމަޖެހިލުމުގެ ފުރުސަތު ނުދީ ގިނަ ވަގުތު ހިފަހައްޓައިފަ އެވެ. ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) ނުވަ ވަނަ މިނެޓުގައި ހަމަލައެއް ފޮނުވާލި ނަމަވެސް އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ ވިކްޓަރީ އަށެވެ. އޭގެ ތެރެއިން 23 ވަނަ މިނެޓުގައި ސިމޮން ޓިބޯ ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ބޯޅަ ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ހުށިޔާރުކަމާ އެކު މަތަކުރި އެވެ. އަދި އެ ފަހަރު ލިބުނު ކޯނަރުގައި އެންހެލް މުނޯޒް ހުރަސްކުރި ބޯޅަ ސިމޮން ހުހަށް ހުރެ ޖެހުމުން ގޯލާ ސީދަލެއް ނުކުރެވުނެވެ.
ނިއު އަށް 34 ވަނަ މިނެޓުގައި އުމެއިރު ކުރި ހޯދައިދިނީ ގޯލް ކުރިމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ ގޯލުގެ މަތީ ކަނާ ދިމާލަށް ވައްދާލައިގެންނެވެ. އެ ގޯލާ އެކު ނިއު އަށް ހަމަނޭވާއެއް ލެވުނެވެ. އަދި ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކޮށްދިން ބޯޅައަކުން 44 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ގޯލް ޖަހައި ނިއު އަށް ތަފާތު ބޮޑުކޮށްދިނެވެ.
ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ވިކްޓަރީން އަނެއްކާ ވެސް ބާރުބޮޑުކުރަން ފެށި އެވެ. އެގޮތުން 54 ވަނަ މިނެޓުގައި އަހުމަދު ނާޝިދު (ނައްޓޭ) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ދަނޑި އެވެ.
އޭގެ ދެ މިނެޓު ފަހުން ދަގަނޑޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ސެންޓޭ ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން ދަގަނޑޭ ހުސްވި ވަގުތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
މި ހާފުގައި ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ. އެކަމަކު 67 ވަނަ މިނެޓުގައި ދަގަނޑޭ ނިއު އަށް ތިން ވަނަ ލަނޑު ޖަހައިދީ، މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ. ސެންޓޭ ދިން ބޯޅަ ދަގަނޑޭ ޖެހުމުން ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ވިކްޓަރީގެ ހަމައެކަނި ގޯލް 87 ވަނަ މިނެޓުގައި ވައްދާލީ ސިމޮން އެވެ.
ނިއު އަށް ދެން އޮތީ އޭއެފްސީ ކަޕުގައި ބުދަ ދުވަހު ރަށުން ބޭރުގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން އެ ޓީމަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނެ އެވެ. ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މިރޭގެ މެޗު ކުޅުނުއިރު އެ މެޗާ މެދު ނުވިސްނާ ކަމަށެވެ.
"ސަބަބަކީ އަހަރެމެންނަށް މިރޭ މޮޅެއް މުހިއްމު މާލޭ ލީގު ކާމިޔާބުކުރަން ކުރާ މަސައްކަތުގައި. އެކަމަކު މިރޭގެ މެޗަށް ފަހު ދެން މިއޮތީ ކުރިއަށް އޮތް މެޗާ މެދު ވިސްނަން ލިބިފައި. އެ މެޗުން މޮޅެއް ހޯދައި ދިވެހި ފުޓްބޯޅަ ފަހުރުވެރިކޮށްދޭން ބޭނުންވަނީ،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ މިރޭ ޓީމުން ދެއްކި ކުޅުމާއި އަދި ނަތީޖާއާ މެދު ވެސް ހިތްހަމަޖެހޭ ކަމަށާއި ކުރިން ބުނި ފަދައިގެން ނިއު އަށް ލީޑު ލިބޭ ހިސާބުން މެޗު ފަސޭހަވާނެކަން މިރޭ ވެސް ސާބިތުވި ކަމަށެވެ. އޭނާ ބުނީ ވިކްޓަރީން ކުރި ހޯދައިފި ނަމަ ފެންނާނީ އަށިގަނޑު އަބަދު އަރުވާ މަންޒަރު ކަމަށާއި ނިއު އަށް ލީޑު ލިބުނު ނަމަވެސް ބެލީ ކުރިއަށް ޖެހިގެން ކުޅެން ކަމަށެވެ.
ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ މޮޅު ކުޅުމެއް ކަމަށާއި ނިއު އިން ހޯދި ކާމިޔާބަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އޭނާގެ ޓީމަށް ދިމާވި މައްސަލައަކީ، ބައެއް ކުޅުންތެރިންނަށް ނުކުޅެވުންކަން އޭނާ ފާހަގަކުރި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހަމަޖެހިލާފައި ހުރި ނަމަވެސް ކިސް ވަނީ، ފަހުން ރެފްރީންގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ދަގަނޑޭގެ ދެ ލަނޑާ އެކު ނިއު ލީޑު ދަމަހައްޓައިފި
ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ
އާ މަގާމެއްގައި ހަމްޕު ތަފާތު ދައްކަނީ